ހޮރްމޫޒް ކަނޑުއޮޅިން ތައިލެންޑުގެ ތެޔޮ އުފުލާ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އީރާނާ އެކު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް މިއަދު ވިދާޅުވީ، ތައިލެންޑުގެ ތެޔޮ ޓޭންކަރުތަކަށް އެއްވެސް ނުރައްކަލެއް ނެތި ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރެވޭނެކަމުގެ ޔަގީންކަން އީރާނުން ދީފައިވާ ކަމަށެވެ.
"ތައިލެންޑުގެ ތެޔޮ އުޅަނދުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ އެއްބަސްވުމެއް މިހާރު ވަނީ އެކުލަވާލެވިފައި،" ބޮޑުވަޒީރު ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ސަބަބުން ކުރިން ކުރިމަތިވި މެދުކެނޑުންތައް ތަކުރާރު ނުވާނެކަމުގެ އިތުބާރު އުފެދިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުތައް ވަރަށް ބޮޑަށް މަދުވެފައިވާއިރު، މި މަހުގެ ތެރޭގައި އުޅަނދުތަކުގެ ދަތުރުތައް ވަނީ %95އަށް ދަށަށް ގޮސްފަ އެވެ. އަދި މި ދުވަސްވަރު އެކި އުޅަނދުފަހަރަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވެސް ވަނީ ދީފަ އެވެ.
ތައިލެންޑުގެ ތެޔޮ ސްޓޭޝަންތައް ކައިރީގައި ދިގު ކިއޫތައް ހަދައި ތެލުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މި އެއްބަސްވުމުގެ ސަބަބުން ތެލުގެ ސަޕްލައިއަށް އޮތް ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެ އެވެ. ތައިލެންޑް ސަރުކާރުން ބުނެފައިވަނީ އާންމުންނަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ހާލަތާ ގުޅޭ ގޮތުން ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.
ތައިލެންޑުގެ ބޯޓުފަހަރަށް ހޮރްމޫޒް ކަނޑުއޮޅިން ދާން ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ