މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު "ސިއްރިއްޔާތުގައި" ބައްދަލު ކުރެއްވީ އިދިކޮޅު ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާ ނުވަތަ ޕާޓީގެ ލީޑަރަށް ވިނަމަ ކަން ވެގެންދާނެ ގޮތް ހިޔާލަށް ގެންނަވާށެވެ. ވެރިކަން ކުރާ ޕާޓީން އެކަން ސިފަކުރާނީ ސީދާ "އިންތިހާބު އޮޅުވާލުމަށް ކުރެވޭ ރޭވުމެއް" ނުވަތަ "ދައުލަތާ ދެކޮޅު ބަޣާވާތެއް" ގެ ގޮތުގައެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން މަޖިލީހުގައި އީސީގެ ރައީސް ވަކިކުރުމުގެ މަސައްކަތް ވަގުތުން ފަށާނެއެވެ. "ރިސޯސަސް" ހޯދުމަށް ބާރު އަޅައިދިނުމުގެ އެދުނު ކަމުގެ އުޒުރެއް އެ ހާލަތަކު ނުދެއްކޭނެއެވެ.
ޒާހިދު މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހަށް ވަޑައިގެން ބައްދަލު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އާއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދަދު ނޫހުން އިއްޔެ ސުވާލު ކުރުމާ ހަމައަށް އެ ބައްދަލުވުމުގެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގަ އެވެ. ރައީސް އޮފީހުން ވެސް، އަދި އީސީން ވެސް އެ ބައްދަލުވުމާ ގުޅޭ ހަބަރެއް ވެސް ނުޖަހަ އެވެ. ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ނުކުރެ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޒާހިދު ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގެންނެވީ ރައްޔިތުން ވޯޓުގެ ކަންކަމާއި ޑިމޮކްރެޓިކް ވެށްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް އަންނަ އަހަރު ރާވާފައިވާ ކަންކަން މުއިއްޒުއާ ހިއްސާކޮށް، ބޭނުންވާ ރިސޯސަސް ހޯދުމަށް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ދިވެހިރާއްޖޭގެ ރައްޔިތުން އިންތިހާބުގެ ވޯޓުލުން އެކަންޏެއް ނޫން. މި ރާއްޖޭގެ މި ޑިމޮކްރެޓިކް ވެށްޓާއި ޑިމޮކްރަސީގެ ހަމަތަކާއި ވޯޓު ލާން މިޖެހެނީ ކީއްވެގެން ކަމާއި. ވޯޓު ލައިގެން ނުކުންނަން ބޭނުންވާ ނަތީޖާއަކީ ކޮބައިކަމާއި މެދު ހޭލުންތެރިކުރުވުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ދެން އޮންނަ ބޮޑު އިންތިހާބަކާއި ދެމެދު މިފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލްގެ އިންތިހާބަށް ފަހު ދެން އިންތިހާބެއް އޮންނާނީ 2028 ގައި ބާއްވާ ރިޔާސީ އިންތިހާބެވެ.
ޒާހިދުގެ މި ބައްދަލުވުމުގެ ވާހަކަތައް ތިލަވުމުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ކުރެއްވީ ބޮޑު ތުހުމަތެކެވެ.
"ރިޔާސީ އިންތިހާބާއި މަޖުލިސް އިންތިހާބު އެއްކޮށްލައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ރިފަރެންޑަމެއް ކައުންސިލް އިންތިޚާބާއި އެކު ބާއްވަން ސަރުކާރުން ސިއްރިޔާތުގަ ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
އެގޮތަށް ހަދަން އުޅެނީ ކައުންސިލް އިންތިހާބުގެ ނުފޫޒު ބޭނުންކޮށްގެން، އޮޅުވާލުންތަކެއްގެ ތެރެއިން ސަރުކާރުން ބޭނުންވާ ނަތީޖާ ކުރުމަށް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.
މިފަދަ ކަމެއް ރޭވިފައިވާ ނަމަ މަޝްވަރާކުރަން ޖެހޭނީ ހަމައެކަނި މުއިއްޒުއަކާ ނޫނެވެ.
އިލެކްޝަން ކޮމިޝަން ހިންގަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތެވެ. އަދި މެންބަރުންގެ ސުލޫކު ހިފެހެއްޓުމަށް ނުލާހިކު ބޮޑަށް ބާރު އަޅާފައި އޮތީ އީސީއާމެދު އަދި ބާއްވާ އިންތިހާބުތަކާމެދު ރައްޔިތުންގެ އިތުބާރު ބޭއްވުމަށެވެ.
ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ކޮމިޝަންގެ މަޝްވަރާގެ މަތިން ކޮމިޝަންގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ. އަދި ކޮމިޝާނާއި ކޮމިޝަންގެ މެންބަރުންނާއި ކޮމިޝަންގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒައާމަތު ގާއިމުކުރުން ހިމެނެ އެވެ.
މި އުސޫލަށް ބަލާއިރު، ކޮމިޝަންގެ ރައީސްއަށް ކަންކަން ނިންމެން އޮތީ ކޮމިޝަންގައި މަޝްވަރާކޮށްގެންނެވެ. އިންތިހާބުތަކުގެ ބޭރުން ފުޅާ ދާއިރާއެއްގައި ޑިމޮކްރަސީއަށް ހޭލުންތެރިކުރުމަކީ އީސީގެ މަސްއޫލިއްޔަތަކަށް ނުވާއިރު، އެފަދަ ބޮޑު ކަމެއްގައި މުއިއްޒުއާ ބައްދަލު ކުރައްވާނަމަ ސިއްރިއްޔާތުގައި ބައްދަލު ކުރެއްވުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ.
މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ރައީސުންނާ ބައްދަލުކުރައްވާފައިވެ އެވެ. ނަމަވެސް އޭރު އެކަން ކުރެއްވީ ކޮމިޝަންގައި މަޝްވަރާކޮށް، ގޮތެއް ނިންމައިގެންނެވެ. އަދި ރައީސްއާ ބައްދަލު ކުރައްވާފައި ވަނީ ވެސް ކޮމިޝަންގެ ހުރިހާ މެންބަރުންނެވެ. މިފަހަރު ޒާހިދު އަމަލު ކުރެއްވީ މި އުސޫލަކަށް ނޫންކަން ފެންނަން އެއޮތީ އެވެ.
މިއީ އީސީގެ ގާނޫނުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާއި، މިނިވަން މުއައްސަސާއެއްގެ މުސްތަގިއްލުކަން ހިފެހެއްޓުމަށް އޮތް ގާނޫނީ އޮނިގަނޑާ ފުށުއަރާ މައްސަލައެކެވެ.
ގާނޫނު ލާޒިމުކުރަނީ ކޮމިޝަނުގެ ރައީސަކީ ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކަންޖެހޭ ފަރާތެއް ކަމަށެވެ. އެހެން މެންބަރުން ބައިވެރިނުކޮށް ވަކިން ބައްދަލުކުރުމަކީ ގާނޫނުގެ އައް ވަނަ މާއްދާގައި ބަޔާންކުރާ ނަމޫނާ ގެއްލި، މުއައްސަސާގެ އިތުބާރު ކުޑަވާ ފަދަ ކަމެކެވެ.
ކޮމިޝަނުގެ ކަންކަން ކުރަންވާނީ ހާމަކަން ބޮޑުގޮތެއްގައި، ސައްހަ މައުލޫމާތު އާންމުންނަށް ލިބޭ ގޮތަށެވެ. ނަމަވެސް ޒާހިދުގެ ބައްދަލުވުން ކޮމިޝަނުން ވެސް ހާމަނުކޮށް އޮތުމަކީ، ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ ހިލާފު ކަމެކެވެ.
"ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާފަދަ އެއްވެސް ކަމެއް ނުކުރުން" ލާޒިމުކުރެ އެވެ. މަޖިލީހުގެ ދައުރު ކުރުކުރުމަށް "ރެފެރެންޑަމް" އެއް ނަގަން އުޅޭ ކަމުގެ ތުހުމަތު އޮތް ދަނޑިވަޅެއްގައި، މިފަދަ ބައްދަލުވުމެއް ބޭއްވުމަކީ ސިޔާސީ ނުފޫޒަށް ލެނބުން ކަމަށް ގަބޫލު ކުރެވޭނެ އެވެ. އެހެންވެ، މިއީ ވެސް ގާނޫނާ ހިލާފު އަމަލެކެވެ.
މި ބައްދަލުވުމުގެ ސީރިއަސްކަން ވަޒަންކޮށްލުމަށް، ހަމަ މިފަދަ ބައްދަލުވުމެއް ސިއްރިއްޔާތުގައި އިދިކޮޅު ލީޑަރަކާއެކު ޒާހިދު ބޭއްވި ނަމަ ވާނެ ގޮތަށް ކުރިން ހިއްސާކޮށްފައި އެވަނީ އެވެ.
ކޮމިޝަންގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، ކޮމިޝަންގެ ގަދަރާއި ދަރަޖައާއި އަބުރުވެރިކަމަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައި އޮތީ ސަމާސާއަކަށް ނޫންކަން ގަބޫލުކުރަންޖެހެ އެވެ. އަދި ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާފަދަ އެއްވެސް ކަމެއް ކޮމިޝަންގެ މެންބަރަކަށް އަދި މުވައްޒަފަކަށް ވެސް ނުކުރެވޭނެ އެވެ.
މުއިއްޒުއާއެކު ބޭއްވި ސިއްރު ބައްދަލުވުމުގެ ވާހަކަ ތިލަވުމުން އެކަން "ރިސޯސަސް" ހޯދުމުގެ ރީތި ނަމަށް ބައްދަލުކުރެއްވިއިރު، ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ތެރެއިންނެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހުގައި ދިރާސާކުރަމުން ދިޔަ ވަގުތު، އެއްވެސް މުއައްސަސާއަކުން ބޭނުންވާ އިތުރު ވަސީލަތެއް އޮތްނަމަ، އެކަން ހުށަހަޅަންޖެހޭނީ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ބަޖެޓު ނުލިބޭ ވާހަކައެއް، ހުށަހެޅި ކަމެއް ފާސް ނުވާ ވާހަކައެއް ހާމަކޮށްފައި ނެތްއިރު، މިހާރު އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.
ސުލޫކީ ހަމައަކާ އީސީގެ މެންބަރަކު ހިލާފުވުމަކީ "އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް" އުފަންވުމެވެ. އީސީގެ ރައީސް ޒާހިދުގެ އަމަލުތަކަކީ މި ގާނޫނީ މާއްދާތަކުގެ ދަށުން ސީދާ ޖަވާބުދާރީވާންޖެހޭ، އަދި އޭނާގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭ ކަންކަމެވެ.
ޒާހިދުގެ "ސިއްރު" ބައްދަލުވުމާއި ސުލޫކުގެ ރަތް ރޮނގު! ޒާހިދުގެ "ސިއްރު" ބައްދަލުވުމާއި ސުލޫކުގެ ރަތް ރޮނގު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ