އަނެއްކާ ވެސް ހަތަރު މީހަކު ސާމްޕަލް ދޭން ދެކޮޅު ހެދުން، ކޯޓުން ޖެހުނީ އަމުރެއް ނެރެން!

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނުދީގެން މިރޭ ވެސް ހަތަރު މީހެއްގެ މައްޗަށް ސިވިލް ކޯޓުން ކޯޓު އަމުރު ނެރެން ޖެހިއްޖެ އެވެ.
މައްސަލައާއި ގުޅޭގޮތުން ސިވިލް ކޯޓުން ބުނެފައިވަނީ، އަމުރު ނެރެފައިވަނީ ސާމްޕަލް ދޭން ދެކޮޅު ހެދި ހަތަރު މީހެއްގެ މައްޗަށް ކަމަށެވެ. އެކަމާއި ގުޅިގެން އޭނާގެ މައްޗަށް އަމުރެއް ނެރެފައިވާތީ އެ ކޯޓުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މީގެ ކުރިން ވެސް ކަރަންޓީނުގައި ހުރި މީހަކު ސާމްޕަލް ދޭން ދެކޮޅު ހެދުމުން އޭނާގެ މައްޗަށް ކޯޓު އަމުރެއް ނެރެފައި ވެއެވެ.
ކޯޓުން ނެރުނު އަމުރުގައި ވަނީ، ސާމްޕަލް ދިނުމަށް އޭނާގެ މައްޗަށް އަމުރުކޮށް، އެ އަމުރު ތަންފީޒު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އެކަން އަންގާފައެވެ.
މިއީ، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަންގަމުންދާ އެންގުމުންތަކަށް ތަބާނުވެގެން އަމުރެއް ނެރެން ޖެހުނު ހަވަނަ ފަހަރެވެ. މީގެ ކުރިން ނެރުނު އަމުރުތަކަކީ، ކަރަންޓީނަށް ދާން ދެކޮޅު ހެދިބައެއްގެ މައްޗަށް ނެރުނު އަމުރުތަކެވެ. އޭގެ ތެރޭގައި ބޭރު މީހެއް ވެސް ހިމެނެއެވެ.
މާލޭގައި ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުން ދާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 618 އަށް އަރާފައެވެ. ބަލި ޖެހުނު މީހުންނާއި ކޮންޓެކްޓުވެގެން ގިނަ އަދަދެއްގެ ބަޔަކު ވެސް ކަރަންޓީނުކޮށްފައި ވެއެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރުން އައި ބައެއް މީހުން ވެސް ކަރަންޓީނުގައި ފެސިލިޓީތަކުގައި އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ