ކައުންސިލް އިންތިޚާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، އެ ކޯޓަށް ހުށަހަޅާފައިވާ، އިންތިޚާބާ ގުޅޭ ދެ މައްސަލައަށް ވެސް ކޯޓުންވަނީ ހުއްދަ ދީފައެވެ. އެ ދެ މައްސަލައަކީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް، ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލައަކާއި، ޢަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ފާޠިމަތު ސޫޒަން ހުށަހެޅި މައްސަލައަކީ އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނުގަނެ، ބޭރުކޮށްލާފައިވާ މައްސަލައެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ މައްސަލަ ބެލުމުގެ އިހުތިސާސް ނެތް ކަމަށް ބުނެއެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް ގާނޫނުގައިވާ ގޮތުން ހުށަހަޅަން ޖެހޭނީ ހައިކޯޓަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ކެންޑީޑޭސީއާ ގުޅޭ މައްސަލަތަކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ދެ މައްސަލައަކީ ވެސް ކެންޑިޑޭސީއާ ގުޅޭ މައްސަލަތަކެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާއި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި ފައިސާ ދެއްކުން ހިމެނޭ ގޮތުން ހުރިހާ ކަމެއް އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަންގެ މައިޕޯޓަލް މެދުވެރިކޮށް ކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުގެ ފަރާތުން ކުރިން ހައިކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެކަމަކު ހައިކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ