ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ޙަސަން (27އ) އެވެ. އޭނާ ހައްޔަރުކުރީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނީ، މި ތަކެތި އަތުލައިގަނެފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު މާރިޗު 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލައި ފާސްކޮށް ކަމަށެވެ.
އެ ތަން ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އޮޕަރޭޝަންގެ ތެރެއިން، ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ވަނީ ފެނިފައިވާ ކަމަށާ، އެ ސައިކަލު ތަހުގީގުގެ ބޭނުމަށް ޓޯވ ކޮށްފައިވާ ކަމަށެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނަޒްމުލް ޙަސަން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ