ޗެލްސީގެ ވައިސް ކެޕްޓަން އެންޒޯ ފެނާންޑެޒް ދެއްކި ވާހަކަ އަކާއި ގުޅިގެން އޭނާއަށް އެ ކްލަބުން އަދަބު ދީފި އެވެ.
އީއެސްޕީއެން އަށް އެންޒޯ ފެނާންޑޭޒް ދިން އިންޓަވިއުއެއްގައި އޭނާ އަންނަ ސީޒަނުގައި ޗެލްސީ އިން ފެނިދާނެތޯ ސުވާލު ކުރުމުން އެކަން ޔަގީން ނުވާ ކަމަށް ބުނުމާއި ގުޅިގެންނެވެ. އެ އިންޓަވިއުގައި އެންޒޯ ވަނީ އޭނާ މެޑްރިޑްގައި ދިރިއުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"އަހަރެންނާއި ރެއާލް މެޑްރިޑާއި ދެމެދު އެއްވެސް މަޝްވަރާއެއް ނުކުރެވޭ ނަމަވެސް އަހަރެން އަންނަ ސީޒަނުގައި ޗެލްސީ އިން ފެނިދާނެކަމުގެ ޔަގީން ކަމެއް ނެތް. މިޑްރިޑްގައި ދިރިއުޅުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް. އެއީ ބޮއިނިސް އައިރިސްގެ މަތިން ހަނދާން އާވާފަދަ ސިޓީއެއް." އެ އިންޓަވިއުގައި އެންޒޯ ފެނާންޑޭޒް ބުންޏެވެ.
މި އިންޓަވިއުއާއި ގުޅިގެން ޗެލްސީ އިން ވަނީ ކުރިއަށް އޮތް ދެ މެޗަށް އެންޒޯ ޓީމަށް ނުނަގާނެ ކަމަށް ބުނެފަ އެވެ.
"އެންޒޯ ވަނީ ލައިން ކްރޮސް ކޮށްފައި އެހެންކަމުން ކުރިއަށް އޮތް ދެ މެޗުގައި އޭނާ ނުފެންނާނެ. ނަމަވެސް އޭނާއަށް ދޮރު ބަންދުވީއެއް ނޫން. މިއީ އޭނާއަށް ދިން އަދަބެއް." ޗެލްސީގެ ކޯޗު ލިއާމް ރޮޒޭނިއާ ބުންޏެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހު 107 މިލިއަން ޕައުންޑުގެ ފީއަކަށް ޗެލްސީ އާއި ގުޅުނު އުމުރުން 25 އަހަރުގެ އެންޒޯ ފެނާންޑޭޒް ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ޗެލްސީގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެންޒޯ ފެނާންޑޭޒްގެ އެޖެންޓް ބުނެފައިވަނީ މިއީ އެ ކްލަބުން ދިން ބޮޑު އަދަބެއް ކަމަށާއި އަދި ކްލަބް މިހާރު އޮތް ހާލަތަށް ބަލާއިރު ކޮށްގެންވާނެ ފަދަ ކަމެއް ނޫން ކަމަށެވެ.
ޗެލްސީ އިން އެންޒޯ ފެނާންޑޭޒް ދެ މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު އޭނާއަށް މިއަދު އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުގައި ޕޯޓް ވޭލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭއިރު ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް މި މަހުގެ 12 ވަނަ ދުވަހު ކުޅޭ މެޗުގައިވެސް ނުކުޅެވޭނެ އެވެ.
ފެނާންޑޭޒް އަށް ޗެލްސީ އިން އަދަބު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ