އެޓުލީ ޑައިރެކްޓްކުރާ ފިލްމަށް އަނުޝްކާ ވެސް ގެންނަނީ؟
ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު އެޓްލީ އުފައްދާ ފިލްމު "AA22xA6"އިން އައްލޫ އަރްޖުން އަދި ދީޕިކާ ޕަދުކޯންއާ އެކު ބަތަލާ އަނުޝްކާ ޝަރުމާ ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ވަގުތީ ގޮތުން "AA22xA6"ގެ ނަމުން ނަންދީފައިވާ ސައިންސް ފިކްޝަން ފިލްމަށް މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ ގެނައުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ބޮލީވުޑްގެ ރިޕޯޓުތަކުން ވަނީ ބުނެފިއެވެ. މި ފިލްމަކީ "އެވެޓާ" ފްރެންޗައިޒް ފަދަ ބޮޑު މަންޒަރުތަކެއް ކިޔައިދޭނެ ފިލްމެއް ކަމަށް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ފިލްމީ ޚަބަރުތަކުން ބުނެއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ 'ޑެކަން ކްރޮނިކަލް'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަނުޝްކާއަށް ހުށަހަޅާފައިވާ ރޯލަށް ބަތަލާ އެއްބަސްވެއްޖެނަމަ މިއީ ތެލެގޫ ސިނަމާގެ އެންމެ ކުރީ ސަފުގެ ތަރިއަކާއެކު އަނުޝްކާ ކުޅޭ ފުރަތަމަ ފިލްމަށް ވާނެއެވެ. މިފަހަކަށް އައިސް ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުގައި ހުރި ބަތަލާގެ ޓީމުން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައިނުވާއިރު އަނުޝްކާގެ ފިލްމަކަށް އިންތިޒާރުކުރާ ފަރާތްތަކުން ވެސް ތިބީ މިކަން ކަށަވަރުވާނެ އިރެއްގެ އިންތިޒާރުގައެވެ. ޑައިރެކްޓަރު އެޓުލީ ފިލްމު "AA22xA6"ގެ ސެޓުގައި އެކްޓަރު އައްލޫ އަރުޖުންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އިންޑިއާގެ ކުޅަދާނަ ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޮލީއާ ކައިވެނިކޮށް މިހާރު ދެ ކުދިންވެސް ލިބިފައިވާ ބަތަލާ މިފަހަކަށް އައިސް ފިލްމީ މަސައްކަތްތަކުން އެއްވެސް ވަރަކަށް ފެނިފައެއް ނުވެއެވެ. ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެތެރޭ ހިމެނޭ އަނުޝްކާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2018ވަނަ އަހަރު ގެނެސްދިން ޝާހްރުކް ޚާންގެ ފިލްމު "ޒީރޯ"އިންނެވެ. އަނުޝްކާ މުހިއްމު ރޯލެއް ކުޅޭ އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ކެޕްޓަން ޖޫލަން ގޯސްވާމީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ "ޗަކްދާ އެކްސްޕްރެސް"އިން އަނުޝްކާ ފެންނާނެ ކަމަށް ކުރިން އުންމީދު ކުރެވުނު ނަމަވެސް، އެ ފިލްމުގެ މަސައްކަތް ވެސް ވަނީ އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެ ފިލްމުގެ މަސައްކަތް ވަނީ ފަށާނެ ވަކި މުއްދަތެއް ނެތި ހުއްޓުމަކަށް އައިސްފައެވެ. އެހެންކަމުން ޑައިރެކްޓަރު އެޓުލީގެ ފިލްމަށް އަނުޝްކާ އެއްބަސްވެއްޖެނަމަ މިއީ ދިގު މުއްދަތަކަށް އެނބުރި ފިލްމީ މަސައްކަތްތަކަށް ބަތަލާ އަންނަ ފުރަތަމަ ފިލްމަށް ވާނެއެވެ. "AA22xA6"ގެ ޝޫޓިންގް މިހާރު ފެށިފައިވާއިރު، 2026 ވަނަ އަހަރުގެ ފަހުކޮޅަށް ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ