ޑޮކިއުމަންޓްރީގެ ވާހަކަ މަނާކުރި ކޯޓު އަމުރަށް ތަބާވާން މީޑިއާތަކަށް ކޮންޓްރޯލް ކޮމިޝަނުން އަންގައިފި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމަންޓަރީ ދައުރުނުކުރުމަށާއި އެކަމާ ގުޅޭ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާވާން މީޑިއާތަކަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މިއަދު އަންގައިފި އެވެ.
ވީކިހިނެއް؟ - ކްރިމިނަލް ކޯޓުން މި ގެގް އޯޑަރު ނެރެނީ، ރައީސް މުއިއްޒު ގަޒުފުކުރި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެންނެވެ.
ކްރިމިނަލް ކޯޓުން އަމުރުކުރަނީ:
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން 
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
ތަފްސީލް - ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން ކޮންޓްރޯލް ކޮމިޝަނުން ވަނީ މީޑިއާތަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގައި ބުނާ އެންމެހާ މީޑިއާތަކުން ކޮންޓެންޓް އާންމުކުރުގައި އިސްވެ ދެންނެވުނު ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަންގަމެވެ،" ކޮންޓްރޯލް ކޮމިޝަނުގެ ސާކިއުލާގައިވެ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ