އެޗްޑީސީއަށް ސަރުކާރުން 10 ބިލިއަން ރުފިޔާ ދޭންޖެހޭ

އެކި މަޝްރޫއުތަކާއި ފުލެޓާއި ގޯތިތަކުގެ ކުލި ހިމެނޭހެން ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ދައްކަން ޖެހޭކަން، އެ ކޯޕަރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.އެޗްޑީސީއަށް ލިބެންޖެހޭ ފައިސާގެ އަދަދުތައް އެ ކުންފުނިން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ރިޕޯޓެއް ގައެވެ.އެޗްޑީސީގެ ރިޕޯޓްގައިވާ ގޮތުން އެ ކުންފުންޏަށް ސަރުކާރުން ދައްކަން ޖެހޭ 4.3 ބިލިއަން ރުފިޔާ އާއި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތިތަކުގެ ބިމަށް ސަރުކާރުން ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާގެ އިތުރުން ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން ސަރުކާރުން ދޭންޖެހޭ 3.9 ބިލިއަން ރުފިޔާއާ އެކު އެޗްޑީސީއަށް ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ޖުމްލަ އަދަދު 10 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ އިތުރުން އެޗްޑީސީގެ ކޮމާޝަލް 571 ކަސްޓަމަރުން ޖޫރިމަނާއާ ނުލާ އެ ކޯޕަރޭޝަނަށް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 976 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމާއި، ވިޔަފާރިތަކާއި އާންމުން ކުލީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަން ވެސް އެ ހިސާބުތަކުން ހާމަވެއެވެ.ތަފާސްހިސާބުތައް ހާމަކުރައްވައި ނާޒިމް ވިދާޅުވީ، އެޗްޑީސީން ކުރީ ސަރުކާރުގައި ބިންތައް ދޫކޮށް ކުލިތައް ކުޑަކުރި ގޮތުގެ ސަބަބުން އެ ކޯޕަރޭޝަނަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަހްމަދު ސާމިހް ވިދާޅުވީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އުސޫލުތަކަށް މުހިއްމު ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން އެޗްޑީސީގެ ކޮމާޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ ކްރެޑިޓް ޑޭޓާ އެމްއެމްއޭގެ ކްރެޑިޓް ބިއުރޯގައި ރަޖިސްޓްރީކޮށް މަހުން މަހަށް އަޕްޑޭޓް ކުރަމުންދާތީ އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ލިބުން ރަނގަޅުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ."އެމްއެމްއޭގައި ރަޖިސްޓްރީ ކުރަމުންދަނީ ހަމައެކަނި ރެޒިޑެންޝަލް ކަސްޓަމާސް އެކަންޏެއް ނޫން. ހުރިހާ ކޮމާޝަލް ކަސްޓަމާސްވެސް ހަމަ އިޝޫއެއް ނޫޅޭ ޝޯޓްއައުޓް ނުވާ ހުރިހާ އެއްޗެއް ނޫނިއްޔާ މިހާރު ހުންނާނީ ހުރިހާ ކަސްޓަމާސް ބޭސްއެއް ރަޖިސްޓާ ކުރެވިފައި. ރިކަވަރީއަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 223 މިލިޔަން ވަނީ ރިކަވަ ވެފައި،" ސާމިހް ވިދާޅުވި އެވެ.އެޗްޑީސީން ބުނީ ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފައިސާ ދައްކަން ހަނދާންކޮށްދިނުމާއި އިންޒާރު ދިނުމާއި ޖޫރިމަނާ ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ