ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމް، ހުރިހާ ބޭންކެއް މެދުވެރިކޮށް ހިންގާ ގޮތަށް ގަވައިދެއް
ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ތައާރަފުކުރަން ނިންމައި، އެކަމާ ގުޅޭ ގަވައިދު އާންމުކޮށްފިއެވެ. އެމްއެމްއޭއިން ބުނީ، "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ތައާރަފުކުރާ ފައިނޭންސިން ސްކީމަކީ ގްރޭޓާ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ސްކީމެއް ކަމަށެވެ. އެމްއެމްއޭއިން ވަނީ، ހުރިހާ ބޭންކުތަކުން ވެސް ލޯން ޕޯޓްފޯލިއޯގެ ތެރެއިން މަދުވެގެން ދިހަ އިންސައްތައާއި ފަނަރަ އިންސައްތައާ ދެމެދުގެ މިންވަރެއް، މި ސްކީމަށް ކަނޑައަޅަންވާނެ ކަމަށް ބުނެފައެވެ. އެ ސްކީމުގެ ދަށުން ދޫކުރާ ލޯނު ދައްކަން 25 އަހަރުގެ މުއްދަތެއް ލިބޭއިރު، އެއަށް ވުރެ ކުރު މުއްދަތެއް ވެސް ހަމަޖައްސައިދެވޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. ހަދަމުންދާ އިމަރާތެއް: އެމްއެމްއޭއިން ބޭންކުތައް މެދުވެރިކޮށް، ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް ތައާރަފުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ ބެންކުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓަށް ލޯނު ދޫކުރުމެވެ. އެމްއެމްއޭއިން ބުނީ، އެ ސްކީމުގެ ދަށުން ލޯނު ހޯދުމަށް ދެ ގޮތެއް އިޚުތިޔާރު ކުރެވޭނެ ކަމަށެވެ. އޭގެތެރެއިން، އެއް ގޮތަކީ، ބޭންކުތަކުން ފައިނޭންސްކޮށްގެން ހަދާ ހައުސިން މަޝްރޫއުތަކަށް ދެވޭ އިޚުތިޔާރެކެވެ. މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ ފަސް އިންސައްތަ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ލޯނު ފޯރުކޮށްދިނުމަށް ހެދިފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާ ނިމުމުން، އެ ފެސިލިޓީގެ ދަށުން ނަގާފައިވާ ތަނުގެ މިލްކުވެރިކަން، ފެސިލިޓީ ނެގި ފަރާތުގެ ނަން މައްޗަށް ބަދަލުކުރަން އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އޭގެއިތުރުން، ލޯނާ ގުޅިގެން އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހުނު ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެކަން އެމްއެމްއޭއިން ފާހަގަކުރިއެވެ. މި ސްކީމުގެ ދަށުން އިޚުތުޔާރު ކުރެވޭ ދެވަނަ ގޮތަކީ، ޑިވެލޮޕަރު ނުވަތަ އިންވެސްޓާ ފައިނޭންސްކޮށްގެން ހަދާ ހައުސިން މަޝްރޫޢުތަކަށް ދޭ ފުރުސަތެވެ. އިމާރާތެއްގެ މަސައްކަތް ހުއްޓިފައި: އެމްއެމްއޭއިން ބޭންކުތައް މެދުވެރިކޮށް، ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް ތައާރަފުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް އޭގެތެރެއިން، އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ސްކީމް ހިންގާ އިދާރާއިން ލޯނު ދޫކުރާއިރު، މި މޮޑެލްގެ ދަށުން ފައިނޭންސިން ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި އަގާއި މުއްދަތު ކަނޑައަޅާނީ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ކަމަށް އެމްއެމްއޭއިން ބުނެއެވެ. މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ ހަ އިންސައްތަ ކަމަށްވާއިރު، ގެދޮރު ގަންނަ ފަރާތްތަށް އިކުއިޓީގެ ގޮތުގައި ފަސް އިންސައްތަ ބަހައްޓަން ޖެހެއެވެ. ހަމައެހެންމެ، ފައިނޭންސިން ފެސިލިޓީން ގަންނަ ތަނުގެ އިތުރުން އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެކަން އެ ބެންކުން ފާހަގަކުރިއެވެ. އެމްއެމްއޭއިން ބުނީ، މި ސްކީމްގެ ދަށުން ގެދޮރު ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެކަނި ކަމަށެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރެވޭނީ އަލަށް ގެދޮރުވެރިކަމުގެ މިލްކިއްޔާތު ލިބޭ ފަރާތްތަކަށް އެކަނި ކަމަށާއި އެފަރާތަކީ މިސްކީމްގެ ދަށުން ދޫކުރެވޭ ލޯނަށް މަހުންމަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ގާބިލުކަންހުރި މީހަކަށް ވާން ޖެހޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ނިންމައިފައެވެ. https://sun.mv/212279 އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅައިފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫއާ ގުޅޭ ކަންކަން އިތުރުކޮށްގެން ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމައިފައެވެ. ބޭންކުތައް މެދުވެރިކޮށް، ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް ތައާރަފު ކުރަން ނިންމިއިރު، ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެ ސަރަހައްދުގައި އެންމެ ބޮޑު މައްސަލައެވެ. އެގޮތުން، މި ސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅެނީ ކުއްޔަށް ކަމަށްވާއިރު، އެކަމަށް ބޮޑު ޚަރަދެއް މަހަކަށް ކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ