ރަށެއްގައި ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ހާއްސަ ތަހުގީގެއް

އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ރޭ ހުށަހެޅުމާ ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް ހާދިސާ ހިނގި ރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަށްވުމާއެކު އެ ރަށުގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ހަގީގަތާ ހިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމަށާއި، ކުއްޖާގެ ކަރާމާތާއި ހައްގުތަކަށް އިހުތިރުމްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާނުކުރުމަށް ދަންނަވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ