އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ކައިރިއަށް ވަރުގަދަ ހަމަލާތަކެއް، 100 އަށްވުރެ ގިނަ މީހުން ޒަހަމްވި!

އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާދިނުމާއެކު ފެށިފައިވާ ހަނގުރާމައިގައި އިސްރާއީލުގެ ދެކުނުގައިވާ ނިއުކްލިއާ މައި މަރުކަޒެއް ކައިރިއަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފިއެވެ.
މިއަދު އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތައް އަމާޒުވެފައިވަނީ އިސްރާއީލުގެ ޝިމޮން ޕެރޭޒް ނެގެވް ނިއުކްލިއާ ރިސާޗް ސެންޓަރު ކައިރީގައިވާ އަރަދު އަދި ޑިމޯނާ ސަރަހައްދުގެ މީހުން ދިރިއުޅޭ ތަންތަނަށެވެ. މިއީ މިދިިޔަ މަހުގެ 28 ގައި ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުގެ ނިއުކްލިއާ ވަސީލަތްތަކާ މިހާ ކައިރިއަށް އީރާނުން ކާމިޔާބު ހަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ.
މި ހަމަލާތަކުގައި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމަށް ދެ މިސައިލެއް ހުއްޓުވޭގޮތް ވަނީ ނުވެފައެވެ. މި ހަމަލާތަކުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އޭގެ ތެރޭގައި ހާލު ސީރިއަސް ބައެއް ކުޑަކުދިންވެސް ހިމެނެއެވެ.
އަރަދު ސަރަހައްދުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) އިން ބުނެފައިވަނީ ނިއުކްލިއާ މަރުކަޒުން ރޭޑިއޭޝަން ބޭރުވުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް 48 ގަޑިއިރުގެ އިންޒާރެއް ދީފައެވެ. ޓްރަމްޕް ބުނާގޮތުން ހޯމަ ދުވަހުގެ ރޭގަނޑުގެ ކުރިން ހޮރްމޫޒް ކަނޑިއޮޅި ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާނުލައިފިނަމަ، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ހަކަތައިގެ ވަސީލަތްތައް އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށެވެ.
އީރާނުން ވަނީ މި އިންޒާރަށް ރައްދުދީ، އެ ގައުމުގެ ހަކަތައިގެ ނިޒާމަށް ހަމަލާއެއް ދީފިނަމަ އެ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ހަކަތައިގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ