އޮޅުވާލައިގެން ނެގި ވޯޓުން ސަރުކާރަށް ބޮޑު ބައްޔެއް: ފޭދޫ ރައްޔިތުން ދައްކުވައިދިނީ އެއްބައެއްވަންތަކަން އޮޅުވާލައިގެން ނެގި ވޯޓުން ސަރުކާރަށް ބޮޑު ބައްޔެއް: ފޭދޫ ރައްޔިތުން ދައްކުވައިދިނީ އެއްބައެއްވަންތަކަން

އައްޑޫ ސިޓީ ކައުންސިލުން ސ. ފޭދޫ ވަކިކުރަން އެ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު 25 ނަގާނެ ކަމަށް މުހައްމަދު މުއިއްޒު އިއުލާންކުރުމާއެކު ވެސް އެންމެ އަޑުގަދަވީ އައްޑޫ ސިޓީން ފޭދޫ ވަކި ނުވާނެ ކަމުގެ އަޑެވެ. އެ އަޑު ގަދަވާން ފެށި ގޮތަށް ނުހުއްޓި އެންމެ ފަހުން އިއްޔެ ނެގި ވޯޓުގައި ވެސް މިވަނީ ފޭދޫ ރައްޔިތުންގެ ބަސް އިއްވައިދީފަ އެވެ.
އައްޑޫ ސިޓީން ހުޅުދޫ އާއި މީދޫ ވަކިވުމުގެ އަޑުތައް ކުރިން ވެސް އިވެ އެވެ. ނަމަވެސް އޭގެ ތެރެއަށް ފޭދޫ ވަނީ ކިހިނެއްކަން އެނގެނީ ސަރުކާރަށް އެކަންޏެވެ. މުއިއްޒު ވިދާޅުވާ ގޮތުން ފޭދޫގައި އެ ވޯޓު ނަގަން ނިންމީ ވީ ވައުދެއް ފުއްދުމަށެވެ. އެކަމަކު އެ ވައުދުވީކަން އެނގޭނެ ހަމަ އެއްގޮތަށް ވެސް ނޭނގުނެވެ. ފޭދޫ ރައްޔިތުން އެކަމަށް ނޭދޭކަން މިއަދުގެ ވޯޓުން ވެސް ކަށަވަރުވެއްޖެ އެވެ. އެހެންކަމުން ސަރުކާރުން އުޅުނީ ފޭދޫ ރައްޔިތުންނަށް އޮޅުވާލާށެވެ.
އައްޑޫގައި ނެގި ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް މުއިއްޒު ކުރިން ވިދާޅުވި އެވެ. އެކަމަކު ޖެހިގެން ވިދާޅުވި ޖުމްލައިގައި ފޭދޫގައި ވަކި ކައުންސިލެއް އޮތުމުގެ ފައިދާތައް އެމަނިކުފާނު ވިދާޅުވި އެވެ.
ވޯޓާ ދިމާކޮށް ސަރުކާރުގެ ވަޒީފާތައް ނުފޫޒުގަދަ އާއިލާތަކަށް ބެހުމަށް މުއިއްޒު އަންގަވާފައިވާ ކަމަށް އަންގާފައިވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވި އެވެ. އައިބީގެ ދަރިފުޅު ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް މިދިޔަ ދެ ހަފުތާ ބަންދުގައި އުޅުއްވީ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ކެމްޕެއިނު ކުރެއްވުމުގަ އެވެ.
އެހެންކަމުން އައްޑޫ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް އޮތް ކަން ވަރަށް ބޮޑަށް ސާފުވެގެންދިޔަ އެވެ. ސަރުކާރުން ބޭނުންވީ އައްޑޫ ސިޓީ އިން ފޭދޫ ވަކި ކުރުމަށެވެ.
އައްޑޫ ސިޓީ ފޭދޫގައި ޖުމްލަ ފަސް ވޯޓު ފޮށްޓެއް ބެހެއްޓި އެވެ. އެ ވޯޓު ފޮށިތަކަށް އެޅި ވޯޓު ކަރުދާސްތައް ގުނަން ފެށުމުގެ ކުރިން މޭޒުމަތީގައި އަތުރާލި އެވެ. އަތުރާލީ ފޭދޫގައި ކައުންސިލެއް އޮންނަން ފެންނަތޯ ކުރި ސުވާލުގެ ޖަވާބަކަށް އޮތް "އާނއެކެވެ" ނުވަތަ "ނޫނެކެވެ" ޖަހާފައި އޮތް ކަރުދާސްކޮޅުތައް ވަކިވަކިންނެވެ. އޭގެ ތެރެއިން "ނޫނެކެވެ" ޖަހާފައި އޮތް ބަޔަށް ބަރުވާން ފެށި ހިސާބުން ސަރުކާރުގެ އިސް ވެރިން ވޯޓުލާ މަރުކަޒުން ގެއްލުނެވެ. އެތަނުގައި ތިބި އާންމު ރައްޔިތުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމުގެ މަންޒަރުތަކެވެ.
މިއީ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ހޯދަން ނެގި ވޯޓަކަށް ނުވިޔަސް، ވެރިކަން ހިންގާ ޕީއެންސީން ތިބީ ވަކި ކައުންސިލެއް ހެދުމަށް ތާއީދުކޮށްގެންނެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ފޭދޫއިން އެކަން ފެނިގެންދިޔަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫގެ ދެ ގޮނޑިވެސް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެކަމަކު، ސަރުކާރަށް އޮތް ތާއީދު މިހާރު އެނބުރިފައިވާކަން ކޮންމެވެސް ވަރަކަށް ކުލަވެ އެވެ.
ވޯޓަށްފަހު ފޭދޫ ރައްޔިތުންގެ އިހުސާސްތައް ސޯޝަލް މީޑިއާގައި ދަނީ ބަންޑުން ކޮށްލަމުންނެވެ. އެ އިހުސާސްތައް ވޯޓު މަރުކަޒު ކައިރި ހުރި އަންހެނަކު އަދަދު އާ ހިއްސާކުރި އެވެ. އޭނާ ބުނީ އެ ވޯޓަކީ އައްޑޫ ރައްޔިތުންނަށް ބަޔަކު ދޭން އުޅުނު ލަނޑެއް ކަމަށެވެ. ނަމަވެސް އެ ލަނޑުން ސަލާތްވުމުން އުފަލުން ހުރި ކަމަށް އޭނާ ބުންޏެވެ.
"މާލޭ ސަރުކާރުން ބޮޑުން ގެނެސްގެން މިއީ އައްޑޫ ސިޓީއަށް ދޭން އުޅުނު ލަނޑެއް. މީތި މިއޮތީ އިރާދަކުރެއްވިއްޔާ ކާމިޔާބުކޮށްފައި. ދައްތަ ވަރަށް ބޮޑަށް އުފާވޭ. މިއީ ހާދަ ބޮޑަކަށް ބައިބައި ކުރަން އުޅުނު ކަމެކޭ،" އޭނާ ބުންޏެވެ.
އިތުރު މީހަކު މި ނޫހާ ވާހަކަދައްކަމުން ބުނީ މިއަދުގެ ވޯޓުން ފެނުނީ ފޭދޫ ރައްޔިތުންގެ ބާރު ކަމަށެވެ. ވޯޓަށް ނުފޫޒު ފޯރުވަން މިނިސްޓަރުންނާއި މަޖިލިސް މެންބަރުން އަދި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ގެނެސްގެން މަސައްކަތް ކުރުމުން ވެސް ސަރުކާރުން ބޭނުންވި ކަންތައް ހާސިލުނުވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ސަރުކާރުގެ ބާރާއި ނުފޫޒުން މި އިންތިހާބަށް ފޯރުވި. މިނިސްޓަރާއި އެމްޕީގެ އިތުރުން އެހެން ރަށްރަށުގައި ތިބި އެމްޕީންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ގެނެސްގެން މަސައްކަތް ކުރީމަ ވެސް ރައްޔިތުންގެ ބާރު މި ފެނުނީ،" އޭނާ ވިދާޅުވި އެވެ.
މި ވޯޓަކީ ސަރުކާރުގެ ވޯޓެއް ގޮތުގައި ލޭބަލްވެފައި އޮތްކަން ފާހަގަކޮށް އެހެން މީހަކު ބުނީ ސަރުކާރަށް ފޭދޫ ރައްޔިތުންގެ ސައިޒު ދައްކާލެވުމުން ހިތްހަމަޖެހުނު ކަމަށެވެ. އޭނާ ބުނީ މިވަރުގެ އުފަލެއް އޭނާ ދުވަހަކު ވެސް ނުވާ ކަމަށެވެ.
"ސަރުކާރުގެ އެތައް ބަޔަކު މިކަމާ އުޅުނު. އެވަރުން ވެސް ވޯޓު މިއޮތީ ކާމިޔާބުވެފައި. ކުރިން އަބަދު ލާރިއާ އެއްޗެހި ބަހައިގެން ކާމިޔާބު ކުރޭ. އެކަމެއް މިއަދު އެކަމެއް ނުވި. މިއީ ދުވަހަކުވެސް އުފާ ނުވާ ވަރަށް އުފާވި ދުވަހެއް. އެއީ އިހުސާސަކީ،" އޭނާ ބުންޏެވެ.
ފޭދޫގައި ވަކި ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން އައިބީ އާއި އިހުސާން ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތްތަކުގައި ދެއްކެވި ބައެއް ވާހަކަތަކުގެ އޯޑިއޯތައް ވެސް ލީކުވި އެވެ. އެ އޯޑިއޯތަކުގައި އައިބީ ދައްކަވާފައި ހުރި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ވަކި ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން އައިބީގެ ޓީމުގައި ހިމެނޭ ގިނަ ބަޔަކު ދޮގު މައުލޫމާތުތައް ފެތުރުމުން ވެސް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ހާއްސަކޮށް ޒުވާނުން ރުޅި ގަދަވީ، މުޅި އައްޑޫ ސިޓީ ތަމްސީލުވާ ކްލަބެއް ވެސް މާލޭގައި ނުކުޅޭ ކަމަށް އައިބީ ދެއްކެވި ވާހަކައިންނެވެ.
އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެއްގައި ސަރުކާރުގެ އެއްވެސް ސްޓޭންޑެއް ނެތް ކަމަށް ބުނިއިރު ވަޒީފާތަކާއި ފައިސާ ބެހުމުގެ ކަންކަމުގެ ތުހުމަތުތައް ވެސް އޮތީ ފެންމަތިވެފަ އެވެ. ވަޒީފާ ބެހުމުގެ ކަންކަން ކުރިއަށްދިޔަކަން ފަޅާއެރީ މި ވަގުތު ވަޒީފާ ދޭން މުއިއްޒު އަންގާފައި ވަނީ، އެމީހެއްގެ ފަހަތުގައި ޓީމެއް އޮތް އަދި އެ މީހަކު ބުނާހާ ގޮތަކަށް ކަންތައް ކުރާ ވަރުގަދަ މީހުންނަށް އެކަނި ކަމަށް އައިބީ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.
"އެ މީހަކަށް ވަޒީފާއެއް ދޭ މީހެއްގެ ވަށައިގެން އަހަރުމެން ކުރަން މި އުޅޭ މަސައްކަތުގެ ޓީމެއް އޮންނަން ޖެހޭނެއޭ. އޭނަގެ މުޅި އާއިލާ މީހުންނާއި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާނެ ވަރުގެ ވަރުގަދަ މީހުންނަށް ކަންތައްތައް ކޮށްދޭށޭ މިދަނޑިވަޅުގައި،" ލީކުވި އައިބީ ވިދާޅުވި އެވެ.
އިހުސާންއާމެދު ރައްޔިތުން ހިތްހަމަނުޖެހިފައި ތިބީ ސަރުކާރުގެ މިނިސްޓަރަކު މިފަދަ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެެއްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމުންނެވެ. މިއަދު ފޭދޫ ސްކޫލްގައި ވޯޓުލާން ފެށުމުގެ އެންމެ ކުރިން އެތަނަށް ވަޑައިގެން ވޯޓު ފޮށިތައް ބަންދުކުރުމާ ހަމައަށް ގިނަ ވަގުތުތަކެއް އިހުސާން އެތަނުގައި ހޭދަކުރެއްވި އެވެ.
ވޯޓުލީ ވަގުތު ފޭދޫ ސްކޫލް ކައިރީގައި އިހުސާން ހުންނެވުމުން އެކަމުގެ ޝަކުވާ މި ނޫހާ ހިއްސާކުރި މީހަކު ބުނީ ސަރުކާރުގެ މިނިސްޓަރަކު އެތަނުގައި ހުރީ ސީދާ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށެވެ. އިހުސާންގެ ބައްޕާޅު އައިބީ ވެސް އެތަނުގައި މީހުން އެއްކޮށްގެން އުޅުމުން ގިނަ ބައެއްގެ ހިތްހަމަނުޖެހުން އެގަޑީގައި ވެސް އޮތެވެ.
"މިއީ ހަމަ ސީދާ ނުފޫޒު ފޯރުވުން. ސަރުކާރުގެ މިނިސްޓަރެއް މިތަނުގައި ހުންނާކަށް ނުޖެހޭ. ވޯޓު ލެވެންޏާ ލައިފައި ދާންވީ. އެކަމަކު މިތަނުގައި މި ހުންނަނީ ގްރޫޕް އެއްކޮށްގެން ސީދާ ނުފޫޒު ފޯރުވަން،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ