ހަނގުރާމަ ދިގުލައިގެންދާނެ ކަމަށް ބެލެވުނަސް ހަރަދު ކުޑަކުރުން ސަރުކާރުގެ މާ ބޮޑު ޝައުގެއް ނެތް ހަނގުރާމަ ދިގުލައިގެންދާނެ ކަމަށް ބެލެވުނަސް ހަރަދު ކުޑަކުރުން ސަރުކާރުގެ މާ ބޮޑު ޝައުގެއް ނެތް

މެދުއިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ގައުމުތަކުން އަޅަމުންދާ ދަނޑިވަޅެއްގައި ރާއްޖޭން ވެސް ހަނގުރާމަ ދިގުލައިގެން ދާނެ ކަމަށް ބެލި ނަމަވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން އަދިވެސް ފަހަތު ފިޔަވަޅަށް ބުރަވަމުންދާކަން ހާމަވެއްޖެ އެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅަން ފެށިތާ 23 ދުވަސް ފާއިތުވެފައިވާއިރު ދިވެހި ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަނގުރާމައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ވަޒީރުން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ސަރުކާރުން މި ހަނގުރާމަ ދިގުލައިގެންދާނެ ކަމަށް ދެކޭކަން ވަނީ ހާމަކޮށްފަ އެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި މިވަގުރު ހަނގުރާމަ ހުރީ "ކުއްލިއަކަށް ނިމޭ ޓްރެޖެކްޓަރީއެއްގައެއް ނޫނެވެ".
"ވަން ޓޫ މަންތްސްއަކުން މިކަން ނުނިމޭނެ. އަޅުގަނޑުމެން މިހާރު ރާވަމުން މިގެންދަނީ ހަ މަސްދުވަހާ ހިސާބަށް ގޮސްދާނެ ކަމަށް،" މި ސަރުކާރުގައި އެންމެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ޒަމީރު ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް ބަލާފައި، ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓުގެ ލަފާގެ މަތިން އެކްސްޓާނަލް ރިޒާވާއި، ހަރަދު ކުޑަކުރުމުގެ ކަންތައް ކުރިއަށްގެންދާނީ."
ޒަމީރުގެ ކުރިން ވާހަކަ ދެއްކެވީ މިހާރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުالله ހަލީލު އެވެ. އެފަދަ މަޝްވަރާތަކެއް ކުރަމުންދާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ހަލީލު އެވެ.
"ހަނގުރާމަ ދިގުލައިގެންދާނަމަ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކޮމިޓީން ދަނީ މަޝްވަރާތަކެއް ކުރަމުންކަން ވެސް އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން. ކުރިއަށް އޮތް ތަނުގައި ވެސް ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް އެކަމުގެ އިތުރު ބުރައެއް، ތަކުލީފެއް ނާންނޭ ގޮތަކަށް ސަރުކާރުގެ ވިސްނުން ހުރީ ފިޔަވަޅުތައް އަޅައިގެން ކުރިއަށްގެންދަން،" ހަލީލު ވިދާޅުވި އެވެ.
ގިނަ ގައުމުތަކުން ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކަކީ ރާއްޖޭން ހަނގުރާމަ ފެށިއިރު ވެސް ކޮށްގެން ތިބި ކަންކަން ކަމަށް ޒަމީރު ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ރޯދަ މަހުގެ ފަހު ދިހައަކަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމާއި މަސައްކަތު ގަޑިތައް ރޯދަ މަހަށް ކުރުކޮށްފައި ވުމަށެވެ.
"ފޯކާސްޓު ކޮށްފައި މި ބުނަނީ މިއަދުން ފެށިގެން ސްޕެންޑިން މިގޮތަށް ބަދަލުކޮށްލާނަމޭ. އެ ހިސާބުން ފެށިގެން އެ ގެއްލުންވާނެތީވެ އަޅުގަނޑުމެންނަށް ކުރަން ހުރި ބައެއް، މިސާލަކަށް އަޅުގަނޑުމެން ނަގަން ހުރި ބައެއް ލޯނު، ރީފައިނޭންސް ކުރަން ޖެހޭ، މިކަންކަމަށް ބުރޫ އަރާނެތީ މި ބަލަނީ، މިހާރު ވެސް ކުރަމުންދާ ކަންކަން އެންމެ ބާރަށް ނުގެންދެވުނަސް، މާކެޓްސްއަށް ބަދަލު ނާންނާނެ ގޮތަށް، މި ސާކިއުލާ ފްލޯ ދާނެ ގޮތަކަށް ގެންދިޔުމަށް،" ޒަމީރު ވިދާޅުވި އެވެ.
ގައުމުތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން ދަނީ ސިޔާސީ ބޭނުމުގައި ކަމަށް ޒަމީރު ސިފަކުރެއްވި އެވެ. އަދި އެހެން ބައެއް ގައުމުތަކުން އައިއެމްއެފްއިން އަންގައިގެން އެފަދަ ފިޔަވަޅުތަކެއް އަޅާފާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަހުރި އެސްޓިމޭޓްސް (އަންދާޒާތައް) ހަދާފައި. އެއާ އެއްގޮތަށް އަޅުގަނޑުމެން ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާނަން. ސީދާ މިވެނި މިވެނި ބަދަލުތަކޭ، އެއް ގަޑިއިރަށް އޮފީސްތައް ބަންދުކުރާނަމޭ، ނޫނީ އޯވާޓައިމް މި މަހަކު ނުދޭނަމޭ، އެގޮތަކަށް އެކަން ކުރަން އަޅުގަނޑު ގައިމުވެސް ނުވިސްނަން،" އެ ފިޔަވަޅުތަކަކީ ކޮބައިކަން ހާމަނުކޮށް ޒަމީރު ސަރުކާރުގެ ސްޓޭންޑު ދިފާއުކުރެއްވި އެވެ.
ހަނގުރާމަ ދިގުލައިގެންދިޔަ ނަމަވެސް ސިއްހީ ދާއިރާގެ ޕްރޮޖެކްޓުތަކާއި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް ހުއްޓާނުލައި ކުރިއަށްގެންދިޔުމަށް މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ބޭންކް އޮފް މޯލްޑިވްސް އަދި ބައެއް އަމިއްލަ ފަރާތްތަކުން ކޮންޓްރެކްޓާ ފައިނޭންސް ޕްރޮޖެކްޓުތައް އެބަހިންގާ. މި ޕްރޮޖެކްޓުތަކަކީ އަޅުގަނޑުމެން ހުއްޓާލަން ޖެހޭނެ ޕްރޮޖެކްޓުތަކެއް ނޫން. ކޭޝްފްލޯ ހުރެގެން އެރޭންޖުކޮށްފައި ހުރި ޕްރޮޖެކްޓު އެއީ،" ހަތަރު ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހުއްޓާނުލައި ކުރިއަށްގެންގޮސް ދޮޅު އަހަރުތެރޭ ނިންމާލެވޭނެ ކަމުގެ ޔަގީންކަން ޒަމީރު މިއަދު ދެއްވި އެވެ.
މި ހަނގުރާމަ ހިނގާ ފުރަތަމަ މަހުގެ ތެރޭގައި އެކަނި ރާއްޖެއަށް 85 މިލިއަން ޑޮލަރާއި 90 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. މިއީ މި އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 33.5 ބިލިއަން ރުފިޔާ އާމްދަނީން ކޮންމެ މަހެއްގައި ގެއްލިގެންދާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެވެ.
"ފަހަރެއްގައި ޖެހިދާނެ ޕްރޮޖެކްޓެއްގެ ޝެޑިއުލަށް ބަދަލެއް ގެނެސް، އޭގެ ކޭޝްފްލޯ، އަޅުގަނޑުމެންގެ ކޭޝްފްލޯއަށް ބަލާފައި، ރައީސްގެ އެއް އިރުޝާދަކީ ބޯހިޔާވަހިކަމާއި ސިއްހީ ކަންކަމަށް ވަރަށް ބޮޑު ޕްރިއޯރިޓީއެއް ދޭން ޖެހޭނޭ،" ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ބައެއް ބަދަލުތަކެއް ގެންނާނެ ކަމުގެ އިޝާރާތެއް ދެއްވަމުން ޒަމީރު ވިދާޅުވި އެވެ.
"ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅާއިރު އަދި އިތުރަށް ފައިސާ ހޯދަން ޖެހޭނެ. ބޭރު ފައިސާ ހޯދައިގެން ތެޔޮ އިމްޕޯޓު ކުރެވޭނީ. އެހެންވީމާ ބޭރު ފައިސާ ލިބޭ މަލްޓިލޭޓަރަލް ބައެއް އެޖެންސީތަކުންނާއި، އިތުރަށް ޑެޓު ވެސް ނަގަން ޖެހޭނެ، ރާވައިގެން ގެންދާނީ. ހުރިހާ ކަމެއް ހުއްޓާލާނިއެއް ނޫނޭ."
ރާއްޖެއަށް ވުރެ މާ މާލީ ގޮތުން ބާރުގަދަ، ރިޒާވުތައް ވަރުގަދަ ގައުމުތަކުން ވެސް އަންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ޗައިނާ، ޖަޕާން، ފިލިޕީންސް، ދެކުނު ކޮރެއާ، މެލޭޝިއާ، އިންޑޮނީޝިއާ، އިންޑިއާ އާއި ހުޅަނގާއި އެމެރިކާ އަދި އެފްރިކާގެ ގައުމުތައް ހިމެނެ އެވެ.
މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމުގައި ފަހަތު ފަޔަށް ބުރަވަމުން އަންނަނީ އެޕްރީލް މަހުގެ ކުރީކޮޅު އޮންނަ އިންތިހާބާ ގުޅިގެން ކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ބުނަމުންނެވެ. އެ އިންތިހާބާ ދިމާކޮށް އެތައް ސަތޭކަ މުވައްޒަފުންނެއް ސަރުކާރުން އަންނަނީ ހިއްސާ އޮންނަ ކުންފުނިތަކަށް ނަގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ