ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަށް އީރާނުން ފުރަގަސްދީ، ބޮޑެތި ޝަރުތުތަކެއް ކުރިމަތިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ސުލްހައިގެ މަޝްރޫއަށް އީރާނުން ފުރަގަސްދީ، ހަނގުރާމަ ހުއްޓާލުމަށް އަމިއްލަ ބޮޑެތި ޝަރުތުތަކެއް ކުރިމަތިކުރުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވުމުގެ ބިރު ބޮޑުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ދާދިފަހުން ބުނެފައިވަނީ އީރާނުން އޮތީ ސުލްހައަށް "ބޭނުންވެފައި" ކަމަށާއި، އީރާނުގެ ފަރާތުން ތެލާއި ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭ "މުހިންމު ހަދިޔާއެއް" އޭނާއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވަނީ މިއީ ކަނޑައެޅިގެން ދޮގެއްކަމަށް ވިދާޅުވެ، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާކަން ހާމަކުރައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ދުނިޔޭގެ މާލީ ބާޒާރަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާއާއި އިސްރާއީލު ތާށިވެފައިވާ ހާލަތުން ސަލާމަތްވުމަށް އެފަރާތްތަކުން ފަތުރާ ދޮގު ޚަބަރުތަކެކެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމުގައި އީރާނަށް ގިނަ ކަންތައްތަކެއް މަޖުބޫރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވުމާއި، ނިއުކްލިއަރ މަރުކަޒުތައް ނައްތާލައި ޔުރޭނިއަމް ރިޒާވް އދ. ގެ ނިއުކްލިއަރ އެޖެންސީއާ ހަވާލުކުރުމާއި، މިސައިލް ޕްރޮގްރާމް ހަނިކުރުން ހިމެނެއެވެ. މީގެ އިތުރުން ހަމާސް، ހިޒްބުﷲ އަދި ހޫޘީން ފަދަ ޖަމާއަތްތަކަށް ދޭ މާލީ އެހީ ކަނޑާލުމަށާއި، ދުނިޔޭގެ އިގްތިސާދަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލުމަށްވެސް ޝަރުތުކޮށްފައިވެއެވެ. މިކަންކަމަށް އެއްބަސްވެއްޖެނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް އެމެރިކާގެ ޕްލޭންގައިވެއެވެ.
އެހެންނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީން ބުނެފައިވަނީ އީރާނުން އެމެރިކާގެ ހުށަހެޅުންތައް ބޮލާލާޖަހައި، އަމިއްލަ ފަސް ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އެންމެ އިސްކަމެއް ދީފައިވަނީ އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ސަރަހައްދީ ބައިވެރިންނަށް ހަމަލާ ނުދިނުމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށާއި، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް ދިނުމަށާއި، އީރާނާ ދެކޮޅަށް އިތުރު ހަނގުރާމައެއް ނުފަށާނެކަމުގެ ޔަގީންކަން ދިނުމަށްވެސް ތެހެރާނުން ވަނީ ޑިމާންޑުކޮށްފައެވެ.
މި ދެބަސްވުންތައް ކުރިއަށްދާއިރު، ސަރަހައްދީ ހަމަނުޖެހުންތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ވަރުގަދަ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު، އިސްރާޢީލުން އަދިވެސް ދަނީ ތެހެރާނަށް ބޮންއަޅަމުންނެވެ. އަދި މި ދަނޑިވަޅަކީ އެމެރިކާގެ އެތައް ހާސް ސިފައިންނެއް ހަތިޔާރާއެކު އީރާނާ ދިމާލަށް މިސްރާބު ޖަހާފައިވާ ވަގުތަކަށް ވުމާއެކު، މިއީ ހޮރްމޫޒް ކަނޑުއޮޅި ގަދަބާރުން ހުޅުވުމަށް ނުވަތަ އީރާނުގެ ބައެއް ސަރަހައްދުތަކަށް އެރުމަށް ކުރާ ކަމެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އިސްރާއީލުގެ އިގްތިސާދީ ވަޒީރު ނިރް ބަރްކަޓް ދެކޭ ގޮތުގައި އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ސުލްހައިގެ އެއްބަސްވުމަކަށް ނާދެވުނު ކަމުގައިވިޔަސް، ހަނގުރާމަ ނިމޭއިރު އިސްރާއީލުން ކަނޑައަޅާފައިވާ އަސްކަރީ މަގުސަދުތައް ހާސިލުކުރާނެކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ