އީރާނުގެ ސުލައިމާނީގެ އާއިލާގެ ބަޔަކު އެމެރިކާއިން ހައްޔަރުކޮށްފި

އަވަހާރަކޮށްލާފައިވާ އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީގެ އާއިލާގެ ބަޔަކު އެމެރިކާއިން ހައްޔަރުކޮށްފިކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު ބުނީ އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީގެ އާއިލާގެ ދެ މީހެއް ހައްޔަރުކުރީ އެމީހުންގެ ގްރީން ކާޑު، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ބާތިލުކުރުމާ ގުޅިގެން ކަމަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ސުލައިމާނީގެ އަންހެން ކޮއްކޮގެ ދަރިއެއް ކަމަށްވާ ހަމީދާ ސުލައިމާނީ އަފްޝާރު އާއި އޭނާގެ އަންހެން ދަރިފުޅު ކަމަށެވެ. މި ދެމީހުން މިހާރު ތިބީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓްގެ ބެލުމުގެ ދަށުގައެވެ.
އެމެރިކާއިން މިހެން ބުނި ނަމަވެސް، އީރާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސުލައިމާނީގެ އާއިލާގެ އެއްވެސް މީހަކު އެމެރިކާގައި ދިރިއުޅެފައި ނުވާނެ ކަމަށް އޭނާގެ ދަރިފުޅު ނަރުޖިސް ސުލައިމާނީ ވަނީ ބުނެފައެވެ. އަދި ސުލައިމާނީގެ ތިބީ ދެ ފިރިހެން ކޮއްކޮގެ ދަރިން ކަމަށާއި، އަންހެން ކޮއްކޮގެ ދަރިން ނުތިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ 2020 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އެމެރިކާއިން ބަޣުދާދަށް ދިން ވައިގެ ހަމަލާއެއްގައެވެ. މިހާރު މި ހިނގާ ޓްރަމްޕްގެ ދެވަނަ ދައުރުގައި، އެމެރިކާއިން ދަނީ "ނުރައްކަލެއް" ކަމަށް ބެލެވޭ ބޭރު ގައުމުތަކުގެ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ވަރުގަދަކުރަމުންނެވެ.
މީގެ އިތުރުން، އީރާނުގެ ސިޔާސީ ޝަޚްސިއްޔަތެއް ކަމަށްވާ އަލީ ލާރިޖާނީގެ ދަރިފުޅު ފާތިމާ އާއި އޭނާގެ ފިރިމީހާގެ ގާނޫނީ ހުއްދަވެސް ރޫބިއޯ ވަނީ މި މަހު ކުރީކޮޅު ބާތިލުކޮށްފައެވެ. އަލީ ލާރިޖާނީ އަވަހާރަކޮށްލާފައިވަނީ މިދިޔަ މާރިޗު މަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ