އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމަކަށް މޮރޮކޯ އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމަކަށް މޮރޮކޯ

ރަބަތު، މޮރޮކޯ (ސެޕްޓެމްބަރު 6) - އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމަކަށް މޮރޮކޯ ވެއްޖެ އެވެ.
އެ ގޮތުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ތާރީހުން ޖާހަ ހޯދި މޮރޮކޯ އިން އެފްރިކާ ބައްރުގެ ކޮލިފައިންގައި ރޭ 5-0 އިން ނައިޖާ ބަލިކޮށް ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކޮށްފަ އެވެ.
ރޭގެ މެޗުގެ ބޮޑުބައި ނައިޖާ އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، 26 ވަނަ މިނިޓްގައި ނައިޖާގެ އަބްދުލް ލަތީފް ގޯމޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. މޮރޮކޯ އިން މެޗުގެ ހުރިހާ ގޯލެއް ޖެހޭ ވެސް އޭގެ ފަހުންނެވެ. އެ ގޮތުން، މޮރޮކޯގެ ލަނޑުތައް ޖެހީ، އިސްމާއިލް ސައިބާރީ ދެ ގޯލާއި އައްޔޫބް އެލް ކާބީ، ހަމްޒާ އިގަމާނޭ އަދި އައްޒެދީން އޯނާހީ، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
މި ނަތީޖާއާ އެކު، ވޯލްޑް ކަޕް ކޮލިފައިން އެފްރިކާ ފަޅީގެ ގްރޫޕް އީގެ އެއް ވަނައިގައި މޮރޮކޯ އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެެވެ. މޮރޮކޯ އަށް ޖާގަ ޔަގީންވީ ދެ ވަނައިގައި އޮތް ތަންޒާނިއާ ކުޅުނު މެޗުން ރޭ ކޮންގޯއާ 1-1 އިން އެއްވަރުވުމުންނެވެ.
ވޯލްޑް ކަޕުން އެފްރިކާ އަށް ސީދާ ނުވަ ޖާގަ ލިބޭއިރު، އެއް ޓީމަަށް ޕްލޭއޮފްގެ ފުރުސަތު ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ