ޑީއެންއޭ އިން ގައުމު އެހެން މިސްރާބަކަށް ގެންދާނެ: އުމަރު

ޑީއެންއޭ އިން ގައުމު އެހެން މިސްރާބަކަށް ގެންދާނެކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އެކަމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ގުޅިގެން ފަށާ އިސްލާހީ ހަރަކާތް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ޑީއެންއޭ އުފެއްދީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ނޫންކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ގައުމު ގެންދަންޖެހޭ މިސްރާބަށް ގެންދިޔުމަށް ބޭނުންވާ ”ޑްރީމް ޓީމެއް“ އެކުލަވާލާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. މިހާރު ތިއްބެވި ލީޑަރުންނަށް ރައްޔިތުން އިތުބާރު ނުކުރާ ކަމަށާއި، ބޭނުންވަނީ ތަޖުރިބާހުރި، ތެދުވެރި އިހްލާސްތެރި ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފަސް ބޭފުޅުން ވެރިކަން ކުރެއްވި ކަމަށާއި ނަމަވެސް ހުރިހާ ވެރިކަމެއްގައިވެސް އެއް މައްސަލަތަކެއް ހައްލު ނުކުރެވި ހުރި ކަމަށެވެ.
”މަސައްކަތް ކުރާ އުމުރުގެ ދިވެހިން މަގުތަކުގައި ބިއްޖެހި، ސަލާން ޖަހައި ކުނިގޮނޑު ހޮވަން އުޅޭއިރު، ބިދޭސީން ދަނީ ދިވެހިން އަދާ ކުރަންވީ ވަޒީފާތައް ފުރަމުން. ދިވެހިން ކުރަންވީ ވިޔަފާރިތައް ބިދޭސީން ނަގައިގެން ގޯޅިގޯޅި ކަންމަތީގައި ފިހާރަ ހަދައިގެން މުދާ ވިއްކަމުން އެބަދޭ. ބިދޭސީ ސިފައިން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެމީހުންގެ އުޅަނދުތަކާއެކު ފައިބައިފި. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ކުދިކުދި ކޮޓަރިތަކުގައި ފިތިބާރުވެގެން ތިބެ ކައްކާ، ކައިބޮއި، ކިޔަވާ ނިދާ ހަދައިގެން އުޅޭތާ އެތަށް އަހަރެއްވެއްޖެ. މަސްތުވާ އެއްޗެއްސާ ގޭންގް ތަށް މަގުތަކުގައި އާންމުވެއްޖެ،“ އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތައް ހައްލު ނުކޮށް، އިތުރު 20 އަހަރު ކަޑަތުކޮށްފިނަމަ، ރާއްޖޭގެ މިނިވަންކަމާ އަމިއްލަވަންތަކަން ގެއްލި، ދިވެހިން ރާއްޖޭގައި ބާކީވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ