އެއާ އިންޑިއާ ފްލައިޓު ވެއްޓުމުގައި ޕައިލެޓުންގެ ގޯހެއް އޮތުމުގެ ފުރުސަތު އެއާ އިންޑިއާ ފްލައިޓު ވެއްޓުމުގައި ޕައިލެޓުންގެ ގޯހެއް އޮތުމުގެ ފުރުސަތު

242 މީހުންނާއެކު އިންޑިއާގެ އަހުމަދުއާބާދުން ލަންޑަންގެ ގެޓްވިކްއަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ ބޮއިންގް 787 މަތިންދާބޯޓެއް ވެއްޓުނު ކަމަށް ލަފާކުރެވެނީ އިންޖީނަށް ތެޔޮ ފޯރުކޮށްދިނުމަށް ޕައިލެޓުން ޖައްސަން ޖެހޭ ސްވިޗެއް ނިއްވާލުމުގެ ސަބަބުން ކަމަށް އެ ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުގީގުގެ ފުރަތަމަ ހޯދުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ރިޕޯޓުގައި ބުނެފި އެވެ.
އެ މަތިންދާބޯޓު ވެއްޓުނީ އިންޑިއާގެ އަހުމަދުއާބާދުގެ ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ބޯޓު ވެއްޓުނީ 600 ފޫޓަށް މައްޗަށް އެރިތަނާ ކަޅު ދުންގަނޑެއް އެރުމަށްފަހު އެވެ. ބޯޓު ވެއްޓިފައި ވަނީ އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ މޭގާނީ ސަރަހައްދަށެވެ.
މިއީ ފާއިތުވި ދަހަރުގެ ތެރޭގައި ދުނިޔޭގައި ހިނގައިދިޔަ ވައިގެ ދަތުރުފަތުރުގެ އެންމެ ބޮޑު އެކްސިޑެންޓެވެ.
އެ ރިޕޯޓުގައިވާ ގޮތުން ފްލައިޓު ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕައިލެޓު ވަނީ އިންޖީނަށް ތެޔޮ ފޯރުކޮށްދިނުމަށް ޖައްސަން ޖެހޭ ސްވިޗު ނިއްވާލީ ކީއްވެގެންތޯ އަނެއް ޕައިލެޓުގެ ކައިރީގައި އަހާފަ އެވެ. އެހެން އެހުމުން ކޯޕައިލެޓް ވަނީ އޭނާ އެ ސްވިޗު ނިއްވާލާ ނުލާ ކަމަށް ބުނެ ޕައިލެޓަށް ޖަވާބު ދީފަ އެވެ.
އެއާ އިންޑިއާ ފްލައިޓުގެ ޕައިލެޓަކީ އުމުރުން 56 އަހަރުގެ ސުމީތު ސަބްރާވަލް އެވެ. އޭނާއަކީ އެ އެއާލައިންގައި އިންސްޓްރަކްޓަރަކަށް މަސައްކަތް ކުރަމުންދިޔަ 15،638 ގަޑިއިރުގެ ތަޖުރިބާ ހުރި ޕައިލެޓެކެވެ. ކޯޕައިލެޓް އުމުރުން 32 އަހަރުގެ ކްލައިވް ކުންދާރު އަކީ 3،403 ގަޑިއިރުގެ ތަޖުރިބާ ހުރި ޖޫނިއާ ޕައިލެޓެކެވެ.
ފްލައިޓު ޓޭކްއޮފް ކުރިތާ ކުޑަކުޑަ ވަގުތުކޮޅެއް ތެރޭ އެ ސްވިޗު ނިއްވާލިކަން ރިޕޯޓުން އެނގުނު ނަމަވެސް އެ ކަމުގެ ސަބަބު ހޯދިފައެއް ނުވެ އެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިދޫ ވަނީ ގޮތެއް ނިންމުމުގެ ކުރިން ފައިނަލް ރިޕޯޓަށް މަޑުކުރުމަށް ނިންމާފަ އެވެ.
މި ހާދިސާގައި ސަލާމަތްވީ ފްލައިޓުން ދަތުރުކުރި އެންމެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި ފްލައިޓުން ދަތުރުކުރި ބާކީ 241 މީހުންނާއި ވެއްޓުނު ސަރަހައްދުގައި ތިބި 29 މީހުން ހިމެނެ އެވެ.
ވެއްޓުނު ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓަކީ 11 އަހަރުވެފައިވާ ބޯޓެކެވެ. އެ ބޯޓު ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓައިލީ ދުރު ދަތުރެއް ކުރުމަށް ކަމަށް ވާތީ ފުލްކޮށް ތެޔޮ އަޅައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ