މިނިސްޓަރު ޚަލީލާ ދެކޮޅަށް އަޑުގަދަ ކުރަން ފެއްޓުމުން މީކާއީލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ސީދާ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހިތްހަމަނުޖެހުން ފާޅުކުރައްވައި އަޑުގަދަކުރެއްވުމުގެ ސަބަބުން ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އެޖެންޑާކޮށްފައި އޮތީ މީކާއީލް, ޚަލީލާ ކުރައްވާ ސުވާލެވެ. މީކާއީލްގެ ސުވާލަކީ ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މޭ މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ޕްރިންސް ފަހަދް ސައުސު އަލްޝަލަން އަކީ ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި އެ ބައްދަލުވުމުގައި ސައޫދީގެ އެމްބަސީން ބައިވެރިނުވީ ކީއްވެތޯއާއި، ސައޫދީގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯއެވެ. https://sun.mv/206700 އޭގެ ފަހުން މީކާއީލް ވަނީ 'ޕްރިންސް'ގެ ޚަބަރު ރައީސް އޮފީހުގެ ވެބްސައިޓުން ނެގިކަން ފާހަގަކުރައްވައި ސަރުކާރުން އެކަން ކުރީ ގޯސްކޮށް ކަމަށްތޯ ސުވާލުކުރައްވައިފައެވެ. ޖަވާބުގައި ޚަލީލް ވިދާޅުވީ، އިދިކޮޅުން ބޭރުގެ ބައެއް އިންވެސްޓަރުންގެ އަގު ވައްޓާލަން މަސައްކަތްކުރާ ކަމަށެވެ. ނުސީދާކޮށް ޚަލީލް މީކާއީލަށް ވިދާޅުވީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިންވެސްޓަރުންގެ އަގު ވެއްޓޭ ފަދަ ވާހަކަ ދެއްކެވުން ރަނގަޅު ނޫން ކަމަށެވެ. "އެހެންވީމާ ވަރަށް ޚާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދޭންވާނެ، ރާއްޖެއަށް އިންވެސްޓަރުން ގެނެވޭނެ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރެވޭނެ ގޮތްގޮތަށް ކުރިއަށް ގެންދިއުން،" ޚަލީލް ޖަވާބުގައި ވިދާޅުވިއެވެ. ޚަލީލް މިހެން ވިދާޅުވުމާއެކު، މީކާއީލްގެ ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެ، ހިތްހަމަނުޖެހުން ފާޅުކުރައްވަން ފެށްޓެވިއެވެ. އެއާއެކު، ނިޒާމީ ނުކުތާއެއް ނަންގަވައި މީކާއީލް ވިދާޅުވީ، ޚަލީލާ ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވާ ކަމަށެވެ. މިނިސްޓަރު ޚަލީލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަނީ-- ފޮޓޯ: މަޖިލިސް ނަމަވެސް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރިޔާސަތުން ގަބޫލުކުރަނީ ޚަލީލް ޖަވާބު ދެއްވި ކަމަށެވެ. އޭގެ ފަހުން ވެސް މީކާއީލް އަޑުގަދަކުރައްވަމުން ގެންދެވުމުން، ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް ވަނީ މީކާއީލްގެ ނަން އެންމެ ފަހުން އިއްވައިފައެވެ. މީކާއީލް މި ސުވާލު މިނިސްޓަރު ޚަލީލާ ކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ ޖޫން މަހުއެވެ. ޖަވާބުދާރީވުމަށް މަޖިލީހުގެ ޖަލްސާއަށް ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް މަސައްކަތެއް އޮތުމުން ކަމަށް ވިދާޅުވެ ޚަލީލް އެ ދުވަހު މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ. ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މެއި މަހުގެ ފަސްވަނަ ދުވަހެވެ. ނަމަވެސް، އެ ބައްދަލުވުމާ ބެހޭގޮތުން ރައީސް އޮފީހުގައި ޝާއިއުކުރި ޚަބަރު ގެއްލިފައިވާކަން މީޑިއާތަކުގެ ސަމާލުކަމަށް އައީ މެއި މަހުގެ 30ވަނަ ދުވަހެވެ. އޭރު އެ ޚަބަރު އާންމުކުރުމާ އެކު ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ މީހާއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ 'ޕްރިންސް'އެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެއީ 'ސްކޭމަރެއް' ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވެފައެވެ. 'ސަން'އިން ބެލިބެލުމުން އެނގުނު ގޮތުގައި ފަހަދްގެ މުނިމާމައަކީ މައިފުށުގެ ގޮތުން ސައުދީގެ ފުރަތަމަ ރަސްގެފާނު އާލްސުއޫދުގެ ބޭކަނބަލެކެވެ. އެހެންވެ، އޭނާއަކީ ރަސްގެފާނު އާލްސުއޫދުގެ މުނިކާފަ ދަރިކަލެކެވެ. އެކަމަކު، 'ޕްރިންސް'ގެ ލަގަބު ސައުދީގައި ލިބެނީ ފިރިހެން ދަރިފަސްކޮޅަށެވެ. އެހެންވެ، ފަހަދަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވި ނަމަވެސް 'ޕްރިންސް'އެއް ނޫނެވެ. އަދި، ވެރިކަން ކުރާ ފިރިހެން ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ސައުދީގެ ވެރިކަމުގައި ރަސްމީ ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ނޫނެވެ. އެ ގައުމުގެ ޝާހީ އާއިލާގައި 25،000 އެއްހައި މެންބަރުން ތިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ