މެއި މަހު ބޭނުން ކުރަން ފަށާނެ ކަމަށް ބުނި ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް އަދިވެސް ބޭނުން ނުކުރޭ މެއި މަހު ބޭނުން ކުރަން ފަށާނެ ކަމަށް ބުނި ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް އަދިވެސް ބޭނުން ނުކުރޭ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެއި މަހު ބޭނުންކުރަން ފަށާނެ ކަމަށް ބުނި މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް އަދިވެސް ބޭނުން ކުރަން ނުފެށޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ބެސްޓިނެޓްގެ އެކްސްޕެޓު ސިސްޓަމް ބޭނުން ކުރަން ފެށޭނެ ދުވަހަކާ ގުޅޭގޮތުން އިހުސާންއާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ފަށާނީ މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތައް ބެސްޓިނެޓުން ގެނެސް ނިމުމުން ކަމަށެވެ.
"އަަޅުގަނޑުމެން ފަށާނީ ބޭނުންވާ ޗޭންޖަސް ގެނެވުނީމަ. އަޅުގަނޑުމެން ވެސް އެބަ ގެންނަން ބައިވަރު ސިސްޓަމް ޗޭންޖަސްތަކެއް އޭޒް ވީ ގޯ. ދެން އެ ޗޭންޖަސްތަކާ އެކުގައި ނޫނިއްޔާ އަޅުގަނޑުމެން އެކްސެޕްޓެއް ނުކުރާނަން އިންޕްލިމެންޓޭޝަނަކަށް،" އިހުސާން ވިދާޅުވި އެވެ.
އިހުސާން އިތުރަށް ވިދާޅުވީ އޮގަސްޓް 23، ގައި ބެސްޓިނެޓާއެކު އޮންނަ ބައްދަލުވުމުގައި އެކްސްޕެޓް ސިސްޓަމް ބޭނުން ކުރެވޭނެ ސީދާ ދުވަހެއް ނިންމޭނެ ކަމަށާއި މަސައްކަތް ކުރަނީ މި މަހުގެ ނިޔަލަށް ބޭނުން ކުރަން ފެށުމަށް ކަމަށެވެ.
"23 އޮގަސްޓުގައި އެބައިން އޭގެ މަންތުލީ ރިވިއު. އޭގައި ފައިނަލްވާނީ ސީދާ އެގްޒެކްޓް ޑޭޓް. މަސައްކަތް ކުރަނީ މި މަހުގެ ނިޔަލަށް ފަށަން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ކުރިން ވިދާޅުވީ މިހާރު ސިސްޓަމް އޮތް ގޮތުން މެނުއަލްކޮށް ކުރަން ޖެހޭ ކަންކަން އާ ސިސްޓަމް އިންޓަގްރޭޓްކުރާއިރު އޭގެ ތެރެއިން އިވެލުއޭޝަންތައް ހެދޭ ގޮތަށް މަގުފަހިކޮށް، ޗެކްސްތައް އިތުރުކުރުމުން ހިދުމަތްތައް އަވަސްވާނެ ކަމަށެވެ.
އޭގެއިތުރުން އިހުސާން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ފަށާނީ އިތުރު ފަސޭހަ ފަންކްޝަންސްތައް ވެސް އިތުރުކޮށްގެން ކަމަށެވެ.
މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
އިހުސާން ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.
ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ. މިއީ މިހާތަނަށް އެނގިފައިވާ މިންވަރެވެ.
އެހެންވެ، 15 އަހަރުގެ މުއްދަތުގައި ބެސްޓިނެޓަށް 6.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ