ދެވަނަ ސާމްޕަލްއަށް ތިން ދުވަސް: އެއް މަސް ނުވާ ތުއްތު ކުއްޖާ ބައްޔަށް ނެގެޓިވްކަމަށް އާއިލާއަށް އަންގައިފި

އާއިލާގެ މެމްބަރަކާއި ކޮންޓެކްޓުވެ ކޮވިޑަށް ޕޮޒިޓިވްވީ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަނުން މީޑިއާތަކަށް ހާމަކުރި އެއް މަސް ނުފުރޭ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލް ނެގިތާ ތިން ދުވަސް ފަހުން އެކުއްޖާ ބައްޔަށް ނެގެޓިވްކަމަށް އާއިލާއަށް އަންގައިފިއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެއް މަސް ނުފުރޭ 17 ދުވަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނޭ ކަމަށް އެންއީއޯސީއިން ނޫސްވެރިންނަށް ހާމަކުރީ މީގެ ދެ ދުވަސް ކުރީންނެވެ. އޭރު އެ ކޭސްއާއި ބެހޭ މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ ކުއްޖާއަކީ ބައްޔަށް ޕޮޒިޓިވް ވި މީހެއްގެ ކްލޯޒް ކޮންޓެކްޓެއްކަމަށެވެ.
ކުޑަކުދިންނަކީ ހައި ރިސްކު ކެޓަގަރީއަށްވެފައި އެ ކުއްޖާ ކޮވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށް ޑރ. އަފްޒަލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ވިހެއިތާ ދެ ހަފްތާ ވީ ތުއްތު ކުއްޖެއް ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ކުއްޖާގެ މަންމަ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ޑރ. އަފްޒަލް ވިދާޅުވީ އިރު ކުއްޖާގެ ދެވަނަ ސާމްޕަލް ވެސް ވަނީ ނަގާފައެވެ. އެހެން ނަމަވެސް ކުއްޖާގެ އާއިލާއަށް ނަތީޖާތަކެއް އަންގާފައި ނުވެއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ތުއްތު ކުއްޖާއާއި ގުޅޭގޮތުން ސުވާލު ކުރިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބެއެވެ. ކުއްޖާ ބައްޔަށް ނެގެޓިވްކަމަށް ވިދާޅުވުމަށްފަހު ޑރ. އަފްޒަލް ”ނޫން“ ވިދާޅުވުމަށް ފަހު އެ ސުވާލު ދޫކޮށްލެއްވީ ފަހުން ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެއެވެ.
”ސަންގު“ އަށް މައުލޫމާތު ދެމުން ކުއްޖާގެ އާއިލާއިން ބުނީ މިރޭ ކުއްޖާ ބައްޔަށް ނެގެޓިވްކަމަށް އެނގާފައިވާ ކަމަށެވެ. ނަތީޖާތައް އާއިލާއާއި ހިއްސާ ކުރަން އެހާ ވަގުތު ނަގަން ވީ ސަބަބަކީ ކޮބައިތޯ ސުވާލުކުރުމުން ގުޅި ފަރާތުން ދިން ޖަވާބަކީ ”ނަމްބަރު ނެތީމަ“  ކަމަށެވެ. ނަމަވެސް އާއިލާއިން ވަނީ ކޮންމެ ދުވަހަކު ވެސް ކުއްޖާގެ އަޕްޓޭޑެއް ހޯދުމަށް ގުޅާއިރު ނަމްބަރު ނޯންނަން ވީ ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އަދި އާއިލާގެ އެހެން މެމްބަރުންގެ ނަމްބަރު ވެސް އޮންނާނެ ކަމަށް ބުނި ކަމަށެވެ.
އާއިލާގެ ފަރާތުން ވަނީ ކުއްޖާގެ ނަތީޖާތަކާއި ގުޅޭގޮތުން ދެކެވޭ ވާހަކަ ވެސް ސާފުކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް އެކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމުގައި ގުޅި ފަރާތުން ބުނި ކަމަށް އައިލާއިން ބުންޏެވެ. އަދި އިސްފަރާތަކުން ގުޅާނެ ކަމަށް ބުނެފައިވީ ނަމަވެސް އަދިވެސް ގުޅާފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. 
ސަންގުއާއި ވާހަކަ ދައްކަވަމުން ކުއްޖާގެ އާއިލާއިން މިއަދު މެންދުރު ބުނެފައިވަނީ އެކި ފަހަރު މަތީން އެޗްޕީއޭއަށް ގުޅިއްޖެކަމަށެވެ. ނަމަވެސް އެއްވެސް އަޕްޑޭޓެއް ނުވަތަ ދަރިފުޅުގެ ނަތީޖާތައް ނޭނގޭ ކަމުގައި ބުނި ކަމަށެވެ. އަދި ކުއްޖާގެ ނަތީޖާތައް އެހާ ލަހުން އެނގެން ވީ ކީއްވެގެންތޯ ވެސް އާއިލާއިން ސުވާލު އުފައްދައެވެ.
ސިޒޭރިއަންއަށް ފަހު އަދިވެސް އެކީ ރަނގަޅު ނުވާ ކުއްޖާގެ މަންމަ ހުރީ ދަރިފުޅާއި ދަރިފުޅުގެ ބައްޕައާއި އެކު އެޗްއައިއެޗްގެ ކަރަންޓީންގައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ