ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަނީ ވެރިކަމަށް އައިސް ބަކުނޑިބެއްދުމަށް: ގާސިމް

ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަނީ ވެރިކަމަށް އައިސް ބަކުނޑިބެއްދުމަށްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއިން ރޭ މާމިގިލީގައި ކުރިއަށްދިޔަ ކެމްޕޭން ޖަލްސާގައި ވާގަކަދައްކަވަމުން ގާސިމް ވަނީ ކޯލިޝަން ހަދައިގެން ސަރުކާރުތައް ހޮވަން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަަދައްކަވާފައެވެ.
ގާސިމް ވިދާޅުވީ ޕީޕިއެމްއަށްވެސް އެމްޑީޕީއަށްވެސް ވެރިކަން ހޯދައިދިނުމަށް ޖޭޕީއިން މަސައްކަތްކޮށްދެއްވައިފައިވާނެކަމަށެވެ. އޭގެ ނަތީޖާ ފެނިފައިވާކަމަށް ވިދާޅުވިއެވެ. ކޯލިޝަން ހަދައިގެން އެހެން ޕާޓީތަކަށް ވެރިކަން ހޯދައިދެއްވުމުން ކަންވީ ގޮތް ދިވެހި ރައްޔިތުންނަށް ފެނިފައިވާނެކަމުގައި ވިދާޅިވިއެވެ.
ކޯލިޝަން ހަދައިގެން އައި ސަރުކާރުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ގައުމުގެ ދަރަނި އިތުރުވެފައިވާކަމުގައި ވިދާޅުވިއެވެ. ވެރިކަމަށް އައުމަށް ވާ ވައުދުތައް ނުފުއްދޭކަމަށާއި، ވައުދު ވަނީ ވެރިކަމަށް އައިސް ބަކުނޑިބެއްދުމަށްކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ގައުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ.
”މިއުޅެނީ ދައުލަތުން އެއްޗެއް ބޭނުންވެގެން ނޫން. އެއްވެސް ހާލެއްގައި އެހެނެއް ނޫން. އަޅުގަނޑު މިއުޅެނީ އަޅުގަނޑެކޭ އެއްފަދައިން މި ދިވެހިރާއްޖޭގެ ކޮންމެ ލޮބުވެތި ރައްޔިތަކުވެސް އަޅުގަނޑެކޭ އެއްފަދަ ތަނަވަސް މީހަކަށް ހަދައިދިނުމުގެ މަޤްޞަދުގަ“ ގާސިމް ވިދާޅުވިއެވެ.
އަބަދާއި އަބަދު ބޭރު ގައުމުތަކުން ލޯން ނަގައިގެން ގައުމު ތަރައްޤީކުރަން ވެއްޖެ ނަމަ، ރިކަރެންޓް ޚަރަދު ބޮޑު ލޯނަށް ފައިސާ ދައްކަން އޮތް ގޮތަކީ ސަރުކާރުން އަބަދު ރައްޔިތުން ފެލަައިގެން ފައިސާ ހޯދައިގެންތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. އަދި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހޮވިވަޑައިގެންފިނަމަ ވެރިކަމަށް އައިސް ޓެކްސް ބޮޑު ކުރާނީތޯ؟ ވެރިކަން ހޯދުމަށް ސަރުކާރު ކުންފުނިތަކުން ދީފައި ހުރި ވަޒީފާތަކުން މީހުން ކަނޑާލަންވީތޯ؟ މިއީތޯ ކަންކުރައްވާނެ ގޮތަކީ ގާސިމްވަނީ ސުވާލު އުފައްދަވާފައެވެ.
މިކުރާ ކަމެއްވެސް އެބަ ިނގެންޖެހޭ ނޫންތޯ؟ މިއީ ތޯ މިކަން ކުރަންވީ ގޮތަކީ. ދެކޮޅުޖެހޭ ސިޔާސަތެއް ދެކޮޅު ޖެހޭ އިޤްތިޞާދެއް އެބަ ގެންގުޅެންޖެހޭ ދެއްތޯ. ސަސްޓެއިނަބަލް އިންވެސްޓްމަންޓަކާއި ހަމައަށް ދެވެނީ އޭރުންކަމަށް އަޅުގަނޑުމެން ޤަބޫލްކުރަނީ“ ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ކުރީގެ އަދި މިހާރުގެ ސަރުކާރަށް ބެލި ނަމަވެސް، އެއްވެސް ސަރުކާރަކުން ޤާނޫނާއި ޤަވަޢިދާއި އެއްގޮތަށް ކޮށްފައިވާ ކަންތައްތައް އެ ޤާނޫނެއް ނުވަތަ ޤަވަޢިދެއް އަނބުރާ ނުގެންނަވާނެކަމުގައި ވިދާޅުވިއެވެ. ނަމަވެސް ގޯހެއް ހިނގާފައިވާނަމަ އެކަމެއް އިސްލާހު ކުރައްވާނެކަމުގައި ވިދާޅިވިއެވެ. ޤާނޫން އަސާސީ ބުނާ ގޮތުން ނަމަ، ރައިސުލްޖުމްހޫރިއްޔާގެ ބާރަކީ އެންމެ މަތީ ބާރުކަމަށްވާއިރު، އެ ބާރު ލިބެނީވެސް ޤާނޫން އަސާސީގައި ހިމެނޭ ޤާނޫނާއި ޤަވަޢިދުތަކުގެ ތެރެއިންކަމަށް ވިދާޅުވިއެވެ. ވެރިން ހޮވަނީ ރައްޔިތުންނަށް ޙިދުމަތްކޮށްދިނުމަށްކަމަށް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއިން ރޭ މާމިގިލީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް، ރައީސް ޑރ.ވަހީދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. އަދި ޕީޕީއެމްއިން ގައުމު އިސްކޮށް ގައުމުުގެ ހެވާއި ލާބަޔަށް ގާސިމްއަށް ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ