މަޖިލިސް ސުޕަ މެޖޯރިޓީއަކީ މިނިވަން މުއައްސަސާތަކަށް އޮތް ބިރަކަށް ވެއްޖެ: އާދަމް ޝަރީފް އުމަރު

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީއަކީ މިނިވަން މުއައްސަސާތަކަށް އޮތް ބިރަކަށް ވެއްޖެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީޙުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 
އާދަމް ޝަރީފް އުމަރު މިފަދަިއން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ކުރިއަށް ގެންދިއުމުގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި އެއްވެސް ކަހަލަ ނުފޫޒެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕީޖީ ހުސެން ޝަމީމް ވިދާޅުވުމާއި ގުޅިގެންނެވެ. 
އާދަމް ޝަރީފް ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް މިހާތަނަސް ނެރެވުނު އެއްވެސް ނަތީޖާއެއް ނެތް ކަމަށެވެ. ހަމައެހެންމެ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޕީޖީ އޮފީސް ކޮމްޕްރަމައިޒް ވެދާނެ ކަމުގެ ބިރު މިހާރު އުފެދެމުންދާ ކަމަށާއި އެހެން ކަމުން ޕީޖީގެ ގާނޫނީ ޒިންމާ އަދާކުރެއްވުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ. 
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ލަސްވެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ސައުވާ ނުއުފުލި ލަސްވާތީ އެކަން ބެލުމަށް އެމްޑީޕީއަސް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއީޒް ވަނީ ހުށަހަޅުއްވާފައެވެ. އަދި މައްސަލަ އަވަސް ކުރުމަށް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. 
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން މިހާރު މަޖިލީހުގެ 16 މެންބަރަކަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާތައް ދައުރުވާން ފެށީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައިން ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، މިއުޒިކް ބޭންޑެއްވެސް ހިންގަމުން އައި ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް) ގެ އެކައުންޓަކަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި އަހަރުގެ ފެބްރުއަރީ މަހު ނެރުމާއި އެކު ތަފާތު އެތައް ކަމެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ހަޒާނާއަށް ނުވަދެ ގެއްލިފައިވާއިރު  ހިޔާނާތުގެ ފައިސާ ލިބުނު އެންމެން އަދިވެސް ސާފެއް ނުވެއެވެ. ފައިސާ ޖަމާވި އެކައުންޓުތަކުގެ ތެރެއިން އޭސީސީގެ ރިޕޯޓުގައި ވަނީ މަދު ބައެކެވެ. އެއީ 177 މީހުންނެވެ. އެހެން ނަމަވެސް، އެ ފައިސާ އެކި ގޮތް ގޮތުން ވަނީ ދައުރުކޮށްފައެވެ. އެސްއޯއެފްއިން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށްފަހު، އަދި އެ އެކައުންޓުން އިތުރު އެކައުންޓަކަށް ހަމަ އެ ފައިސާ ޖަމާކުުރުމަށްފަހު، ނަގުދު ފައިސާގެ ގޮތުގައި މީހުންނާއި ވަނީ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ