އިންޑިއާއިން އެކަތަ ބޭރުކުރާ މިންވަރު އިތުރުވެއްޖެ

މި ހިނގާ މާލީ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އިންޑިއާއިން ބޭރުކުރި އެކަތައިގެ މިންވަރު އިތުރުވެއްޖެއެވެ.
އިންޑިއާ ސަރުކާރުގެ ތަފާސް ހިސާބުތަކާ ހަވާލާދީ ރޮއިޓަރސް އިން ބުނީ އެތެރެކުރާ މިންވަރަށް ވުރެ ގިނައިން އިންޑިއާއިން އެކަތަ ބޭރުކުރިކަމަށެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު 33.3 އިންސައްތަ އިތުރުވެ، ޖުމްލަ 4.8 މިލިއަން މެޓްރިކް ޓަނުގެ އެކަތަ އިންޑިއާއިން ބޭރުކޮށްފައިވެއެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން އެކަތަ އުފައްދާ އިންޑިއާއިން މި މުއްދަތުގައި އެތެރެކޮށްފައިވަނީ 4.65 މިލިއަން މެޓްރިކް ޓަނުގެ ދަގަނޑެވެ. އޭޕްރީލް އިން ޑިސެމްބަރުގެ ނިޔަލަށް 117.6 މިލިއަން މެޓްރިކް ޓަނުގެ އެކަތަ އުފައްދާފައިވާއިރު، ބޭނުންކޮށްފައިވަނީ 119.3 މިލިއަން މެޓްރިކް ޓަނެވެ.
ހެޔޮ އަގުގައި އެތެރެކުރާ ދަގަނޑު, ޚާއްޞަކޮށް ޗައިނާއިން، ކޮންޓްރޯލް ކުރުމަށްޓަކައި، މިދިޔަ ޑިސެމްބަރު މަހު އިންޑިއާ ސަރުކާރުން ވަނީ ބައެއް ބާވަތްތަކުން އިމްޕޯޓް ޓެރިފް ނަގަން ފަށާފައެވެ. 'ސޭފްގާޑް ޑިއުޓީ'ގެ ގޮތުގައި ނަގާ މި ޓެކްސް ފުރަތަމަ އަހަރު ހުންނާނީ 12 އިންސައްތައިގައެވެ. ދެވަނަ އަހަރު 11.5 އިންސައްތައަށް އަދި ތިންވަނަ އަހަރު 11 އިންސައްތައަށް މި އަދަދު ކުޑަވާނެއެވެ.
ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއާގެ ބޮޑެތި ކުންފުނިތަކުން ވަނީ ދަގަނޑުގެ ބާވަތްތަކުން މެޓްރިކް ޓަނަކަށް 2،000 ރޫޕީސް (22.19 ޑޮލަރު) އާ ހަމައަށް އަގު އުފުލާފައެވެ. މިހާރު ދަގަނޑު މެޓްރިކް ޓަނެއްގެ އަގު އުޅެނީ 50,250 ރޫޕީސް އާއި 51,250 ރޫޕީސް އާ ދެމެދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ