ބަނޑޭރިކޮށި ތަޅާލައި ސިފައިންނާއި ފުލުހުންނަށް ހައުސިން މަޝްރޫއެއް އަންނަ އަހަރު ފަށާނަން: ރައީސް

ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބަނޑޭރިކޮށީގައި ބޮޑު ހައުސިން މަޝްރޫއެއް އަންނަ އަހަރު ފަށާެނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 
ވީ ކިިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބަނޑޭރިކޮއްޓަކީ ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭގައި ހާއްްސަކޮށްފައިވާ ސަރަހައްދެކެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ބަނޑޭރިކޮއްޓަކީ ހިދުމަތުގައި ދެމިހުރިހާ ދުވަހަކު، ކަނޑައެޅިފައިވާ ވަކި އުސޫލަކުން މިހާރު ވެސް ބޯހިޔާވަހިކަން ދޭ ތަނަކަށްވާއިރު، އެތަނުގެ ބޭނުން ހިފޭ ސިފައިންނާއި އާއިލާތައް މަދު ކަމަށެވެ. ޒަމާންތަކެއްވެފައިވާ އެ އިމާރާތުގެ ފެންވަރު ވެސް މިހާރު ހުރީ ރަނގަޅަށް ނޫންކަން ރައީސް ފާހަގަކުރެއްވި އެވެ.
"ބަނޑޭރިކޮށި ޒަމާންތަކެއް ވެއްޖެ އެހެން ހުންނަތާ. ތަރައްގީއެއް ނުކުރެވޭ. ހަމަ ކޮންމެ ސަރުކާރެއްގައި ވެސް އެ ވާހަކަދެކެވޭ. އަޅާނުލާ އޮންނަ ކަމަކަށް ވެފައި އޮންނަނީ. އެކަމަކު އެކަން ބަދަލުކުރަން އަޅުގަނޑު ވާނީ ނިންމާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަަ އަހަރުގެ ކުރީކޮޅު ފަށަން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ. އެހާތަނަށް އެ މަޝްރޫއު ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް އަށް މަސް ތެރޭ ނިންމުމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއު ވާނީ، މުޅި ބަނޑޭރިކޮށި ސަރަހައްދު ޒަމާނީކޮށް، ސިފައިންނާއި ފުލުހުން އަދި އެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށައި ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުއަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއަށް ބަނޑޭރިކޮށި ތަޅާލައި، މިވަގުތު އެތަނުގައި ތިބި ސިފައިން އެހެން ތަނަކަށް ވަގުތީ ގޮތުން ބަދަލުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، ބަދަލުުކުރާނެ ވަކި ތަނެއް އެ މަނިކުފާނު ވިދާޅެއްނުވެ އެވެ.
"އެންމެ ލަސްވެގެން މިއަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް ދާއިރަށް، ކުރިއަށް އޮތް އަށެއްކަ މަސްދުވަސް ތެރޭ އަޅުގަނޑުމެންގެ ޓާގެޓަކީ އަމަލީ ގޮތުން އެ ސަރަހައްދުގައި ބޮޑު ހައުސިން މަޝްރޫއެއް، އިރާދަކުރެއްވިއްޔާ ސިފައިން އަދި ފުލުހުންނާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭނެ ގޮތަށް ސާވިސްގައި ތިބޭއިރު ކަނޑައެޅުމަށް މަސައްކަތްކުރުން،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ