ލަންކާއަށް އެރި ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށް، މޫސުން ރީތިވާނީ އަންގާރާގެ ފަހުން: މެޓް
ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށް ކަމަށް ބުނެ، މޫސުން ރީތިވާނީ އަންނަ އަންގާރަ ދުވަހުގެ ފަހުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ. މެޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، "ދީތްވާ"ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެހެންވެ، މިއަދު ލަންކާގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރާ ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)އިން ބުނެއެވެ. އެ ވިއްސާރައިގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް، މިހާތަނަށް ދިވެއްސަކަށް ގެއްލުމެއް ލިބިގެން ރިޕޯޓުކޮށްފައިނުވާ ކަމަށް ލަންކާގައި ހުންނަ ދިވެހި ސަފީރު މަސްއޫދު އިމާދު މިއަދު ވަނީ ވިދާޅުވެފައެވެ. https://sun.mv/214565 ރާއްޖޭގެ މެޓުން ބުނީ، އެ ތޫފާން މިހާރު ހުރީ، ހއ. ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުގައި ކަމަށެވެ. އެ ތޫފާން ދަތުރުކުރަމުން ދަނީ، ރާއްޖެއާ ދުރަށް ކަމަށް މެޓުން ބުނެފައިވެއެވެ. އަދި، އިންޑިއާގެ އުތުރު ޓަމިލްނާޑޫއާއި ޕޫޑޫޗެރީއާއި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރި ފަށާ ދިމާއަށް ކަމަށް އެ އިދާރާއިން ބުނެއެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ: މޫސުން ރީތިވާނީ އަންނަ އަންގާރަ ދުވަހުގެ ފަހުން ކަމަށް މެޓުން ވަނީ ބުނެފައި -- ސަން ފޮޓޯ/ މުހައްމަދު މާވީ އޭގެއިތުރަށް، ރާއްޖެއަށް ހުދު ސަމާލު ނެރުނީ، އެ ތޫފާނާ ގުޅިގެން މެޓު އޮފީހުގެ އެލާޓު ދަށް ކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުން ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ވެސް މެދުރާއްޖެ ތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަަން މެޓުން ފާހަގަކުރިއެވެ. މިއަދުގެ މޫސުމަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކޮށް، އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ބުނެއެވެ. އެގޮތުން، އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ އުތުރާއި އިރުއުތުރުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދު ބާރުމިނުގައި ކަމަށްވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި އަށާރަ މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވިލާގަނޑުގައި ހުރިހާ ހިސާބުތަކަށް 35 މޭލަށް ވައިގަދަވެ، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަިދ، އުތުރުގެ ކަނޑުތައްއާދައިގެ ވަރަކަށް މަޑުވާނެ ކަަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ