ޑަބްލިއުޑީސީ އެކްސްޕޯއަށް ރައީސް މައުމޫނުގެ ތައުރީފު

ކުޅުދުއްފުށީގައި ބޭއްވި 'ޑަބުލިއުޑީސީ އެކްސްޕޯ' އަށް ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ތައުރީފުކުރައްވައިފި އެވެ.
ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ސިޓީ ކައުންސިލުން ގުޅިގެން ބޭއްވި މި އެކްސްޕޯއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބޭއްވި އެކްސްޕޯ އެކެވެ.
މި އެކްސްޕޯއަށް ތައުރީފުކުރައްވައި ރައީސް މައުމޫނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެކްސްޕޯއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ރަށުގެ ހުނަރުވެރި ފަންނާނުންގެ މަސައްކަތްތައް ކުރިއެރުވުމަށް ބޭއްވުނު މުހިންމު ހަރަކާތެއް ކަމަށެވެ.
މި އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންނަށް ރައީސް މައުމޫނު ތަހުނިޔާ ދެންނެވި އެވެ.
މި އެކްސްޕޯއަށް ހާހަކަށްވުރެގިނަ މީހުން ޒިޔާރާތްކުރި
މި މަހުގެ 10 ވީ ހޮނިހިރު ދުވަހު ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ބޭއްވި މި އެކްސްޕޯ ވަރަށް ކާމިޔާބުކަމަށް އަންހެނުންގެ ކޮމެޓީން މައުލޫމާތުދިނެވެ.
ޖުމްލަ 25 ސްޓޯލަކުން ކުޅުދުއްފުށީގައި ހިންގަމުން އަންނަ ތަފާތު އެކިއެކި އަމިއްލަ ވިޔަފާރިތަކާއި މަސައްކަތްތެރިންގެ ހުނަރުވެރިކަން ފެނިގެންދިޔަ މި އެކްސްޕޯއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން ޖުމްލަ 1100 އަށްވުރެ ގިނަ މީހުން މި އެކްސްޕޯ ބަލާލުމަށް ޒިޔާރަތްކޮށްފައިވާކަމަށް އެ ކޮމެޓީން ބުންޏެވެ.
މި އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ގުރުއުތުލުމުން ނަސީބުވެރިންގެ ގޮތުގައި ހޮވުނު ޖުމްލަ 32 ފަރާތަކަށް މި އެކްސްޕޯގެ ތެރެއިން ގިފްޓް ހެމްޕަރ ހަވާލުކޮށްފައިވެއެވެ.
ކާބޯތަކެތީގެ ތަފާތު ބާވަތްތަކާއި، ފެހުމާއި، ރެޒިން އަރޓް، އަތްތެރިކަމުގެ ތަފާތު އުފެއްދުންތައް އަދި މުޖުތަމަޢަށް ބޭނުންތެރި ބައެއް ޚިދުމަތްތަކާ ގުޅޭ ސްޓޯލްތައް ފެނިގެންދިޔަ މި އެކްސްޕޯގެ ތެރެއިން ޖުމްލަ 55،000ރ އަށް ވުރެ ގިނަ ވިޔަފާރީގެ މުއާމަލާތް ހިނގާފައިވެއެވެ. އަދި މާލީ މަންފާގެ އިތުރުން, ގިނަ ފަރާތްތަކަކަށް އެކްސްޕޯގެ ބައިވެރިންގެ މަސައްކަތާއިގުޅޭ މަޢުލޫމާތު ލިބި، ވިޔަފާރިތައް އިޝްތިހާރުވެ، އިތުރު ހިތްވަރެއް ލިބިގެން ދިޔަކަން އެކްސްޕޯގެ ބައިވެރިން ފާހަގަކުރެއެވެ.
މިސްޤާލް ބޮޑުބެރު ގްރޫޕުން ހުށަހަޅައިދިން ބޮޑުބެރު ޝޯވްއަކާއި، ޒެނޯ ވައިބް ބޭންޑްގެ މިޔުޒިކް ޝޯވއެއް އަދި ކުޑަކުދިންނާއި ގުޅޭ ތަފާތު މެސްކޮޓްތައްވެސް ފެނިގެންދިޔަ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގެ ހުނަރުވެރިންގެ މަސައްކަތްތަކާއި އަމިއްލަ ވިޔަފާރިތައް އިސްތިހާރުކުރުމުގެ މަގު ފަހިކޮށްދީ، އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ. މި ފަހަރުގެ އެކްސްޕޯގައި 23 އަންހެންނާއި 2 ފިރިހެނުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ