ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުނަމްގެ އާ ފިލްމުގެ ލީޑް ތަރިންނަށް ވިޖޭ އާއި ސައި
ދެކުނު އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު މަނީ ރަތުނަމްގެ އާ ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ސައުތު ސިނަމާގެ ކާމިޔާބު ފިލްމީ ތަރިން ކަމަށްވާ ވިޖޭ ސެތުޕަތީ އާއި ސައި ޕައްލަވީ ހަމަޖައްސައިފިއެވެ. މަނީ ރަތުނަމްގެ ކުރިއަށް އޮތް މި ފިލްމާ ބެހޭ ގިނަ ތަފުސީލުތަކެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިހާތަނަށް ވަކި ނަމެއް ދެވިފައި ނުވާ މި ފިލްމަށް މިވަގުތު ކިޔަނީ "ޕްރޮޑަކްޝަން ނަންބަރު 23" ކަމަށް ވެސް ފިލްމީ ޚަބަރުތަކުން ބުނެއެވެ. މިއީ ކަމަލް ހާސަންއާ އެކު އޭނާ އެންމެ ފަހުން މަސައްކަތްކުރި "ތަގް ލައިފް" އަށް ލިބުނު ފިނި ތަރުޙީބަށްފަހު، މަނީ ރަތުނަމް އިޢުލާނުކުރި ފުރަތަމަ ފިލްމެވެ. ފިލްމު ޑައިރެކްޓަރު މަނީ ރަތުނަމް--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމި ފިލްމަކީ މަނީ ރަތުނަމް އާއި ވިޖޭ ސެތުޕަތީ އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން މި ދެ ފަންނާނުން އެކުގައި މަސައްކަތްކޮށްފައި ވަނީ 2018 ވަނަ އަހަރު "ޗެއްކާ ޗިވަންތަ ވަނަމް"ގެ ނަމުގައި ރިލީޒްކުރި ފިލްމެއްގައެވެ. މަނީ ރަތުނަމްގެ ފިލްމު ކުންފުނި "މަދްރާސް ޓޯކީޒް"އިން ހާމަކުރި ގޮތުގައި، މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދޭނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރު ރަހްމާންއެވެ. "ރޯޖާ" އާއި "އަލައިޕަޔުތޭ" ފަދަ ކާމިޔާބު ފިލްމުތަކަށްފަހު، މި ދެ ފަންނާނުން އަލުން ގުޅިގެން ކުރާ މި މަސައްކަތަކީ އަނެއްކާވެސް ފާހަގަކޮށްލެވޭ ފުރިހަމަ އުފެއްދުމަކަށް ވާނެ ކަމަށް ބެލެވެއެވެ. މި ފިލްމަކީ ލައިކާ ޕްރޮޑަކްޝަންސް އާއި މަދްރާސް ޓޯކީޒް ގުޅިގެން އުފައްދާ ފިލްމެކެވެ. ފިލްމުގެ އޯޑިއޯ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސޮނީ މިއުޒިކް ސައުތުއެވެ. މަނީ ރަތުނަމް އެންމެ ފަހުން ޑައިރެކްޓްކުރި "ތަގް ލައިފް" އަކީ ގޭންގްސްޓަރުންގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. ނަމަވެސް އެ ފިލްމަށް އާންމުންގެ ފަރާތުން އެދެވޭ ތަރުޙީބެއް ލިބިފައެއް ނުވެއެވެ. ވިޖޭ ސެތުޕަތީ ދެން އެންމެ އަވަހަށް ފެންނާނީ ރަޖްނީކާންތާ އެކު ސޮއިކޮށްފައިވާ ފިލްމު "ޖެއިލާ 2"އިންނެވެ. އަދި ސައި ޕައްލަވީގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމު "އޭކް ދިން"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ