ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު އަންނަ ހޯމަ ދުވަހު ޖަރުމަނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކަމަށެވެ.
ތަފްސީލް - މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޖަރުމަނުގެ ރައީސް ސްޓައިންމަޔާއާ ބައްދަލުކުރައްވާނެ އެވެ.
މީގެ އިތުރުން، އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށާއި މި ބައްދަލުވުން ތަކުގައި ރާއްޖެއާއި ޖަރުމަނުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށެވެ.
ރައީސް މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން:
ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން 'މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ؛ ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި ތަގުރީރުކުރައްވާނެ
ޖަރުމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަގުރީރު ކުރައްވާނެ
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން:
ރައީސްގެ ދަތުރުފުޅުގައި ޖަރުމަނުގައި ބިޒްނަސް ފޯރަމެއް ބާއްވާނެ
މި ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވާނެ
ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު ހިއްސާކުރާނެ
އެނގުން މުހިއްމު - ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާއާ ކަމަށެވެ. ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 5 ޖުލައި 1966ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ