މާލެ އާއި ހުޅުމާލޭން މާދަން ހެނދުނު ކަރަންޓު ކަނޑާނެ ކަމަށް ސްޓެލްކޯއިން ބުނެފި މާލެ އާއި ހުޅުމާލޭން މާދަން ހެނދުނު ކަރަންޓު ކަނޑާނެ ކަމަށް ސްޓެލްކޯއިން ބުނެފި

ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 6:00 އިން 10:00 އަށް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނިން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި ހުންނަ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 50 މެގަވޮޓްގެ އިންޖީނު މާދަން ހެނދުނު ނިއްވާލާނެ ކަމަށެވެ. އެކަމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގަޑިއެއްހާއިރަށް ކަރަންޓު ކެނޑުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މި މަސައްކަތް ކުރިއަށް ދާ ވަގުތު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ އެވެ. މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލައި އަންގަމުން ދާނެ އެވެ،" ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭން ކަރަންޓު ކަނޑަން ނިންމާފައިވީ ނަމަވެސް ހޮސްޕިޓަލްތަކާއި އެހެނިހެން މުހިންމު ހިދުމަތްތައް ދޭ މުއައްސަސާތަކުން ކަރަންޓު ނުކަނޑާނެ ކަމަށެވެ.
މާދަމާ ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ކަރަންޓުގެ މައްސަލަތަކަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށާއި އެ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ