ބީއެމްއެލް އެސްއެމްއީ ޑިޖިޓަލް: ކުދި ވިޔަފާރިތަކަށް އެހީ އާއި އުންމީދު

އަހުމަދު ހައްޔާމު ރަޝީދު ދުށް ހުވަފެނަކީ، އޭނާގެ ބައްޕަ ކުރަމުން އައި ސައިކަލު މަޑި ހަދައިދިނުމާއި ވަޑާމުގެ ވިޔަފާރި، ޒަމާނީ ހިޔާލުތަކާ އެކު ބައްޕައަށް އެހެން ހަރުފަތަކަށް ގެންގޮސްދިނުމެވެ. އޭނާ ފައްކާކުރި ހިޔާލަކީ މާލޭގެ ކުދިކުދި އެޕާޓްމަންޓްތަކުގައި ބެހެއްޓޭނެ ފަރުނީޗަރު ހެދުމުން ފެށިގެން ބޮޑެތި ވިޔަފާރިތަކުގެ އޮފީސް މާހައުލަށް ބޭނުންވާ ފަރުނީޗަރު ޖަހައިދިނުމެވެ. އެއީ، 'ކޮމެރެބި' އެވެ. މީގެ ހަތް އަހަރުކުރިން ފެށި އެ ވިޔަފާރި މިހާރު ވަނީ ފުޅާވެ ފައްކާވެފަ އެވެ. ޝޯރޫމެއް ހުޅުވައި މުވައްޒަފުންގެ އަދަދު 30 އަށް ވަނީ އަރައިފަ އެވެ. އެ ހުރިހާ ކަމެއް ހާސިލްވުމުގައި ހައްޔާމަށް އެންމެ ބޮޑު އެހީއަކަށްވީ އެސްއެމްއީ ޑިޖިޓަލްއިން ފޮރުކޮށްދިން ވިޔަފާރި ކުރިއެރުވުމުގެ ލޯން އެހީ އެވެ.
"ކޮމާޝަލް ބޭންކްތަކާ އަޅާ ބަލާއިރު، އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދީފައިވާ ފައިނޭންސިން އަކީ ޕްރޮފިޓް ރޭޓް ވަރަށް ދަށް ފައިނޭންސިން ފެސިލިޓީ އެއް. އަދި އެންމެ ބޮޑު ލުޔަކަށް ވެގެންދިޔައީ ރަހުނަކާ ނުލާ ދޫކުރާ ފެސިލިޓީއެއް ކަމުން މިކަން ކުރަން ފަސޭހަވި.އަޅުގަނޑުގެ ނެތް މޯގޭޖްކުރާކަށް އެއްވެސް ބިމެއް" ހައްޔާމް ބުންޏެވެ.
އޭނާއަށް އެސްއެމްއީ ޑިޖިޓަލްއިން ފޯރިކޮށްދިނީ، އިސްލާމިކް މައިކްރޯ ފައިނޭންސިން އެވެ. އެ ފައިނޭންސިން ފެސިލިޓީއަކީ: 
100،000 ރުފިޔާއަށް ހަމައަށް ފައިނޭންސިން ދޭ
10 އަހަރު އަނބުރާ ފައިނޭންސިން ދެއްކުމަށް
12 މަސް ލޯން އަނބުރާ ދައްކަން ފަށަން ނުވަތަ ގްރޭސް ޕީރިއަޑްގެ ގޮތުގައި
މި ފައިނޭންސިން ވެފައި ވަނީ އޭނާގެ ވިޔަފާރި ފުޅާވެފައިވާ އެއް ސަބަބަށެވެ.
އެހެން ވިޔަފާރިވެރިއެކެވެ. ފާތިމަތު ސާޖިދާ އެވެ. އިލަސްޓްރޭޝަނާއި އަތްތެރި މަސައްކަތަށް ސާޖިދާގެ އޮންނަ ލޯތްބެއްގެ ސަބަބުން އޭނާ ހަދަން ފެށި ތަފާތު ހަދިޔާތަކުން އުފަންވީ، "އީޔާ" އެވެ. މީގެ 10 އަހަރުކުރިން 2016ގައި ސާޖިދާ އިސްޓްގްރާމްގައި ފެށި އެ ވިޔަފާރި މިހާރު އެ ހުރި ވަރަށް ފުޅާވީ 2024ވަނަ އަހަރު އެސްއެމްއީ ޑިޖިޓަލް ބޭންކުން އޭނާއަށް ލިބުނު، 'ފަށާ މަދަދު' ލޯނެވެ.
"ސޯޝަލް މީޑިއާގެ ޒަރީއާއިން މި ލޯނާ ބެހޭ މައުލޫމާތު ލިބުނީ އެހެން ބޭންކުތަކާ އަޅާބަލާއިރު މި ލޯނުގެ ރޭޓު ކުޑަވުމާއި، މިއީ ކުދި ވިޔަފާރިތަކަށް ހާއްސަ ފުރުސަތަކަށް ވުމުން، ލޯނު ލިބުމުގެ ފުރުސަތު ބޮޑުވާނެކަމަށް އޭނާ އުންމީދުކޮށްގެންލީ،" ސާޖިދާ ބުންޏެވެ.
ފަށާ މަދަދު ލޯނަކީ:
ރަހުނަކާ ނުލާ 250،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ
އަނބުރާ ދެއްކުމަށް 7 އަހަރުގެ މުއްދަތެއް
ލޯން ދައްކަން ފަށަން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް
އޭނާ ބުނި ގޮތުގައި ލޯނުގެ އެހީގައި ވިޔަފާރިއަށް ބޭނުންވާ މުދާ އިތުރުކޮށް، އާ ބާވަތްތައް ވިޔަފާރިއަށް ތައާރަފުކުރި އެވެ. މީގެ އިތުރުން، މެޝިނަރީތައް އާކޮށް، ޑިޒައިން ކުރުމަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމަކާއި، އާ ފަހާ މެޝިނެއްގެ އިތުރުން ފޮޓޯ ނެގުމަށް ބޭނުންވާ ސާމާނު ވެސް އޭނާ ހޯދި އެވެ.
"މީގެ ސަބަބުން ވިޔަފާރި ފުޅާވެ، އުފެއްދުންތައް ގިނަވެ، ލިބޭ އާމްދަނީއަށް ވެސް ވަނީ ހެޔޮ ބަދަލެއް އައިސްފައި،" ސާޖިދާ ބުންޏެވެ.
މިފަދަ އެތައް ވިޔަފާރިއެއް ވަނީ އެސްއެމްއީ ޑިޖިޓަލްގެ ފައިސާގެ އެހީއާ އެކު ފުޅާވެ ފައްކާވެފަ އެވެ.
އެސްއެމްއީ ޑިޖިޓަލްއަށް މިހާރު ހަތް އަހަރުވީ އެވެ. މިވީ ދުވަސްތަކުގައި އެބޭންކުން ވަނީ 4،000 އަށް ވުރެ ގިނަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތައް، ގެސްޓްހައުސްތަކާއި ރަށު ފަތުރުވެރިކަމުގެ އެކި ވިޔަފާރިތައް އަދި އަންހެނުންނާއި ގޭގައި ތިބޭ އަންހެނުން އާމްދަނީ ހޯދުމަށް ކުރާ އެކި ވިޔަފާރިތަކާއި މަސައްކަތްތައް ހިމެނެ އެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީ އަކަށް ވުމަށް ފަހު، އެސްއެމްއީ ޑިޖިޓަލްގެ މަސައްކަތްތައް ފުޅާކުރަން އެ ބޭންކުން ކުރާ މަސައްކަތުގެ ދަށުން މިހާރު ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން 10 މިލިއަން ރުފިޔާއާ ހަމައަށް މިހާރު ފައިނޭންސް ދޫކުރެ އެވެ. ހާއްސަކޮށް ރަށު ފަތުރުވެރިކަން ކުރިއަރުވަން އާ ގެސްޓްހައުސް ހެދުމަށާއި ހަދާފައި ހުރި ގެސްޓްހައުސްތައް ނިންމަން އެ ބޭންކުން ގެންދަނީ ފައިނޭންސް ދޫކުރަމުންނެވެ.
މީގެ އިތުރަށް އެ ބޭންކު މިހާރު ހިންގަނީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް އިސްލާމިކް ބޭންކެއްގެ ގޮތުގަ އެވެ.
އެސްއެމްއީ ބޭންކުގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލް އިން ފާއިތުވީ 7 އަހަރު ދުވަހު މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީ ވިޔަފާރިތަކާއި ގާތުން ކަމަށެވެ. އަދި 4000 އަށް ވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ ހައްލު ފޯރުކޮށްދީ އެ ވިޔަފާރިތަކުގެ ތަރައްގީގެ ބައިވެރިއެއް ގޮތުގައި ހަރަކާތްތެރިވުމަކީ އެ ބޭންކަށް ލިބޭ ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެެވެ.
"އެސްއެމްއީ ޑިޖިޓަލްގެ މާލީ އެހީއާ އެކު ގިނަ ދާއިރާތަކުން ވިޔަފާރީގެ އާ ފެށުންތަކެއް ފެށިއްޖެ. ޒުވާނުން ވިޔަފާރީގައި ހަރަކާތްތެރިވުމާއި އާމްދަނީ ހޯދޭނެ ގޮތްތަކެއް މަގުފަހިކޮށްދެވިއްޖެ،" ބަދުރުއްދީން ވިދާޅުވި އެވެ.
"އަންހެނުނަން ހާއްސަކޮށްގެން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ސަބަބުން އަންހެނުންނަށް މާލީގޮތުން މިނިވަންކަން ލިބި އާއިލާތަކަށް ގަދަރުވެރި ދިރިއުޅުމެއް އުޅޭނެ މަގު ތަނަވަސްކޮށްދެވިއްޖެ. ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ރާއްޖޭގެ އިގްތިސާދުގައި ކުދި ވިޔަފާރީގެ ހިއްސާ ކުރިއަށް ވުރެ ބޮޑަށް އިތުރު ކޮށްދެވިއްޖެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ