ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުންދު އައްޔަންކޮށްފި

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ.ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޙުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަޤާމުތަކާއި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.
މުޙައްމަދު ޙުސައިން ޝަރީފަކީ މީގެ ކުރިންވެސް ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2005 އިން 2007 އަށް ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން އަދި 2007 އިން 2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު އޭނާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މިއަދު މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ