ސުޕްރީމް ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ އެއީ ފުލް ބެންޗުން ބަލަންޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިދީފައިވާ އިހުތިސޯސެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއިން ފޮނުވާފައިވާ ނޯޓިސް އާއި ހަވާލާދީ ފަނޑިޔާރު އާދަމް މުހައްމަދު ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ ޖޭއެސްސީން ބެލުމަށް ނިންމާފައިވާ އޭނާގެ ސުލޫކީ މައްސަަލައިގައި، ވަކީލެއްގެ ގޮތުގައި ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަން ބޭނުން ވި ކަމަށެވެ. އަދި ޖަމީލު އަމިއްލަ ގޮތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރުވެ ވަޑައިގަންނަވާ މައްސަލައެއްވާނަމަ އެފަދަ އެންމެހައި މައްސަލަތަކުން ތަނާޒުލްވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށާއި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަމާލުކަމަށް ގެނެސް އެކަން 2019، އޮކްޓޯބަރު 22 ގައި ސުޕްރީމް ކޯޓަށް ފޮނުވި ސިޓީ ހަމަ އެ ދުވަހުގެ 10:45 ގައި ކޯޓަށް ލިބި، ސުޕްރީމް ކޯޓުގެ ތައްގަނޑު ޖެހުމަށްފަހު އެ ސިޓީގެ ކޮޕީއެއް ސުޕްރީމް ކޯޓުން ލިބިފައިވާ ކަމަށެވެ.
ސިޓީގައި ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ، އޭނާގެ ވަކީލެއްގެ ގޮތުގައި ޖަމީލު ހަމަޖެއްސުމުގެ މަސައްކަތް ފެށީވެސް ޖަމީލު އަމިއްލަ ގޮތުން ހުށަހަޅާފައިވާ މައްސަލަތަޚާއި އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރުވެ ވަޑައިގަންނަވާ މައްސަލައެއް ވާނަމަ އެފަދަ އެންމެހައި މައްސަލަތަކުންވެސް ތަނާޒުލްވެވަޑައިތުމަށްފަހުގައި ކަމަށެވެ.
”ގާނޫނީ ނަމްބަރު 13/2010 (ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 13 ވަނަ ނަމްބަރުގައި ބުނަނީ ”ފަނޑިޔާރަކު ސީދާގޮތުން ނުވަތަ ނުސީދާގޮތުން އަމިއްލަ ނުވަތަ ޝަހުސީ މަސްލަހަތެއް ނުވަތަ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާއި އޮންނަ ގުޅުމެއްގެ ސަބަބުން ފަނޑިޔާރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ އެއްވެސް މައްސަލައެއް ނުބެލުން“ މިފަދައިން ކަމަށްވާއިރު، ކޮމިޝަނުން ބެއްލެވުމަށް ނިންމާފައިވާ މިދެންނެވި މައްސަލައިގެ ވަކީލެއްގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖެހޭތޯ އަޅުގަނޑު މަސައްކަތް ފެށީވެސް 22 އޮކްޓޯބަރު 2019 ގައި އަޅުގަނޑު ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑރ. އަހުމަދު ޖަމީލު އަހުމަދު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް އަމިއްލަފުޅަށް ހުށަހަޅާފައިވާ މައްސަލަތަކާއި އޭނާ ވަކީލެއްގެ ގޮތުގައި މި ކޯޓަށް ވަޑައިގަންނަވާ މައްސަލަތަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ މައްަލަތަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ މައްސަލަތަކާއި އެންމެހައި މައްސަލަތަކުން އަޅުގަނޑު ތަނާޒުލްވެއްޖެކަން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސް އެކަން ސުޕްރީމް ކޯޓަށް ދެންނެވުމަށްފަހުގައި..“ ސިޓީގައި ބުނެފައިވެއެވެ.
އާދަމް މުހައްމަދު ވިދާޅުވީ 13/2010 ގެ 29 ވަނަ މާއްދާގެ (ހ) ގެ 13 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް ހުރިހާ ކަމަކަށް ވެސް އަމަލުކޮށްފައިވާ ކަމަށެވެ. އަދި ޑރ. ޖަމީލު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަަލައަކީ ދުސްތޫރީ މައްސަލައެއްކަމަށް ވިޔަސް އެ މައްސަލައަކީ ފުލް ބެންޗުން ބެލުން ގާނޫނު އަސާސީއާއި ކޯޓުތަކާއި ބެހޭ ގާނޫނޫން ލާޒިމް ކުރާ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަން ގާނޫނު އަސާސީގެ 113 ވަނަ މާއްދާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ އޮތުމުގެ އިތުރުން ސުޕްރީމް ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ އެއީ ފުލް ބެންޗުން ބަލަންޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިދީފައިވާ އިހުތިސޯސެއް ނޫންކަން އެނގެން އެބައޮތް ކަމަށެވެ.
އެކަން ސާފުކޮށް އެނެގެން އޮތްހިނދު ޑރ. ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ރާއްޖޭގެ ސުޕްރީމް ކޯޓިގެ ފަނޑިޔާރުންގެ މަޖިލީހުގެ ފުލްބެންޗުން ބަލަންޖެހޭ މައްސަލައެއްކަމަށް ޖޭއެސްސީން އެ މައްސަލަ ބަލާ ކޮމިޓީއިން ނިންމާ އެ މައްސަލައިގައި އޭނާގެ ވަކީލެއްގެ ގޮތުގައި ޖަމީލު ގަބޫލު ނުކުރެވޭނެ ކަމަށް ނިންމުމަކީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަދުލު އިންސާފު ގާއިމް ކުރުމުގެ އިިހްތިސޯސްގެ ތެރެއަށް ވަދެ ޖޭއެސްސީގެ ދުސްތޫރީ އިހުތިސޯސްގެ ބޭރުން ގާނޫނުނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ފަނޑިޔާރުންނަށް ލިބިދީފައިވާ މުސްތަގިއްލުކަމުގެ މަބްދައާއި ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ޢައިރު ދުސްތޫރީ އަމަލެއްކަން ފާޅުކަން ބޮޑުގޮތެއްގައި އެގެން އެބައޮތް ކަމަށެވެ.
”ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) އިން ގާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދާ ލިބިގަތުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއްކަން އެނެގެން އޮތް ހިނދު ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ކަނޑައެޅިގެން ބަޔަންކޮށްފައިވުމުން އަޅުގަނޑާއި މެދު ކޮމިޝަނުން ބަލަން ނިންމާފައިވާ މިދެންނެވި މައްސަލަ ބައްލަވާ ކޮމިޓީއިން އަޅުގަނޑުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުށަހަޅާފައިވާ ޑރ. ޖަމީލު ގަބޫލު ނުކުރުމަށް ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީގެ މި ދެންނެވި މައްދާތަކާއި ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމެވުމެއްކަން ސާފުކަން ބޮޑުގޮތެއްގައި އެނގެން އެބައޮތް….“ ސިޓީގައި ވެއެވެ.
އާދަމް މުހައްމަދުގެ ސިޓީގައި ބުނެފައިވަނީ އެ ނިންމުމަކީ އޭނާއަށް ގާނޫނު އަސާސީގެ 53 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްގުން ގަސްތުގައި މަހްރޫމު ކުރުމަށް ނިންމާފައިވާ ތައައްސުފީ ނިންމުމެއްކަމަށެވެ.
ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖޭއެސްސީއިން ބަލަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ 15 ނިންމުމަކާ ގުޅޭ މައްސަލައެކެވެ. އެއީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކުރި 15 ކަމެކެވެ.
އެކަމާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން، އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތުގެ ތެރެއިން ނިންމާ އެއްވެސް ބާވަތެއްގެ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެފަދަ ނިންމުމެއް ގޯސްކަމަށްބުނެ ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ މައްސަލައެއް ބަލައިގެން ތައުދީބީ ފިޔަވަޅެއް އެޅުމަކީ، ސުޕްރީމް ކޯޓު އަމުރުގެ ދަށުން، ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ކަމެއް ކަމަށެވެ.
އެހެންވެ، އެ 15 ނިންމުމާ ގުޅޭ މައްސަލަތަކަކީ ޖޭއެސްސީއަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ފަނޑިޔާރު އާދަމް ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ހަމަ އެފަދައިން ވިދާޅުވެ، ޖޭއެސްސީއަށް ޖަވާބުދާރީވެވަޑައިނުގަންނަވާނެ ކަމަށް މިއަދު ވިދާޅުވެފަ އެވެ.
ފަނޑިޔާރު އާދަމް ވިދާޅުވީ އޭނާއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވާ އަމުރަކީ ބާތިލް އަމުރެއް ކަމަށާއި އެއްވެސް ފަރާތަކުން ކުރާ ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ.
”ޖޭއެސްސީއިން ނެގީ، އެ ކޮމިޝަނަށް ލިބިގެން ނުވާ ބާރެއް!“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ