ޒަކާތާ ގުޅޭ ބިލް މަޖިލީހުން ފާސްކޮށްފި

ޒަކާތު ފަންޑުން އިންވެސްޓުކުރެވޭގޮތް ހަދައި އެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ) އިން ބަލަހައްޓާ ގޮތަށް ޒަކާތު ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.މި އިސްލާހުތަކާ އެކު ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވީ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމަން މިއަދު ނެގި ވޯޓުގައި އެ އިސްލާހުތަކާ އެކު ބިލު ފާސްކުރީ، ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.އެ ބިލުގައިވާ ގޮތުން އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމުގައިވީ ނަމަވެސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކާއި ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅުނު ނަމަވެސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.އެ ބިލުގައި ވަނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޒަކާތު ހައުސް އަށެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ ފަރާތަކަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް މީގައި ހިމަނާފައިވެ އެވެ.އެއްވެސް ފަރާތަކުން ސައްހަ ނޫން ނުވަތަ ދޮގު މައުލޫމާތު ހުށަހަޅައިގެން ޒަކާތުގެ ފައިސާ ހޯދައިފި ނަމަ އެ ކުށްކުރި ފަރާތުން ހޯދި ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމާ އެކު ޒަކާތު ހައުސް އިން ކަނޑައަޅާ މުއްދަތަކަށް ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުން ނަން އުނިކުރާނެ ކަމަށް އެ ބިލުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ