ތައިލެންޑުގެ ނޮންތަބުރީގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމަށް ބާކީ އޮތް ހަތަރު މެޗަށް ވެސް ރަނގަޅަށް ތައްޔާރުވެގެން ނުކުތުން މުހިންމު ކަމަށް ގައުމީ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.
ސާފްގެ ފިރިހެން ޑިވިޝަނުގެ ތާވަލަށް ބަލާއިރު، ރާއްޖެ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އެއް ވަަނައިގައި އޮތީ ދެ ވަނައިގައި އޮތް ޕާކިސްތާނާ އެއްވަރަށް ހަ ޕޮއިންޓް ހޯދައިގެންނެވެ. ޕާކިސްތާނުން ތިން މެޗު ކުޅުނުއިރު، ރާއްޖޭން ކުޅުނީ ދެ މެޗެވެ. ތިން ވަނައިގައި އޮތް ނޭޕާލާއި ހަތަރެއްގައި އޮތް ބަންގްލަދޭޝް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލުން ކުޅުނީ ދެ މެޗެވެ. އެކަމަކު، ބަންގްލަދޭޝުން ތިން މެޗު ކުޅެފައިވެ އެވެ. އިންޑިއާ ފަސް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން އެއްވަރުވެ، ދެ ޕޮއިންޓާ އެކު އެެވެ. ހަ ވަނައިގައި އޮތް ބޫޓާނާއި އެންމެ ފުލުގައި އޮތް ލަންކާ އަށް ތިން މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ތިން ވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން މިއަދު ނުކުންނާނެ އެވެ. އެ މެޗަށް ނުކުންނައިރު، ތާވަލުގެ އެއް ވަަނައިގައި އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށް ގައުމީ ކޯޗު ވަނީ ބުނެފަ އެވެ.
"ވަރަށް ހިތްހަމަަޖެހޭ (އެއް ވަނަ މަގާމުގައި އޮތީމަ). އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ އަދި ހަތަރު މެޗު އެބައޮތް. ރަނގަޅަށް ތައްޔާރުވާން ޖެހޭ އަބަދުވެސް ކުރިއަށް އޮތް މެޗަށް،" ގައުމީ ކޯޗު ފާރޫކް، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.
ރާއްޖޭން މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. މި ދެ މެޗުގެ ނަތީޖާ އަށް ބަލައި، ޓީމުތަކުން ރާއްޖެއާ މެދު ސަމާލުވުން އިތުވާނެ ކަމަށް ފާރޫކް ވެސް ގަބޫލުކުރެ އެވެ. ހަމަ އެ ގޮތަށް ރާއްޖޭން ވެސް ފޯކަސް ރަނގަޅަށް ދަމަހައްޓައިގެން، ފަރުވާ ކުޑަކޮށްނުލައި މެޗުތަކަށް ނުކުންނަން ޖެހޭނެ ކަމަށް ފާރޫކް ވަނީ ބުނެފަ އެވެ.
މަހަކަށް ވުރެން ގިނަ ދުވަހު، ރާއްޖޭގެ ސްކޮޑާ އެކު، މާލޭގައި އަދި ޗައިނާގައި ވެސް ޓްރެއިނިން ކުރިއަށްގެންގޮސް، ފާރޫކް އަށް މުބާރާތުގައި ލިބިފައި އޮތް އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ، ކޮންމެ ކުޅުންތެރިއަކު ވެސް މެޗުގައި ބޭނުންކުރެވޭނެ ލެވަލަށް ތައްޔާރުކޮށްފައި ބެހެއްޓުމެވެ. އެއީ، މޮޅުވުމަށް ބާރު އެޅޭ ސަބަބެއްގެ ގޮތުގައި އޭނާ ވެސް ދެކެ އެވެ.
"ކޮންމެ މެޗެއްގައި ވެސް ހުރިހާ ކުޅުންތެރިން ބޭނުންކުރަން މަސައްކަތްކުރާނަން. އެއީ، އަހަރެން ބޭނުން ހުރިހާ ކުޅުންތެރިން ރަނގަޅަށް ދަސްކޮށްގެން ކުރިއަށްދާން. އަހަންނަށް ފެންނަ ގޮތުގައި ހުރިހާ ކުޅުންތެރިން މިހާރު އަހަރެން ބޭނުންވާ ގޮތަށް، އަަހަރެން ކިޔައިދޭ ގޮތަށް ކުޅެން ދަސްކޮށްފި، ރަނގަޅު ހާލަތެއްގައި ތިބީ ވެސް. ކުރިއަށް ހުރި މެޗުތަކުގައި ވެސް އެ ގޮތަށް ތިބޭނީ،" އުޒްބެކިސްތާން ގައުމީ ޓީމަށް ކުރިން ކުޅެ، ގައުމީ ސެޓަޕްގެ ކޯޗިންގައި މަސައްކަަތްކުރާ ފާރޫކް ބުންޏެވެ.
ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 15:00 ގަ އެވެ.
ބާކީ އޮތް ހަތަރު މެޗަށް ވެސް ރަނގަޅަށް ތައްޔާރުވުން މުހިންމު: ގައުމީ ކޯޗު ބާކީ އޮތް ހަތަރު މެޗަށް ވެސް ރަނގަޅަށް ތައްޔާރުވުން މުހިންމު: ގައުމީ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ