ރާއްޖޭގެ އިގުތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށާއި އެއާޕޯޓުގެ އެންމެ މުހިންމު ބިނާއަކީ މިރޭ ހުޅުވިގެން ދިޔަ އާ ޓާމިނަލް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު މިނިވަން ދުވަހު ބާއްވަން ނިންމެވި ސަބަބު ސާފުކޮށްދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިނިވަން ދުވަހު އެއާޕޯޓު ހުޅުވަން ނިންމީ މިނިވަންކަން ދެމެހެއްޓުމުގައި އިގުތިސޯދީ މިނިވަންކަން ހާއްސަ ވާތީ ކަމަށެވެ.
"ފަހުރުވެރި މިނިވަން ދުވަހު އަޅުގަނޑު މިތަން ހުޅުވަން ބޭނުންވީ ހަމަ ގަސްތުގައި، ވަރަށް ހާއްސަ ސަބަބަކަށް ޓަކައި. އެއީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމުގައި އިގުތިސޯދީ މިނިވަންކަމަކީ ވަރަށް ހާއްސަ ކަމަަކަށް ވާތީ. އިގުތިސޯދީ މިނިވަން ކަމުގެ އެންމެ މުހިންމު ތަނބަކީ މި އެއާޕޯޓު ކަމުގައި ވާތީ،" މުއިއްޒު ވިދާޅުވި އެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކީ، އިގުތިސޯދީ ގޮތުން، ހާއްސަކޮށް ޓޫރިޒަމް ސިނާއަތަށް، ގިނަ މަންފާތަކެއް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ވާހަކައިގައި، އެއާޕޯޓު މި ތާރީހަށް ނިންމަން މި ސަރުކާރުން ގިނަ މަސައްކަތެއް ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ. އަދި އެ މަނިކުފާނު ސަރުކާރާ ހަވާލުވީއިރު މަސައްކަތް ހިނގަމުން ދިޔަ ދުވެލީގައީ ދޫކޮށްލެއްވި ނަމަ، ޓާމިނަލްގެ މަސައްކަތް ނިމޭނީ 2027 ގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި މަސައްކަތް މިހާ ބުރަކޮށް ހުރިހާ އެންމެން ގުޅިގެން ނުކުރި ނަމަ، އަދިވެސް އިތުރު ދޮޅު އަހަރެއްހާ ދުވަސް ދާނެ ކަން އެއީ އަޅުގަނޑުމެންނަށް އޭރުގައި ފެންނަން އޮން ހަގީގަތް. 2027 ގައި ފަހުކޮޅު މަސައްކަތް ނިމޭ ހިސާބުގައި މަސައްކަތުގެ ސްޕީޑާ، އެކި ކަންކަން ހުރީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ޓާމިނަލް އަވަހަށް ނިންމަން ގިނަ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށާއި މަސައްކަތް އަވަސް ކުރި ކަމަށް މުއިއްޒު ވިދާޅުވިޔަސް، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އިންތިގާލީ މަރުހަލާ އާއި އެ ފަހުން ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ތާރީހަށް މަސައްކަތް ނުނިމެ އެވެ. އޭރު މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ ޕީކް ސީޒަނަށް ޓާމިނަލްގެ މަސައްކަތް ނިންމާނެ ކަމަށެވެ.
ނަމަވެސް އެ ތާރީހަށް މަސައްކަތް ނުނިމި، އެންމެ ފަހުން އެއާޕޯޓު ހުޅުވީ ކުރީ ސަރުކާރުން ވެސް ޓާމިނަލް ނިމޭނެ ކަމަށް ބުނި ދުވަސްވަރުގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓެވި ވެލާނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ އެންމެ ފަހު، އަދި އެންމެ މުހިންމު މަސައްކެތެވެ. މުޅި މި ޕްރޮޖެކްޓަށް ހަރަދުވީ 812 މިލިއަން ޑޮލަރުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ބަޔެއް، އެއީ 438 މިލިއަން ޑޮލަރު ހަރަދުވީ ޓާމިނަލުގެ މަސައްކަތަށެވެ.
އާ ޓާމިނަލް ހުޅުވި ނަމަވެސް، މި ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ނިމޭނީ ސެޕްޓެމްބަރުގަ އެވެ. އެހާތަނަށް އާ ޓާމިނަލާއި މިހާރު ބޭނުންކުރާ ޓާމިނަލު ވެސް އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުންކުރަމުން ދާނެ އެވެ. ހުރިހާ އެއާލައިނެއް އާ ޓާމިނަލަށް ބަދަލުވުމުން މިހާރުގެ ޓާމިނަލް ބޭނުންކުރާނީ ޑޮމެސްޓިކް ދަތުރުތަކަށެވެ.
އިގުތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓު ކަމަށް މުއިއްޒު ވިދާޅުވެއްޖެ އިގުތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓު ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ