ރޮނާލްޑީނިއޯގެ ހަޔާތާ ގުޅޭ ނެޓްފްލިކްސް ސީރީސެއް ދައްކަނީ ރޮނާލްޑީނިއޯގެ ހަޔާތާ ގުޅޭ ނެޓްފްލިކްސް ސީރީސެއް ދައްކަނީ

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މާޗް 14) - ދުނިޔޭގެ ފުޓްބޯޅައިގައި ފެނިގެންދިޔަ އެންމެ އާދަޔާހިލާފު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ރޮނާލްޑީނިއޯގެ ހަޔާތާ ގުޅޭ ޑޮކިއުމެންޓްރީ ސީރީސްއެއް އަންނަ މަހު ރިލީސްކުރަން ދުނިޔޭގެ އެންމެ ވަރުގަދަ ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން ނިންމައިފި އެވެ.
"ރޮނާލްޑީނިއޯ: ދި ވަން އެންޑް އޮންލީ" ގެ ނަމުން ނަންދީފައިވާ ތިން އެޕިސޯޑްގެ މި ޑޮކިއުމެންޓްރީ ސީރީސް ރިލީސްކުރާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. މިއީ، ކެނަލް އަޒުލް އެންޑް ޓްރެއިލާ ފިލްމްސްގެ އުފެއްދުމެކެވެ.
މި ޑޮކިއުމެންޓްރީގައި އަލިއަޅުވާލައިފައިވަނީ، ބްރެޒިލްގެ ޕޯޓް އަލެގްރޭ އިން ފެށިގެން ފުޓްބޯޅައިގެ ފިޔަޖަން ފެށި ތަރި، ރޮނާލްޑީނިއޯ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް، ބާސެލޯނާގައި ވިދާލައި، ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނިގެންދިޔަ ދަތުރުގެ ކަންތައްތަކަކަށެވެ.
ޕީއެސްޖީ އާއި އޭސީ މިލާނަށް ވެސް ކުޅެފައިވާ ރޮނާލްޑީނިއޯގެ ކެރިއަރާ ގުޅޭ މީގެ ކުރިން ނުފެންނަ އެތައް ވީޑިއޯ ފޫޓޭޖްތައް ވެސް ހޯދައިގެން މި ޑޮކިއުމެންޓްރީގައި ހިމަނާފައިވާއިރު، މިއީ، ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ ފަރާތެއް ވެސް ބަލާލުން މުހިންމު ޑޮކިއުމެންޓްރީއެއް ކަމަށް ކެނަލް އަޒުލް އާއި ޓްރެއިލާ ފިލްމްސް އިން ވަނީ ބުނެފަ އެވެ.
ބްރެޒިލްގެ ފުޓްބޯޅައާ ގުޅޭ ގިނަ ޑޮކިއުމެންޓްރީތަކެއް ހަދަމުން އަންނައިރު، އަންނަ މެއި މަހު ވެސް ޑޮކިއުމެންޓްރީއެއް ރިލީސްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ، "ޔޫއެސްއޭ 1994: ބްރެޒިލްސް ރިޓާން ޓު ގްލޯރީ" ގެ ނަމުން ނަންދީފައިވާ ޑޮކިއުމެންޓްރީ އެކެވެ. އަދި، ޖޫން މަހު، ބްރެޒިލް ފުޓްބޯޅައިގެ ގްރާސްރޫޓްގެ ކަންކަން ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް ރިލީސްކުރާ ގޮތަށް ވެސް ވަނީ ހަަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ