ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރުކުރުމަށް ޓަކައި އާ ދެ ވިސާއެއް ތައާރަފުކުރަނީ
އެމެރިކާ-އީރާން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރުކުރުމަށް ޓަކައި އާ ދެ ވިސާއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން އުފައްދައިފައިބާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިން ގައުމުގައި ހޭދަކުރާ ދުވަސްތައް އިތުރުކުރުމަށް ޓަކައި، މިހާރު ދެމުންދާ 30 ދުވަހުގެ އޮން-އެރައިވަލް ވިސާގެ މުއްދަތު އިތުރުކުރެވޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގައި ތިބެގެން ވަޒީފާގެ މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް "ރިމޯޓް ވޯކިން ވިސާ" އާއި، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ "ކޮންޓެންޓް ކްރިއޭޓާ" ވިސާއެއް ތައާރަފުކުރުމުގެ ޕްލޭން މިނިސްޓަރު ހާމަކުރެއްވިއެވެ. "ރިމޯޓް ވޯކާސް ރާއްޖެ އައިސް މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި، ހާއްސަކޮށް ގެސްޓު ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މިދެންނެވި ރިމޯޓް ވޯކާ ނުވަތަ ކޮންޓެންޓު ކްރިއޭޓަރުން ގިނަވެއްޖެ ނަމަ އެ ބޭފުޅުންގެ އޮކިއުޕަންސީ ބޮޑުކުރެވިގެންދާނެ. އެހެންވީމާ އެ ދިމާލަށް މަސައްކަތް ކުރަމުންދަނީ،" އޭނާ ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ދަތުރުކުރާ ގިނަ ފަތުރުވެރިން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބޭނުންކުރާއިރު، އެ ސަރަހައްދުގެ މަސްލަހަތު ގޯސްވުމުގެ ސަބަބުން މި މަސް ފެށުނު ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވަނީ ގާތްގަނޑަކަށް 21 އިންސައްތަ ދަށަށް ގޮސްފައެވެ. މި ހާލަތުން އަރައިގަތުމަށް ޓަކައި ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، އާ ދާއިރާތަކަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ސްޕޯޓްސް ފިޝިން، ބިގްގޭމް ފިޝިންގެ އިތުރުން، ޓެކްނިކަލް އަދި ރެކްރިއޭޝަނަލް ޑައިވިން ތައާރަފުކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ތޯރިގް ވިދާޅުވިއެވެ. "ސްޕޯޓްސް ފިޝިންގެ ސްޕިއާ ފިޝިން 40 އަހަރު ވެއްޖެ މަނާކޮށްފައި އޮންނަތާ. ނަމަވެސް އެކަމަށް ހުއްދަ ދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ހަލާލް ޓޫރިޒަމް ފުޅާކުރުމާއި، ޗާޓަރު ކުރެވިފައިވާ ސުޕަޔޮޓްތައް ރާއްޖެއަށް ގެނައުމުގެ އިތުރުން، ތަފާތު ދިރާސާތައް ކުރަން އަންނަ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ