މި ފެށުނީ އައްޑޫ ކަރަންޓު މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް

އައްޑޫ ސިޓީގައި ގާއިމުކުރާ ސެންޓްރަލް ޕަވަ ސްޓޭޝަން (ސީޕީއެސް) ޕްރޮޖެކްޓާއެކު މި ފެށުނީ އައްޑޫގެ ކަރަންޓު މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.
އެ މަސައްކަތް މި މަހުގެ 7 ގައި ހަވާލުކޮށްފައި ވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާ އެވެ.
އެ ޕްރޮޖެކްޓު ރަސްމީކޮށް ލޯންޗުކުރުމަށް ރޭ އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަޖާހު ވިދާޅުވީ މި ޕްރޮޖެކްޓުގެ މަސައްކަތް މި ދައުރު ނިމުމުގެ ކުރިން ނިންމާނެ ކަމަށާއި މިކަން ކުރުމަށްޓަކާ މިދިޔަ އަހަރު ބަޔަކާއި ހަވާލުކުރި ނަމަވެސް ދިމާވި އެކި ސަބަބުތަކާއި ހުރެ އޭރު އެ ޕްރޮޖެކްޓު ކުރިއަށް ގެންދެވޭ ގޮތް ނުވީ ކަމަށެވެ.
އެެހެން ނަމަވެސް މި މަސައްކަތަށް އިތުރު ވަގުތު ދިގުލައިގެން ދިޔަ ނުދިނުމަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް އާ ފަރާތަކާއި އެ މަސައްކަތް ހަވާލުކުރުމަށް ކަމަށް ނަޖާހު ވިދާޅުވި އެވެ. އެގޮތުން މިކަމަށް ބޭނުންވާ ކޮންޓްރެކްޓުގައި ސޮއިކުރެވި، އެކަމަށް ބޭނުންވާ އިދާރީ ކަންކަން މިހާރު ފަށައިގެންފައިވާ ކަމަށް ނަޖާހު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ފެށިގެން މިދަނީ ކަރަންޓުގެ މައްސަލައަށް ދިގު މުއްދަތުގެ ހައްލެއް އަދި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް،" ނަޖާހު ވިދާޅުވި އެވެ.
ފެނަކައިން ބުނެފައި ވަނީ މި މަޝްރޫޢުގެ ދަށުން މަރުކަޒީ އިންޖީނުގެ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އުފެއްދުމެއް ކަމަށެވެ. ޔޫރަޕްގައި ބޭނުންކުރާ އެ ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީޕީއެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ