ތިން ދުވަސް ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން އެދި ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރިހުން އިއްޔެ އެދިވަޑައިގެންފި އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، ކައުންސިލް ބޭއްވުމާ މެދު މައުމޫން އަދި ގޮތެއް ނުނިންމަވަ އެވެ.
ވެރިކަންކުރާ ޕީޕީއެމްގެ ކައުންސިލް ތަމްސީލްކުރައްވާ 33 މެމްބަރުންގެ ތެރެއިން 26 މެމްބަރަކު ސޮއިކުރައްވައި މައުމޫނަށް ފޮނުއްވި ސިޓީގައި ކައުންސިލް ބާއްވައިދޭން އެދިވަޑައިގަތީ، ޕާޓީ ހިންގުން ހުއްޓުވާލައި އިސްލާހީ އެޖެންޑާއެއް އިއުލާންކުރެއްވި ސަބަބު އޮޅުންފިއްލެވުމަށެވެ. ސިޓީގައިވާ ގޮތުން، ކައުންސިލަކީ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނަށްވެފައި، މެމްބަރުންނާ މަޝްވަރާކުރުމެއް ނެތި ޕާޓީގެ ނިންމުންތައް މައުމޫނަކަށް ނުނިންމެވޭނެ އެވެ.
"އިސްލާހީ އެޖެންޑާއެއް އިއުލާންކުރެއްވީ ކޮން ސަބަބަކާ ހުރެކަން އޮޅުންފިއްލެވުމާއި ޕާޓީގެ ހަރަކާތް ހުއްޓުވާލެއްވި މައްސަލާގައި ކައުންސިލް ބާއްވައިދޭން އެދިފައި އޮތީ،" ޕީޕީއެމް ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ އިސް ބައެއް މެމްބަރުން. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މައުމޫނަށް އެ ސިޓީ ލިބިވަޑައިގެންފައިވާ ކަން ޕީޕީއެމް އޮފީހުގެ އޮފިޝަކު މިއަދު ކަށަވަރު ކޮށްދެއްވި އެވެ. ތިން ދުވަސް ތެރޭގައި ކައުންސިލް ބާއްވައިދޭން އެދިފައިވީ ނަމަވެސް އެގޮތަށް އަމަލުކުރެއްވުމުގެ ވިސްނުންފުޅު މައުމޫން ނުގެންގުޅުއްވާ ކަމަށް ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ.
އެކަމަކު ކައުންސިލް ބާއްވާނެތޯ ނުވަތަ ނޫންތޯ މައުމޫން އަދި ސާފުކޮށް ވިދާޅެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދޭތެރޭ އުފެދުނު މައްސަލަތައް ބޮޑުވެ އެންމެފަހުން މައުމޫން ވަނީ ޕާޓީގެ ހުރިހާ ބާރުތަކެއް ނަންގަވައިފަ އެވެ. އެމަނިކުފާނުގެ ހުއްދަ ނެތި ޕާޓީގެ އެއްވެސް ކަމެއް މިހާރު ކުރިއަކަށް ނުގެންދެވޭނެ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި ވެސް ޕާޓީގެ އެންމެ އިސް ފަރާތް ކަމުގައި ކަނޑައަޅާފައި ވަނީ ޕާޓީގެ ރައީސެވެ.
ޕާޓީ އިސްލާހުކުރުމުގެ އެޖެންޑާއެއް އެކުލަވާލެއްވީ މައުމޫން ވިދާޅުވެފައިވާ ގޮތުގައި ޕާޓީގެ ހިންގުން ޑިމޮކްރެޓިކް މިންގަނޑުން ބޭރުވެ، ޕާޓީގެ ކަންކަން ބޮއްސުންލުމުންނެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އޮފީހުގައި ޕާޓީގެ ގޮފިތައް ހިންގުމާއި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަކަށް ނުގެންދެވޭނެ ކަމަށް އަސާސީ ގަވާއިދާ ހަވާލާދެއްވައި މައުމޫން ވަނީ ވިދާޅުވެފަ އެވެ.
މައުމޫންގެ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަން:
- ޕާޓީ ހިންގުން ހަރުދަނާ ކުރުން.
- ޕާޓީގެ މިހާރުގެ ހާލަތު ދެނެގަތުން. އޭގެ ތެރޭގައި ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދާއި ޕާޓީގެ ސައްހަ ގޮފިތައް ހޯދައި، ޕާޓީގެ އޮފީހާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުން.
- ޕާޓީ ހިންގާ ފަރާތަކީ އަދި ޕާޓީގެ ނަމުގައި ގޮފިތަކަށާއި އާއްމު މެމްބަރުންނަށް އެންގުންތައް އަންގާ ފަރާތަކީ ހަމައެކަނި ޕާޓީގެ މައި އޮފީސް ކަމުގައި ހެދުން.
- ޕާޓީގެ ކަންކަމުގައި އާއްމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ މިހާރަށް ވުރެ ބޮޑަށް ހޯދައި ޕާޓީ އިތުރަށް ޑިމޮކްރެޓިކް ކުރުން.
ކައުންސިލް ބާއްވައިދޭން އެދެފި، މައުމޫން އަދި ގޮތެއް ނުނިންމަވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ