ޕާކިސްތާން-އަފްޣާން ހަނގުރާމަ: ކާބުލްއަށް ބޮން އަޅައިފި
ޕާކިސްތާނުން އަފްޣާނިސްތާނަށް ތަކުރާރުކޮށް ހަމަލާ ދެމުން ދާތީ ބަދަލު ހިފުމުގެ ގޮތުން އަފްޣާނިސްތާނުން ރޭ ދޭން ފެށި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ބޮން އަޅައިފިއެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ ކާބުލްއަށް ބޮމުގެ ހަމަލާއެއް ދީފައިވަނީ އަފްޣާން ގަޑިން ރޭ މެންދަމު 1:50 ހާއިރުއެވެ. އަފްޣާން ސަރުކާރުގެ މަސްދަރަކުން އަލްޖަޒީރާއަށް ކަށަވަރުކޮށްދިން ގޮތުގައި ކާބުލްއަށް ވައިގެ ހަމަލާއެއް ދީފައިވާއިރު، ޕާކިސްތާނުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ވެސް ވަނީ އަފްޣާނިސްތާނުގެ ދެކުނުގެ ކަންދަހާރު ޕްރޮވިންސްގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. ޕާކިސްތާނުން ކާބުލްއަށް ހަަމަލާ ދީފައި ވަނީ އަފްޣާނިސްތާނުން އިސްވެ ދިން ހަމަލާތަކަށް އެކަށީގެންވާ ރައްދު ދީފައިވާ ކަމަށް އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވަނިކޮށެވެ. ޕާކިސްތާނުން އަފްޣާނިސްތާނަށް މިދިޔަ ހަފްތާ ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ކާރެއް. ފޮޓޯ/އޭޕީ "ޗިތްރާލް، ޚައިބަރު، މުހައްމަދު، ކުރުރާމް އަދި ބަޖާއުރު ސެކްޓަރުގައި ތާލިބާނުންގެ ވެރިކަމުގެ ބާރުތަކަށް އަދަބު ދެމުން އެބަދޭ. ކުރީގެ ރިޕޯޓްތަކުން ކަށަވަރުވާ ގޮތުގައި އަފްޣާނިސްތާނުގެ ފަރާތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެތައް ޕޯސްޓަކާއި ސާމާނު ވަނީ ހަލާކުވެފަ." މިނިސްޓްރީން ބުންޏެވެ. ޕާކިސްތާނުުން މިިދިޔަ ހަފުތާ ދިން ހަމަލާތަކުގެ ރައްދުގައި އަފްޣާނިސްތާނުން ރޭ ދޭން ފެށި ހަމަލާތަކުގައި އެތައް ސިފައިންނެއް މަރާލައި އަދި އެތައް ސިފައިންނެއް އަތުލައިގެންފައިވާ ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ބުނެފައިވެއެވެ. މިދިޔަ ހަފުތާ ދިން ހަމަލާތަކުގައި އަފްޣާނިސްތާނުގެ 70 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވާއިރު، އަފްޣާނިސްތާނުން ބުނީ ހަނގުރާމަވެރިންގެ އިތުރުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމުންވެސް މަރާލަފައިވާ ކަމަށެވެ. އަދި އެ ހަމަލާތައް އެ ގައުމުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް އަނބުރާ ހޯދި ފަހުން ދެ ގައުމުގެ ދެމެދުގައި ވަނީ މައްސަލަ ވަރަށް ބޮޑުވެފަ އެވެ. އަދި މި މައްސަލަތައް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އިތުރަށް ގޯސްވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ