ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ޑާކާ (30 ޑިސެމްބަރު 2025) : އާލާސްކަން ފުޅުގައި އުޅުއްވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ. ޚާލިދާ ޒިޔާގެ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) އިން ނެރުނު ބަޔާނެއްގައިވާގޮތުން ޚާލިދާ ޒިޔާ އަވަހާރަވީ ބަންގްލަދޭޝްގެ ގަޑިން ހެނދުނު ހައެއްޖެހީއިރުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. "ބީއެމްޕީ" އިން ވަނީ އެކަމަނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އަދި އެކަމަނާ ގައުމަށް ކުރެއްވި ޚިދުމަތްތައް ފާހަގަކޮށްފައެވެ. ބޭގަމް ޚާލިދާ ޒިޔާ އާލާސްކަންފުޅުގައި އުޅުއްވާތާ އެތައް އަހަރެއް ވެއްޖެއެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ޚާލިދާ ޒިޔާގެ މައިގަނޑު އާލާސްކަންފުޅަކީ ފުއްޕާމޭ ގައި އިންފެކްޝަން އުފެދި އެކަން ރަނގަނޅު ނުވުމެވެ. ހާލިދާ ޒިއާ (ވ) އަދި އޭނާގެ ދަރިފުޅު ތާރިގް ރަހްމާން(ކ) - މީގެއިތުރުން ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުމުގެ ކަންތައްވެސް ވަރަށް ބޮޑެވެ. ކިޑްނީގެ މައްސަލަތަކާއި އާތްރައިޓިސްއާއި ލޮލުގެ ބަލިތަކާއެކު އުމުރުން ދުވަސްވުމާ ގުޅިގެން އެކަމަނާގެ އާންމު ސިއްހަތުވެސް ވަރަށް ގޯސްކަން ކުރިން ޑޮކްޓަރުންވަނީ ހާމަކޮށްފައެވެ. މިދިޔަ އަހަރު ބަންގްލަދޭޝްއިން ފިއްލެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި ޚާލިދާ ވަނީ ކޮރަޕްޝަނުގެ މައްސަލަ ސާބިތުވެގެން ދިގުމުއްދަތަކަށް ޖަލަށްލާފައެވެ. ޚާލިދާގެ ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވީ ޖަލުގައި ހުންނެވި ދުވަސްވަރުގައެވެ. ނަމަވެސް ގޭބަންދަށް ބަދަލުކުރަން ޚާލިދާގެ ފަރާތުން އެދުނު އެދުމަށް ހަސީނާގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެހެންކަމުން މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވެއްޓެންދެން ޚާލިދާ ހުންނެވީ ޖަލުގައެވެ. ޚާލިދާގެ ސިއްހީ ހާލުކޮޅު ކިތަންމެ ގޯސް ނަމަވެސް އަންނަ ފެބްރުއަރީ 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ބޮޑުވަޒީރުކަމަށް ވާދަ ނުކުރައްވާގޮތަށް އެކަމަނާ ނިންމަވާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަފްތާގެ ބަންދުގައި ޚާލިދާގެ ދޮށީ ފިރިހެން ދަރިކަލުން ތާރިގް ރަހްމާން ވަނީ 17 އަހަރު ގައުމުން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންފައެވެ. މިއާއެކު ބޮޑުވަޒީރުކަމަށް ވާދަކުރައްވާނީ ތާރިގް ކަމަށް ބެލެވިފައިވެއެވެ. ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިޔާއުއްރަހްމާން ބޭގަމް ޚާލިދާ ޒިޔާ އަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ ދެފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވިއެވެ. ފުރަތަމަ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ 1991 ން 1996 އަށެވެ. އެއަށްފަހު 2001 ން 2006 އަށްވެސް ބޮޑުވަޒީރުކަން ކުރެއްވިއެވެ. ޚާލިދާގެ ފިރިކަލުންނަކީ ބަންގްލަދޭޝްގެ 6 ވަނަ ރައީސް ޖެނެރަލް ޒިޔާއުއްރަހްމާން އެވެ. ޒިޔާއުއްރަހްމާން އަކީ މިލިޓަރީ ޖެނެރަލެއްގެ އިތުރުން ބަންގްލަދޭޝްގައި އުފެދުނު ވަރަށް މަޝްހޫރު އަދި ރައްޔިތުންގެ ތާއީދު ވަރަށްބޮޑު ސިޔާސީ ލީޑަރެކެވެ. ޒިޔާއުއްރަހްމާން ބަންގްލަދޭޝްގެ ރައީސްކަން ކުރައްވާފައިވަނީ 1977 ން 1981 އަށެވެ. ޒިޔާއުއްރަހްމާންގެ ވެރިކަން ވެއްޓިފައިވަނީ 1981 ވަނަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު ބަންގްލަދޭޝްގެ ސިފައިންގެ ބަޔަކު ވެރިކަމާދެކޮޅަށް ކުރި ބަޣާވާތެއްގައި ސިފައިންގެ ބަޔަކު އޭނާގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މިޖަރީމާ ހިންގާފައިވަނީ ޒިޔާއުއްރަހްމާންގެ ޕާޓީ ތެރޭގައި އުފެދުނު މައްސަލައެއް ހައްލުކުރަން އޭނާ ބަންގްލަދޭޝްގެ ސިޓީއެއްކަމަށްވާ ޗިޓަގޮން އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. މި ޖަރީމާގައި ޒިޔާއުއްރަހްމަން ގެ އިތުރުން އޭނާގެ ސަރުކާރުގެ އިސްވެރިންގެ އެތަށް ބަޔަކުވެސް އަވަހާރަވިއެވެ. އެއަށްފަހު 1991 އާ ހަމައަށް ބަންގްލަދޭޝްގައި ވެރިކަން ކުރީ ސިފައިންގެ ޖެނެރަލުންނެވެ. ޒިޔާއުއްރަހްމާން އަވަހާރަކޮށްލުމަށްފަހު އޭނާގެ ޕާޓީގެ ލީޑަރެއްގެ ގޮތުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ އަނބިކަނބަލުން ޚާލިދާ ޒިޔާ އެވެ. އަވަހާރަކޮށްލިއިރު ޒިޔާއުއްރަހްމާންގެ އުމުރުފުޅަކީ 45 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ