ކޯޓު އަމުރާއި ޚިލާފުވުމުން އަދަދުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފިއެވެ.
ޝަހްޒާން ރައީސް އޮފީހުން ނެރުނީ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކުރި ސުވާލެއްގައި ކްރިމިނަލް ކޯޓުގެ ގޭގް އޯޑަރާ ޚިލާފުވެފައިވާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެންނެވެ.
ޝަހްޒާން ސުވާލުކުރީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅުވައިގެންނެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރުކޮށްފައެވެ. އަދި އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
ޝަހުޒާން ކުރި ސުވާލާ ގުޅިގެން ރައީސްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ރޫލް އޮފް ލޯ" ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އިއްޔެ ނެރުނު ކޯޓު އަމުުރުގައި ވިދާޅުވެފައިވަނީ އެ ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގައި ބަޔާންކުރާ މުޖުތަމައުގެ އަޚުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމުގައިވާތީ، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށެވެ. އަދި އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބަޔާންކުރައްވާފައެވެ.
ކޯޓު އަމުރާއި ޚިލާފުވުމުން އަދަދުގެ ނޫސްވެރިޔާ ރައީސް އޮފީހުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ