ނޫސްވެރިންގެ ބައްދަލުވުމުން އަދަދު ނޫހުގެ ޝަހްޒާން ބޭރުކޮށްފި

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުން ނޫސްވެރިޔަކު ބޭރުކޮށްލައިފި އެވެ. ބޭރުކޮށްލާފައި ވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާނެވެ.
އޭނަ ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކުރީ އަދަދު ނޫހުން ރައީސްގެ މައްޗަށް ގަޒްފުގެ ތުހުމަތުވާ ގޮތަށް ގެނެސްދިން ޑޮކިއުމަންޓަރީ އަށް ވާހަކަ ދެއްކި ކަމަށް ބުނާ ރައީސް އޮފީހުގެ ކުރީގެ މުވައްފަޒަކަށް ރައީސް ފޯނުން ގުޅުއްވި ކަމަށް ބުނެ، ސުވާލު ކުރުމާ ގުޅިގެންނެވެ.
ޝަހްޒާންގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ނޫސްވެރިޔާ ވަނީ އެ މައްސަލައިގައި ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ އެފަދަ ނޫސްވެރިޔަކަށް އެތަނުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރުކޮށްފައެވެ. އަދި އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް އަމުރުކޮށްފައެވެ.
އެހެންކަމުން ޝަހްޒާން ކޯޓު އަމުރާ ހިލާފުވެފައިވާތީ ރައީސް އޮފީހުގެ ޕްރެސް ހޯލުން ނިކުމެވަޑައިގަތުމަށް ރައީސް އެންގެވިއެވެ. އަދި އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިންޒާމްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެއާ އެކު ރައީސް އޮފީހުގެ ސެކިއުރިޓީން ވަނީ ޝަހާޒްން ނޫސްވެރިންގެ ބައްދަލުވުން އޮތް ތަނުން ބޭރުކޮށްފަ އެވެ. ޝަހްޒާނަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސެވެ.
ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ