އެމްޕީ އަސްމާ އާއިލާގެ އިތުރު ދެ މެންބަރަކު ސަރުކާރުން ވަކިކޮށްފި

މާފަަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު (އަސްމާާތަ) ކަމަށް ބެލެވޭ މީހަކު ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެ ވާހަކަ ދެއްކި އޯޑިއޯ ލީކުވުމާއެކު އެ އާއިލާގެ އިތުރު ދެ މެންބަރަކު ސަރުކާރުގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ އޯޑިއޯ ލީކްވެފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެއާއެކު އަސްމާގެ ދަރިކަލުން މުހައްމަދު ހުސެއިން ޝަރީފް (މުންދު)، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސަފީރު ކަމުން މިއަދު ވަނީ ވަކިކޮށްފަ އެވެ. ދެން ވަކިކުރި އެ އާއިލާގެ ދެ މެންބަރުންނަކީ:
ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފް (އަސްމާގެ ދަރިކަލުން)
އދ.އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާާ ރަޝީދު (އަސްމާގެ އެއްބަޑުއެއްބަފާ ކޮއްކޮ)
މުންދުގެ އިތުރުން، އެ ދެ ބޭފުޅުންވެސް މަގާމުން ވަކިކުރިކަން ސަރުކާރުގެ ބައެއް އޮފިޝަލުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ލީކްވި އޯޑިއޯގައި އަސްމާ ކަމަށް ބެލެވޭ މީހާ ވަނީ، ޕީއެންސީއަށް ވޯޓު ނުދިނުމަށް ބާރު އަޅާ ވާހަކަ ދައްކާފަ އެވެ. އަދި ޕީއެންސީން ކަނޑާލައި މަޖިލިސް ގޮނޑި ގެއްލުވާލި ނަމަވެސް، ބައި-އިލެކްޝަންގައި އެމްޑީޕީގެ ވޯޓާއެކު އެ ގޮނޑިއަށް އަލުން އިންތިހާބުވާނެ ކަމަށްވެސް ބުނާ އަޑު އިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާއެކު ކުންފުނިތަކުގެ ވެރިންވެސް ވަކިކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން މިހާތަނަށް ފެނަކަ އަދި އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ