ބަންގްލަދޭޝްގެ އިންތިހާބު ތާރިގް ރަހުމާންގެ ބީއެންޕީން ކާމިޔާބުކޮށްފި ބަންގްލަދޭޝްގެ އިންތިހާބު ތާރިގް ރަހުމާންގެ ބީއެންޕީން ކާމިޔާބުކޮށްފި

ބަންގްލަދޭޝްގައި އިއްޔެ ބޭއްވި ތާރީހީ އާންމު އިންތިހަބު މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހުމާންގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށްފި އެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 299 ގޮނޑީގެ ތެރެއިން ބީއެންޕީ އާއި އެ ޕާޓީގެ އިއްތިހާދުން ވަނީ 211 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ އެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެޖޯރިޓީއެކެވެ. ބީއެންޕީގެ މައިގަނޑު ވާދަވެރިޔާ ކަމަށް ބެލެވުނު ޖަމާއަތޭ އިސްލާމީ އިއްތިހާދަށް ލިބިފައިވަނީ 70 ގޮނޑިއެވެ. ބާކީ ހުރި ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓުންނާއި އެހެނިހެން ކުދި ޕާޓީތަކުންނެވެ.
މިއީ، 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައި ފަހުން ބޭއްވި ފުރަތަމަ އާންމު އިންތިހާބެވެ.
ޝެއިޚް ހަސީނާގެ އަވާމީ ލީގަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައި ނުވާއިރު، އޭނާ މިހާރު ހުންނެވީ އަރުވާލެވިގެން އިންޑިއާގައެވެ.
ސަތާރަ އަހަރު އަރުވާލެވިގެން އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތާރިގް ރަހުމާން ވަނީ އޭނާގެ އަމިއްލަ ދާއިރާ ކަމަށްވާ ބޮގުރާ-6 އިން ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރައްވާފަ އެވެ. ބީއެންޕީން ބުނެފައިވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ތާރިގް ރަހުމާން ވެގެންދާނީ ބަންގްލަދޭޝްގެ ދެން ހުންނާނެ ބޮޑުވަޒީރަށް ކަމަށެވެ.
ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ 60.69 ޕަސެންޓެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ބަންގްލަދޭޝްގައި އެންމެ އަމާންކޮށް އަދި ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވުނު އިންތިހާބު ކަމަށް އޮބްޒާވަރުން ބުނެއެވެ.
ބަންގްލަދެޝްގެ ސިޔާސީ މަޝްރަހު ބެހިފައި ވަނީ ހަސީނާ އިސްވެ ހުންނެވި އަވާމީ ލީގާއި، ހަވަހާރަވެފައިވާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ރަހުމާން އިސްވެ ހުންނެވި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ. މިހާރު ބީއެންޕީއާ ގޮންޖަހަމުން ދަނީ އިސްލާމީ ޖަމާއަތޭ އިސްލާމީ އިސްވެ އޮވެ އުފައްދާފައިވާ 11 ޕާޓީގެ ކޯލިޝަނަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ