ތައިލެންޑުގެ ސަރުކާރުން ތެލަށް ދެމުންދިޔަ ސަބްސިޑީ ކުޑަކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އެ ގައުމުގައި ތެލުގެ އަގު އުފުލިފައި ނުވާ މިންވަރަށް އިއްޔެ އުފުލިއްޖެ އެވެ.
ރޭ އިއުލާންކުރި މި ބަދަލާ އެކު، ލިޓަރަކުން 6 ބާތު ބޮޑުވެ، ޕެޓްރޯލްގެ އަގު %14 އާއި %22އާ ދެމެދުގެ މިންވަރަކަށް ވަނީ އުފުލިފައެވެ. އަދި ޑީސަލްގެ އަގު ވަނީ %18އަށް ބޮޑުވެފަ އެވެ.
މި ނިންމުމަކީ އީރާނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ސަރުކާރުން ތެލަށް ދެމުންދިޔަ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ތައިލެންޑުގެ އޮއިލް ފިއުލް ފަންޑުން 28.1 ބިލިއަން ބާތު (857 މިލިއަން ޑޮލަރު)ގެ ދަރަންޏެއް ދައްކަން ޖެހިފައިވުމީ، އެ ގައުމުގެ މާލީ ހާލަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން މިކަމުން ހާމަވެ އެވެ.
ތެލުގެ އަގު ބޮޑުވާނެކަމުގެ ހަބަރާ އެކު، އަގު ބޮޑުވުމުގެ ކުރިން ތެޔޮ އެޅުމަށްޓަކައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ޕެޓްރޯލް ޝެޑްތަކުގެ ކައިރީގައި ކިއޫ ހަދާފައިވެ އެވެ.
ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސަބްސިޑީ ދިނުމުގެ ސިޔާސަތަށް މި ގެނައި ބަދަލުގެ ސަބަބުން، ދަތުރުފަތުރުގެ ހަރަދާއި މުދާ އުފެއްދުމުގެ ހަރަދު ބޮޑުވެ، ގައުމުގެ އިގްތިސާދީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އުފުލިގެންދާނެ އެވެ.
ސަބްސިޑީ ކުޑަކުރުމުން ތައިލެންޑުގައި ތެލުގެ އަގު %22 އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ