ދޮޅު އަހަރު ފަހުން، މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް އަލުން ފަށައިފި

ދޮޅު އަހަރު ފަހުން، ބަންގްލަދޭޝްގެ ވެރިރަށް ދާކާއާއި ހުޅުލެއާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ. ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު މޯލްޑިވިއަނުން ކުރަމުން އައި ދަތުރުތައް ހުއްޓާލީ އޮގަސްޓް 2024ގައި، ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަމުގައި އެ ގައުމުގެ އިގުތިސާދީ ހާލަތު ދަށްވުމާއި ކޮރަޕްޝަން އިތުރުވުމާ ގުޅިގެން ކުރި މުޒާހަރާތަކާއެކު، އެ ގައުމުގެ ސިޔާސީ މަސްރަހު ނުތަނަސްވުމާ ގުޅިގެން ހަމަނުޖެހުންތައް ހިނގައި ދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް މިއަދު މޯލްޑިވިއަނުން ވަނީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށައިފައެވެ. އެ ދަތުރުތައް އަލުން ފެށީ މިއަދު ދާކާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި މޯލްޑިވިއަންގެ ފްލައިޓުންނެވެ. އެ ފްލައިޓުން އައި ފަސިންޖަރުންނަށް ވަނީ، އެއާޕޯޓުން ފިނިފެންމަލެއް ވެސް ދީފައެވެ. މޯލްޑިވިއަންގެ ކެބިން ކްރޫގެ މުވައްޒަފަކު، ފިނިފެން މަލެއް ހިފައިގެން --- ފޮޓޯ: މޯލްޑިވިއަން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މޯލްޑިވިއަނުން ބުނީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ދަތުރުތައް ފެށިގެން ދިޔައީ ރަމަޟާން މަހުގެ ފަހުކޮޅު ކަމުގައިވުމުން، ބަންގްލަދޭޝްގެ މަސައްކަތްތެރިން، އެ މީހުންގެ އާއިލާތައް ގާތަށް ފިޠުރު ޢީދު ބަންދުގައި ދިއުމަށް މަގުފަހިވާނެ ކަމަށެވެ. މޯލްޑިވިއަނުން ބުނީ، ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށެވެ. ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ ޓިކެޓު މޯލްޑިވިއަންގެ ވެބްސައިޓުންނާއި އެ އެއާލައިންގެ މޯބައިލް އެޕުންނާއި، ކޯލް ސެންޓަރު 1671 އަށް ގުޅައިގެން، ނުވަތަ އީމެއިލްކޮށްގެން ލިބޭނެ ކަމަށް، މޯލްޑިވިއަނުން ބުންޏެވެ. ބަންގްލަދޭޝްގައި ތިބި ފަސިންޖަރުން، އެ ގައުމުގެ މޯލްޑިވިއަންގެ ސޭލްސް އޭޖެންޓް ގެލެކްސީ އޭވިއޭޝަނާ ގުޅައިގެން ޓިކެޓު ހަމަޖެއްސޭނެ ކަމަށް ވެސް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ