މަޖުބޫރުވި ރިޓަޔާމަންޓް: މިވީ ކިހިނެއް؟
"މައުރޫފް ޖަމީލް ފަދަ ބޭފުޅަކު ކީއްކުރަން އަނެއްކާ އެނބުރި އެ ވަޑައިގެންނެވީ. ރަނގަޅަށް ކަމެއް ނުކުރެއްވޭތާ ރީތި ނަމެއް ވެސް ލިބިވަޑައެއްނުގަންނަވާނެ," އެހެން މީހެއްގެ ގޮތެއް ނޭނގެއެވެ. އެއީ މީގެ ހައެއްކަ މަސް ކުރިން, މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު މައުރޫފް, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިއަކަށް އަނެއްކާ ވެސް ހަވާލުވެވަޑައިގެންނެވުމުން އަޅުގަނޑުގެ ހިތަށް އެރި އެއްޗެވެ. މި ވާހަކަ މި ގޮތަށް ދެތިން މީހެއްގެ ގާތު އޭރު ބުނެލީމެވެ. އޭގެ ތެރެއިން ގިނަ މީހުން އެކަމާ އެއްބަސްވިއެވެ. އެ ވިސްނުން އައީ ކޮންމެހެން ވަކި ސަރުކާރެއް އޮތީމައެއް ނޫނެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި މި އައި ހުރިހާ ސަރުކާރުތަކެއްގައިހެން ކަންކަން ހިނގާފައި ވާގޮތުން ދެން ވެސް ރަނގަޅެއް ނުކުމެދާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ. ގާބިލު, ނުވަތަ ފޮތުގައި އޮންނަ އުސޫލުން ކަންކަން ކުރައްވަން އުޅުއްވާ ބޭފުޅުންނަށް އެ ފުރުސަތު އަދި މި ރާއްޖޭގައި އޮތްތަން ނުފެންނާތީއެވެ. ރައީސް މުއިއްޒާއި މައުރޫފް: މައުރޫފް ވަނީ ރިޓަޔާކުރައްވަން ނިންމަވާފައި -- ފޮޓޯ/ ރައީސް އޮފީސްއެންމެ ފަހުން ކަން ނިމިގެން މި ދަނީ ހަމަ ހީކުރެވުނު ގޮތަށެވެ. މައުރޫފާއި ސަރުކާރުން ސީދާ މިކަން ހާމަނުކުރި ނަމަވެސް މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިވެ, ރިޓަޔާ ކުރައްވަން މި ވަނީ ނިންމަވައިފައެވެ. ކުންފުނީގެ އިސް މުވައްޒަފުންނަށް އެކަން ވަނީ އަންގަވައިފައެވެ. ހަމަ ގައިމުވެސް މިއީ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އޮތް ޕްލޭނެއް ނޫނެވެ. ސަރުކާރުގެ ވަޒީފާއާ ދުރުގައި, "ރިޓަޔާމެންޓް"ގައި އެތައް އަހަރަކު ހުންނެވުމަށް ފަހު, އެ ވަރުގެ މަގާމަކަށް އެންމެ ހަ މަސް ދުވަހަށް މައުރޫފް ފަދަ ބޭފުޅަކު ވަޑައެއްނުގަންނަވާނެއެވެ. ކިލަނބުވި ނަމަށް, މައުރޫފާއެކު ސާފުކަން މި ސަރުކާރު ފެށުނުތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ. ސަރުކާރުގެ ތެރެއިންނާއި ބޭރުން އެޗްޑީސީއަށް ދިޔައީ ކޮރަޕްޝަންގެ ލަދުވެތި އަމަލު ހިންގާ ކަމުގެ އެތައް ތުހުމަތުތަކެއް ކުރެވެމުންނެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު އެކަން ފަޅައިގެން ދިޔައީއެވެ. މި ސަރުކާރުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް, މިނިސްޓަރު ފެންވަރުގައި ފުރަތަމަ އައްޔަންކުރެއްވި އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. އަމިއްލަ މަންފާއާއި ފައިދާތައް ހިތުހުރި ގޮތަކަށް މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަންކަން ކުރެއްވިކަމުގެ, ވަރަށް ހުތުރު ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވުނެވެ. ވިޔަފާރިވެރިންނަށް ވެސް ފައިސާ ނުދީ އެޗްޑީސީގެ ތެރެއިން އެއްކަމެއް ވެސް ނުކުރެވޭކަމުގެ ތުހުމަތު ވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް ފަޒުލް ގެންދެވީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. އެންމެ ފަހުން މައްސަލަ ބަލަން އޭނާ ސަސްޕެންޑްކުރުމާ އެކު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ. އެންމެ ފަހުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފެށި މައްސަލައަށްވީ އެފަދަ ކަންކަމަށް އާއްމުކޮށްވާ ގޮތެވެ. އެކަން ދިޔައީ ބޮނޑު ނަގުލަށެވެ. https://www.sun.mv/201647 އެ ހިނގައިދިޔަ ކަންކަމުގެ ތެރެއިން ސަރުކާރަށް ލައްކަ ޑެމޭޖުވިއެވެ. އެތެރެއާއި ބޭރުން ވައްކަމުގެ ޓެގް ސަރުކާރުގައި އެޅުވިއެވެ. ޚާއްސަކޮށް ވަރަށް މުހިންމު ބޭނުމެއްގައި އުފައްދާފައިވާ އެޗްޑީސީއަށް ލިބުނު ނަން ވަރަށް ހުތުރެވެ. އާއްމުންނާއި ވިޔަފާރިވެރިންގެ އިތުބާރު ގެއްލުނެވެ. އިންވެސްޓަރުން އެ ކުންފުނިދެކެ ފޫހިވާ ގޮތްވިއެވެ. އެ ދަނޑިވަޅުގައި މައުރޫފް ފަދަ, ނަޒާހަތްތެރި ކަމަށް މަޝްހޫރު, އަދި ގިނަ ބަޔަކު އިހުތިރާމު ކުރާ ބޭފުޅަކު އެޗްޑީސީއާ ހަވާލުވެވަޑައިގެންނެވުމަކީ ސަރުކާރަށާއި އެޗްޑީސީއަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެއީ، ގެއްލުނު އިތުބާރު އަލުން ހޯދޭނެ އެ ނޫން ރަނގަޅު އެހެން ގޮތެއް އޭރު ނެތީމައެވެ. ހަމައެކަނި ނަޒާހަތްތެރިވީމައެއް ނޫނެވެ. އިލްމާއި ތަޖުރިބާގެ ގޮތުން ވެސް މައުރޫފަކީ ވަރަށް ގާބިލު ބޭފުޅަކަށް ވާތީއެވެ. ސަބަބަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފެއްޓެވިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ, އާކިޓެކްޓެއް ކަމަށްވާ މައުރޫފެވެ. އެ މަޝްރޫއަށްޓަކައި އޭރުގެ ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް އުފެއްދި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ ޑިރެކްޓާ ޖެނެރަލަކަށް ނުވަތަ އެ ތަނުގެ އެންމެ އިސްވެރިއަކަށް ވެސް އައްޔަންކުރެއްވީ މައުރޫފެވެ. އަދި، އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދެވުމަށް ފަހު އެ ކުންފުނީގެ ފުރަތަމަ ސީއީއޯއަކީ ވެސް މައުރޫފެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގެންނެވީ, އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ. "[ކަންކަން ރަނގަޅުވާނެ ކަމުގެ] ވަރަށް ޔަގީންކަން އެބައޮތް. އެޗްޑީސީއަށް އަޅުގަނޑު މިއަދު މި އައްޔަންކުރި، ކުރީގެ މިނިސްޓަރު މައުރޫފް ޖަމީލް. އެ ބޭފުޅާއަކީ އަޅުގަނޑު ވަރަށް އިތުބާރު ކުރާ، ފުލް އިންޓެގްރިޓީ ހިފަހައްޓާނެ ބޭފުޅެއް. ފުލް ކޮމިޓްމެންޓާއި ޕްރޮފެޝަނަލިޒަމްއާ އެކު މަސައްކަތްކުރައްވާ ބޭފުޅެއް،" މައުރޫފް އެ މަގާމަށް އައްޔަން ކުރެއްވި ދުވަހު ރައީސް ވިދާޅުވިއެވެ. https://www.sun.mv/206517 ހަ މިނިސްޓްރީއެއްގެ މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޖަމީލްގެ ދަރިކަލުން މައުރޫފާ އެކު އެކަން ވަރަށް ވެސް ކާމިޔާބުވިއެވެ. ނަމަވެސް، ހައެއްކަ މަސް ތެރޭގައި މި ވަނީ އެކަން ނިމުމަކަށް އަންނަން ފަށައިފައެވެ. ސުވާލަކީ މިވީ ކިހިނެއްތޯއެވެ؟ މައުރޫފް ގޮތުގައި, "ބަސްނާހާ" މައުރޫފްގެ ކުއްލި ރިޓަޔާމަންޓާ ގުޅޭގޮތުން ސަރުކާރާއި ސީދާ މައުރޫފްގެ ބަހެއް ހޯދާލުމަށް އެކި ގޮތްގޮތުން ވަރަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އެހެންކަމުން ކަން މިވީ ގޮތް ލަފާ ކުރަން ނުވަތަ ބަލަން ޖެހުނީ މިކަމާ ވަށައިގެން ދެން ގުޅޭ އެތައް ބަޔަކާ ވާހަކަދައްކާށެވެ. ގިނަ މުވައްޒަފުންނާ ވާހަކަ ދައްކާލުމުން އެނގުނީ މައުރޫފްގެ ހިންގުންތެރިކަމާމެދު ގިނަ މީހުން ރުހޭ ކަމެވެ. އެޗްޑީސީގެ އެކި ލެވަލްގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކަކާ ވާހަކަ ދެއްކުމުން އެނގުނު ގޮތުގައި މައުރޫފް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޮއްސުންލާފައިވާ އެ ކުންފުނި އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. އޭނާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުނީގައި ހަމައެއް ލަމައެއް ނެތެވެ. ސިޔާސީ ބޭނުމަށް ވަޒީފާތައް ބެހުމަށް މަޝްހޫރު, އެޗްޑީސީގެ މުވައްޒަފުންގެ ޖުމުލަ އަދަދު ހއ. އަތޮޅުގައި ވެރިކަން ކުރާ ދިއްދޫގެ ޖުމުލަ އާބާދީއަށް ވުރެ އިތުރު ކަމަށްވެއެވެ. އެ ގޮތުން އެ ކުންފުނީގައި 4000 އެއްހާ މުވައްޒަފުން ތިބި ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން ވަރަށް ގިނަ މުވައްޒަފުންނަކީ ހަމައެކަނި ކާޑު ޖަހަން އޮފީހަށް ދިއުމަށް ފަހު, އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުކޮށް, މުސާރަ ނަގާލާނަގާލާ ތިބޭ މީހުން ކަމަށް އެ ކުންފުނިން ވާހަކަދެއްކި ބައެއް މުވައްޒަފުން ބުންޏެވެ. "ސިޔާސީ ބޭނުމަށް ވަޒީފާ ދިނުން އެޗްޑީސީގެ ތެރެއިން ހުއްޓުނު މައުރޫފް ވަޑައިގެންނެވި ހިސާބުން. ކުންފުނީގެ ގަވަނަންސް ހަރުދަނާ ކުރުމަށް ވަރަށް މަސައްކަތް ކުރައްވާ. ކަންކަން ރަނގަޅު ކުރަން ބޭނުން ވެގެން އުޅޭ މީހުންގެ ވާހަކަ އަޑުއައްސަވާ. ކަންކަން ހިނގާގޮތް ނޭނގި ވާނުވާއެއްގެ ތެރޭގައި ކަންކަން ކުރާ އުސޫލު ނިމުމަކަށް އައި. ވަރަށް އެޕްރިޝިއޭޓް ކުރަން މައުރޫފްގެ މަސައްކަތް," އެޗްޑީސީގެ މުވައްޒަފަކު އެތައް ފަހަރަކު ނަން ހާމަ ނުކުރަން ޝަރުތުކޮށް ވިދާޅުވިއެވެ. ހުޅުމާލެ: ހުޅުމާލޭގެ ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރަން ޚާއްސަ ތަނެއް ބެހެއްޓުން ލާޒިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފައިވޭ -- ފޮޓޯ/ ޔޫއެންޑީޕީމުވައްޒަފުންގެ ފަރާތުން އެނގުނު ގޮތުގައި ސަރުކާރުގެ އެހެން ކުންފުނިތަކެކޭ އެއްގޮތަށް އެޗްޑީސީގައި ވެސް މި ވަގުތު މާ ބޮޑު މަޝްރޫއުތަކެއް ނުހިނގައެވެ. ލިބޭ އާމްދަނީން ބޮޑު ބައެއް މުވައްޒަފުންގެ މުސާރައަށް ހަރަދު ކުރަން ޖެހޭއިރު އެކަން ކޮށްލަކޮށްލާ ތިބެނީއެވެ. ނަމަވެސް އެ ހަރަދު ކުޑަ ކުރަން މައުރޫފް ރަނގަޅު ފިޔަވަޅުތަކެއް އެޅުއްވި ކަމަށް މުވައްޒަފުން ބުނެއެވެ. އެގޮތުން އެއް ކަމަކީ ވަކި ލިމިޓެއްނެތި ކުރަމުން ދިޔަ އޯވާޓައިމްގެ އުސޫލަށް ބަދަލު ގެނައުމެވެ. އަސާސީ މުސާރައިގެ ވަކި ޕަސެންޓަކަށް ވުރެ އިތުރުނުވާ ވަރަށް އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލު ކުރުމެވެ. "ފައިސާ ނެތިއްޔާ މާ ބޮޑު ކަމެއް ކުރެވޭކަށް ވެސް ނޯންނާނެތާ. ކުންފުންޏަށް މަހަކު 55 މިލިއަން ރުފިޔާގެ އާމްދަނީއެއް މިސާލަކަށް ލިބޭނަމަ އޭގެ ތެރެއިން 22 ނޫނީ 25 މިލިއަން ރުފިޔާ ހޭދަ ކުރަން އެ ޖެހެނީ މުސާރަ ދޭން. އެ ވަރަށް މުވައްޒަފުން އެބަތިބި. އެމްޑީޕީގެ ވެރިކަމުގައި ވެސް އެ ވަރަށް ވަޒީފާ ދިން. މިހާރު އަދި އެއަށް ވުރެ ގިނަ،" އެޗްޑީސީގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭ ބޭފުޅަކު ވިދާޅުވިއެވެ. މައުރޫފާ ގުޅޭގޮތުން ނެގަޓިވް ކޮމެންޓަކަށް ގިނަ މީހުން ފާހަގަކުރީ ހަމަ އެއްކަމެކެވެ. އެއީ ކަންކަން ނިންމުމުގައި ލަސްތަކެއް ގެންގުޅުއްވުމެވެ. ނަމަވެސް، އިވުނު ގިނަ ވާހަކަތަކަށް ބަލާއިރު މައުރޫފް ރިޓަޔާކުރައްވަން މަޖުބޫރު މިވީ މިކަންކަމަށް ވުރެ ސިޔާސީ ގޮތުން އަންނަ އޯޑަރުތަކަށް ބޯނުލަނބާތީއެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ބިންތަކާމެދު އެކިއެކި ގޮތްތައް ނިންމަން ސިޔާސީ ގޮތުން އަންނަ އޯޑަރުތަކަށް ތަބާވެވަޑައިނުގަންނަވާ އެކަންކަން ޕާކް ކުރެއްވުން ހިމެނޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ. އަދި، އެޗްޑީސީ މެދުވެރިކޮށް ސަރުކާރުން ކުރަން ބޭނުންވާ ބައެއް ކަންކަމާމެދު އުފެދޭ ދެބަސްވުންތަކަކީ ވެސް އޭގެ ސަބަބެއް ކަމަށް ވެއެވެ. "މައުރޫފަކީ ވަރަށް ގޮތެއްގައި ހުންނަވާ ބޭފުޅެއް. އެ ބޭފުޅާ މެދުވެރިކޮށް އުސޫލުން ބޭރުން ކަންކަން ކުރެއްވުމަކީ ވާނެ ކަމެއް ނޫން. އެހެންވީމައި އެ މަގާމުގައި ނުހުރެވޭނީ," ރާއްޖޭގެ ފެންވަރުގައި ވަރަށް ތަނަވަސް ވިޔަފާރިވެރިއަކު ވިދާޅުވިއެވެ. "ސަން"އަށް މައުލޫމާތު ދެއްވި ބައެއް ބޭފުޅުން މިފަދަ ބައެއް މިސާލުތައް ވެސް ތަފުސީލާއެކު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ކަމަކީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ގާއިމުކުރާކަން އިއުލާން ކުރި, މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އަޅަން ހަވާލުކުރި ބިމެވެ. އެ ސެންޓަރުގެ ބިންގާ މިދިޔަ މޭމަހުގެ ފަސްވަނަ ދުވަހު އަޅާފައިވާއިރު އެ ސެންޓަރު އެޅުމަށް ސަރުކާރުން ދިން ބިމަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮންނަ އާބަން އައިލް ސަރަހައްދެވެ. އެއީ އޭގެ ކުރިން އިންޓަގްރޭޓެޑް ރިސޯޓް ކޮންސެޕްޓަށް ތަރައްގީކުރަން ނިންމާފައިވާ ސަރަހައްދެކެވެ. އަދި، އެ ސަރަހައްދުން ގިނަ ބަޔަކަށް ބިން ވިއްކާފައި ވެސް އެބަހުއްޓެވެ. އެ މީހުން މިހާރު އަންނަނީ އެކަމުގެ ދިފާއުގައި މަސައްކަތްތައް ކުރަމުންނެވެ. ދެތިން މަސްދަރަކުން އެނގުނު ގޮތުގައި ސަރުކާރުގެ މި ނިންމުމަކީ ވެސް މައުރޫފާއި ސަރުކާރާ ހިޔާލު ތަފާތުވި ކަމެކެވެ. އެޗްޑީސީ އޮފީސް: --- ފޮޓޯ: އެޗްޑީސީއަނެއް ކަމަކަށް އެނގިފައި އޮތީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމެވެ. ސަރުކާރަށް ވަރަށް ކުރީކޮޅުގައި, ފަޒުލް މަގާމުގައި ހުންނަވައިގެން ފެއްޓެވި އެ ޕްރޮޖެކްޓް ވެސް ރަނގަޅަށް ނުހިނގުމުގެ ސަބަބުން އޮތީ ބޮޑު މަލާމާތަކަށް ވެފައެވެ. މިހާރު އެކިއެކި ގޮތްގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަމަށް ދައްކަން ޖެހޭ ފައިސާ ހޯދުން ވަނީ ދަތިވެފައެވެ. އެޗްޑީސީގައި އެ ގާބިލުކަން ނެތުމުން ދެން ޖެހެނީ އެކިއެކި ގޮތްގޮތުން ފައިސާ ހޯދާށެވެ. ފުށިދިއްގަރުފަޅުގެ ހުވަފެން ހަގީގަތަކަށް ހެދުމަކީ ގޮންޖެހުން ބޮޑު ކަމަކަށްވާއިރު މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ގޮތާއި އެޗްޑީސީއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭކަން ވަނީ އެނގިފައެވެ. އެޗްޑީސީގެ ކުރީގެ ވެރިއަކު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، އަބަދު ވެސް ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ ގިނަ ޕްރެޝަރުތަކެއް އެ ކުންފުނީގެ އޭރުގެ ވެރިއަކަށް އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެ ކުންފުނިން ދޫކޮށްފައި ހުންނަ ބިންތަކުގެ މަހު ކުލި މާފުކޮށްދޭން އެދުމާއި ކުލި ދައްކަން ޖެހޭ މުއްދަތު ފަސްކޮށް ދިނުމަށް އެދުންފަދަ ކަންކަން ހިމެނެއެވެ. ހަމަ އެހެންމެ ހުޅުމާލޭގެ އަގު ބޮޑު ބިންތަކާ ގުޅޭ ގިނަ ކަންކަން ނިންމަން ވަރަށް ގިނަ ޕްރެޝަރު އާދެއެވެ. "އިންޓެގްރިޓީ ހުރި ބޭފުޅަކު އެކަންކަން ނުކުރައްވާނެ ދެއްތޯ އޯޑަރު އަޔަސް. ރައީސް ސީދާ އަންގާ ޕްރޮޖެކްޓްތައް ވެސް ވާން ނެތިއްޖާ ހޯލްޑް ކުރައްވާ ކަމަށް ވަނީ. އެހެންވެ އަސްލު ކުންފުނީގައި މިހާރު ވެސް ތިބި ޕްރޮފެޝަނަލް ބޭފުޅުން ވަރަށް ލައިކް ވޭ މައުރޫފް ދެކެ," އޭނާ ވިދާޅުވިއެވެ. ހުޅުމާލެއާއި ތިލަފުށީގެ އަގު ބޮޑު ބިންތަކުގެ ވެރިއެއްގެ ގޮތުގައި އޮތް އެޗްޑީސީއަކީ އެސެޓްގެ ގޮތުން ވަރަށް މުއްސަނދިކޮށް އޮތް, ކުންފުންޏެކެވެ. ނަމަވެސް، އެކިއެކި ސަރުކާރުތަކުގެ ތާކުންތާކު ނުޖެހޭ އަމަލުތަކުގެ ސަބަބުން އެޗްޑީސީ މިވަނީ ވަރަށް ހާލުގައެވެ. ސިޔާސީ ބޭނުމަށް އެ މުއްސަނދި ކުންފުނި ބޭނުން ކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ކުންފުންޏަށް މުވައްޒަފުން ނެގުމުގައި ހަމައެއް ލަމައެއް ނެތެވެ. ޕާޓީތަކުގެ ޖަގަހަތައް ހިންގަން ކުންފުނި ބޭނުން ކޮށްފައި މީގެ ކުރިން އެބަހުއްޓެވެ. މައުރޫފްގެ ގާބިލުކަމާމެދު ޝައްކެއް ނެތެވެ. އިހުލާސްތެރިކަމާ މެދު މީހަކު ސުވާލު އުފެއްދި އަޑެއް ނާހަމެވެ. ކޮރަޕްޝަންގެ މައްސަލައެއް އަދި ފެންމައްޗެއް ނުވެއެވެ. ނަމަވެސް، މަގާމުގައި ދެމިހުރެވޭ ގޮތެއް ނުވިއެވެ. އަޑުއިވޭ ގޮތުގައި މިއީ މަޖުބޫރު ރިޓަޔާމަންޓެކެވެ. ސަބަބެއް ކަމަށް ވަނީ ސިޔާސީންގެ ބަސް އޭނާ ނޭއްސެވުމެވެ. ސިޔާސީ އޯޑަރުތަކަށް ތަބާ ނުވުމެވެ. އެހެންކަމުން ދެން އެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ސިޔާސީންގެ ބަސް އަހާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ